ރާއްޖޭގެ ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ)ގެ ލެކްޗަރާ އަދި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެންބަރު ޝައިހް އަލީ ޒައިދަށްވެސް އެ ޔުނިވާސިޓީން ފިޔަވަޅު އަޅައިިފި އެވެ.

ޒައިދަށްވެސް ފިޔަވަޅު އަޅާފައިވަނީ އޭނާ ކޮށްފައިވާ ޓްވީޓްތަކަކާ ގުޅިގެންނެވެ.

ޝައިހް ޒައިދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގައުމީ ޔުނިވާސިޓީގައި އަޅަނީ ފަސް ފިޔަވަޅު ކަމަށެވެ. އެގޮތުން އޭނާ ކުރި ޓުވީޓްތަކަކާ ގުޅިގެން ދެ ފަހަރެއްގެ މަތިން ޔުނިވާސިޓީން އޭނާއާމެދު ފިޔަވަޅު އަޅާފައިވާ ކަަމަށް ވިދާޅުވިއެވެ.

ޒައިދު ވިދާޅުވީ އެމްއެންޔޫއިން ވަނީ އޭނާއަށް އަނގަބަހުން ނަސޭހަތްދީ އަދި ލިޔުމުން އިންޒާރުވެސް ދީފައިފައި ކަމަށެވެ.

"ކޮށްފައިވާ ޓުވީޓުތަކާ ގުޅިގެން ބާރު ސްޕީޑުގައި ދެ ފިޔަވަޅު އަޅުގަނޑަށް އަޅާފައިވަނީ ވަކީލު ކުރަނީ މާތްﷲ އަށް. ބިރުވެތި ވަނީވެސް އެކަލާންގެ އަށް،" ޒައިދު ވިދާޅުވެފައިވެއެވެ.

ޝައިހް ޒައިދު މިރޭ "ވަން" އަށް ވިދާޅުވީ، އޭނާއާ މެދު އެމްއެންޔޫއިން ފިޔަވަޅު އަޅާފައިވަނީ އިންސާފުން ބޭރުން ކަމަށާއި ފިޔަވަޅު އެޅުމުގެ ކުރިން އޭނާ ދެއްކި އެއްވެސް ވާހަކައަކަށް ރިއާޔަތްކޮށްފައި ނުވާ ކަމަށެވެ.

ޝައިހް ޒައިދަކީ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ ލެކްޗަރާ އެކެވެ.

މީގެއިތުރުން ގައުމީ ޔުނިވަސިޓީގެ އެސިސްޓެންޓް ޕްރޮފެސަރުގެ މަގާމުގައި ހުންނެވި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނާއިބު ރައީސް ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް އެ ޔުނިވާސިޓީގައި އަދާކުރަމުންދިޔަ ވަޒީފާ އިން ވެސް ވަނީ ވަކިކޮށްފަ އެވެ. ޑރ. އިޔާޒް ވަޒީފާއިން ވަކިކުރީ އަންހެނުން ހިތާނުކުރުމާ ގުޅޭ ގޮތުން އޭނާ ކުރި ޓުވީޓުތަކެއްގެ މައްސަލަ ހޫނުވެފައިވަނިކޮށެވެ.