މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފް ގައުމީ ޔުނިވާސިޓީން ވަކިކުރުމާ ގުޅިގެން އެކަން ކުއްވެރިކޮށް އެ ނިންމުން ބަދަލުކުރުމަށް ގޮވާލައި އޭނާގެ ދިފާއުގައި ވެރިކަން ކުރާ ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީން ބަޔާނެއް ނެރެފި އެވެ.
ގައުމީ ޔުނިވަސިޓީން ޑރ. އިޔާޒްއާ މެދު އެޅި ފިޔަވަޅަކީ، އެފަދަ މަގާމެއްގައި ހުންނަވައިގެން ރާއްޖޭގެ އިލްމީ ވެއްޓަށް ބޮޑެތި ހިދުމަތްތަކެއް ކުރައްވާ، ދިވެހި ރައްޔިތުންގެ އިހްތިރާމާއި އިތުބާރު ލިބިފައިވާ ދަންނަބޭކަލަކާމެދު، އަދުލުވެރި އިޖުރާއާތެއް ނެތި، ހަމައާއި އިންސާފުގެ ތަރާދުގެ ބޭރުން އަޅާފައިވާ ފިޔަވަޅެއް ކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
"ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ މުވައްޒަފުންނާމެދު ފިޔަވަޅު އެޅުމަށް ކަނޑައަޅާފައިވާ ހަމަތަކާއި އުސޫލުތަކާ ހިލާފަށް އެފަދަ ސަބަބެއްވެސް އަދި ހާލަތެއްވެސް ނެތި މިފަދަ ފިޔަވަޅުތައް ދީނީ އިލްމުވެރިންނާމެދު އެޅުމަކީ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން އެއްގޮތަކަށްވެސް ބަލައިގަންނަ ކަމެއް ނޫނެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީން ޑރ. އިޔާޒް ވަކިކުރުމަށް ނިންމި ނިންމުން ކުށްވެރިކުރާ ހާލު އެނިންމުން ބާތިލްކޮށް އެމަނިކުފާނު ކުރިން ހުންނެވި މަގާމަށް އަނބުރާ އިއާދަކުރުމަށް ގޮވާލަމެވެ،" އަދާލަތު ޕާޓީން މިއަދު ނެރުނު ބަޔާނުގައި ވަނީ ބުނެފަ އެވެ.
އިސްލާމީ ޝަރީއަތުގެ ފަރުއީ ބައެއް މައްސަލަތަކާ ގުޅޭގޮތުން އިލްމުވެރިންގެ މެދުގައި ބަހުސްތައް ހިނގާފައިވާއިރު، އަދި އެބަހުސްތަކަކީ ހައްގަށް ވާސިލުވުމަށްޓަކައި ކޮންމެހެން ލާޒިމު މަރުހަލާއަކަށް ވެފައި އަދި މިފަދަ ގިނަ ބަހުސްތަކަކީ މެދުކެނޑުމެއް ނެތި ހިނގަމުންދާ ބަހުސްތަކަކަށް ވާތީ، އެފަދަ އިލްމީ ބަހުސްތަކާ ގުޅޭ ހަގީގަތެއް ބަޔާންކުރުމަކީ، އެކަން ބަޔާންކުރާ އިލްމުވެރިއަކު އެ ރައުޔަކަށް ބުރަވާކަން ދޭހަކޮށްދޭ ކަމެއް ނޫން ކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
އެރައުޔަކީ ހައްގު ގޮތް ނުވަތަ ހައްގު ގޮތާ އެންމެ ގާތްގޮތް ކަމަށް ދައްކުވައިދޭ ކަމެއްވެސް ނޫންކަން ފާހަގަކޮށް އެ ބަޔާނުގައި ބުނީ އެކަމަކީ އިސްލާމްދީނުގެ އިލްމީ ހަޟާރަތުގެ މުއްސަނދިކަން ދައްކުވައިދޭކަމެއް ކަމަށެވެ.
"މިއިން ޒަމާނަކުވެސް ދިވެހިރާއްޖެ ހުޅުވާލެވިފައި ނުވާ މިންވަރަށް ހުޅުވާލެވި މިނިވަންކަމާއެކު ފިކުރުކޮށް އެމީހެއްގެ ބުއްދިއަށް ފެންނަގޮތާއި ހިޔާލުތައް އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާގޮތަށް ދުލާއި ގަލަމުން ފާޅުކުރުމަކީ އަސާސީ ހައްގެއް ކަމަށް ކަނޑައަޅާފައިވާ ޒަމާނެއްގައި ދިވެހިރާއްޖޭގެ އެންމެ ބޮޑު ތައުލީމީ މުއައްސަސާއިން، އިލްމުވެރިން ދައްކަވާ އިލްމީ ވާހަކަފުޅުތަކަށް ހުރަސްއަޅައި ބިރުދެއްކުމަކީ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން އިންތިހާއަށް ކަންބޮޑުވާކަމެކެވެ،" އަދާލަތު ޕާޓީގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
އެކަމުގެ ސަބަބުން ރާއްޖޭގެ އިލްމުވެރިންގެ މެދުގައި ނުތަނަވަސްކަން އުފެދި، އިސްލާމީ ޝަރީއަތުގެ ތަރަހައިގެ ތެރޭގައި މިނިވަންކަމާއެކު ކުރެވޭ އިލްމީ ބަހުސްތަކާއި މުނާޡަރާތަކަށް އޮންނަންޖެހޭ ތަނަވަސް ޖާގަ ގެއްލިގެން ހިނގައިދާނެ ކަމަށް ވެސް އަދާލަތު ޕާޓީން ވަނީ ބުނެފަ އެވެ.
އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން ދެކޭގޮތުގައި، ޑރ. އިޔާޒުއާ މެދު ގައުމީ ޔުނިވާސިޓީން އެޅި ފިޔަވަޅަކީ ރާއްޖޭގެ އިސްލާމީ ޝަހްސިއްޔަތު ހަރުދަނާކޮށް އިސްލާމްދީނާ ދެކޮޅަށް ރާއްޖޭގައި ހިންގޭ އުދުވާންތައް ހުއްޓުވުމަށް ސާބިތުކަމާއެކު އޭނާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ނިމުމަކަށް ގެނައުމަށް ނުރައްކާތެރި ބާރުތަކެއްގެ ނުފޫޒުން އަޅާފައިވާ ފިޔަވަޅެއް ކަމަށް ވަނީ ތުހުމަތު ކޮށްފަ އެވެ.
"މި ކަމުން ދޭހަކޮށްދެނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއަށް ނާޖާއިޒު ސިޔާސީ ނުފޫޒު ފޯރާފައިވާ މިންވަރެވެ، އަދި މިކަމުގެ ފަހަތުގައިވަނީ ވަކި ފަރުއީ މައްސަލައަކާމެދު ޑރ. އިޔާޒު ފާޅުކުރެއްވި ޝުއޫރެއްނޫނެވެ މިއީ އުފެދި ބޮޑުވަމުން އަންނަ ޒުވާން ޖީލު ތަރުބިއްޔަތުކުރުމާއި ގައުމުގެ ސިޔާސަތު ކަނޑައެޅުމާއި މުޖުތަމައުގެ އެންމެހާ ދާއިރާތަކުން އިސްލާމްދީނުގެ އިލްމުވެރިން އެއްކިބާކޮށް އެކަހެރިކޮށްލަން އެދޭބަޔަކު ހިންގާ ނުރައްކާތެރި ރޭވުމެއްގެ ބައެކެވެ،" އަދާލަތު ޕާޓީން ބުނެފައިވެ އެވެ.
ގައުމީ ޔުނިވާސިޓީ އަކީ މީގެ ކުރިންވެސް އެ މުއައްސަސާ އޮތްގޮތަށް، ހަގީގީ އިލްމީ މުއައްސަސާއެއްގެ ގޮތުގައި ރާއްޖޭގެ އިލްމީ ދަންމަރު އުފުލުމުގެ ގާބިލުކަންހުރިތަނަކަށް ހެދުމަށް ކަމާބެހޭ އެންމެހާ ފަރާތްތަކަށް އަދާލަތު ޕާޓިން ވަނީ ގޮވާލާފަ އެވެ. އަދި ރާއްޖޭގެ އިސްލާމީ ޝަހްސިއްޔަތު ބަލިކަށިކޮށް އިލްމީ މާހައުލު ހަނިކުރުމަށް ކުރެވޭ މިފަދަ ނުރައްކާތެރި މަސައްކަތްތަކާމެދު ހުޝިޔާރުވުމަށް ދިވެހި ރައްޔިތުންނަށް އެ ޕާޓީން ވަނީ ނަސޭހަތްތެރިވެފަ އެވެ.
އަންހެނުން ހިތާނުކުރުމާ ގުޅޭ ގޮތުން ޑރ. އިޔާޒް ސޯޝަލް މީޑިއާގައި ދައްކަވާ ވާހަކަތަކާ ގުޅިގެން އެމްއެންޔޫގެ މައްސަލަ ބަލާ ކޮމެޓީން އެ މައްސަލަ ބަލުމަށްފަހު އިއްޔެ ވަނީ އޭނާ އެ ޔުނިވަސިޓީގައި އަދާކުރަމުން ދިޔަ ވަޒީފާ އިން ވަކިކުރަން ނިންމައިފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު