ސްރީ ލަންކާގެ މައުންޓް ލެވީނިއާ ސަރަހައްދުގައި ކުޑަ އަންހެން ކުއްޖަކު ލައްވައި ހަށި ވިއްކުވި މައްސަލައެއްގައި އެގައުމުން ހައްޔަރު ކުރި މުހައްމަދު އަޝްމަލީ އަކީ އެކަން ކުރަމުން ދިޔަ މީހުންގެ ކަސްޓަމަރެއް ކަމަށް ލަންކާ ފުލުހުންގެ ތަރުޖަމާން ސީނިއާ ޑެޕިއުޓީ އިންސްޕެކްޓާ ޖެނެރަލް އޮފް ޕޮލިސް އަޖިތް ރޯހާނާ ވިދާޅުވެއްޖެއެވެ.
ތިން މަސް ވަންދެން އުމުރުން 15 އަހަރުގެ ކުއްޖަކު ލައްވައި ހަށި ވިއްކުވި މައްސަލައެއްގައި ލަންކާގެ ތިން މީހުންނާއެކު އަޝްމަލީ ހައްޔަރުކުރީ އިއްޔެ ހެނދުނެވެ.
މި މައްސަލައާ ގުޅިގެން "ވަން" އަށް ދެއްވި އިންޓަވިއުއެއްގައި އަޖިތް ރޯހާނާ ވިދާޅުވީ, އަޝްމަލީ އަކީ ކުއްޖާގެ ބޭނުން ޖިންސީ ގޮތުން ނަހަމަ ގޮތުގައި ހިފި ކަސްޓަމަރެއް ކަމަށެވެ. އަދި އެކުއްޖާއާއެކު ގުޅުން ހިންގުމަށް ފައިސާ ދައްކާފައި ވަނީ ކުއްޖާ ވިއްކުމަށް ހަދާފައިވާ ވެބްސައިޓެއް މެދުވެރިކޮށް ކަމަށްވެސް ވިދާޅުވިއެވެ.
މި މައްސަލައިގައި އަޝްމަލީގެ މައްޗަށް ކުރަނީ 15 އަހަރުގެ އެ ކުއްޖާއާއެކު ޖިންސީ ގުޅުން ހިންގުމުގެ ތުހުމަތެވެ. ނަމަވެސް އޭނާ ހައްޔަރުކުރީ ކޮންތަނަކުން ކަމެއް އަދި އޭނާގެ ބަންދު ޖަހާފައިވާ ކަމެއް އަދި ނޭނގެއެވެ.
މައުންޓް ލެވިނިއާގައި ކުއްޖަކު ލައްވައި ހަށި ވިއްކަމުން ދިޔަ މައްސަލައެއްގައި މިހާތަނަށް 32 މީހަކު ހައްޔަރުކޮށްފައިވާ އިރު، ހައްޔަރުކުރި މީހުންގެ ތެރޭގައި އެކުއްޖާގެ މަންމަވެސް ހިމެނޭ ކަމަށެވެ.
އަދި އެ ކުއްޖާ ވިއްކުމަށް ސޯޝަލް މީޑިއާގައިވެސް އިސްތިހާރު ކުރި ކަމަށާއި އެކަމުގައި އެންމެ އިސްކޮށް އުޅުނު މީހާ މިދިޔަ ޖޫން މަހުގެ ކުރީކޮޅު ހައްޔަރު ކޮށްފައިވާ ކަމަށްވެސް ތަރުޖަމާން ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު