މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފް ގައުމީ ޔުނިވާސިޓީން މިއަދު ވަކި ކުރީ އިންސާފުވެރިކޮށް ނޫން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަންހެނުން ހިތާނުކުރުމާ ގުޅޭ ގޮތުން އިޔާޒް ސޯޝަލް މީޑިއާގައި ދައްކަވާ ވާހަކަތަކާ ގުޅިގެން އެމްއެންޔޫގެ މައްސަލަ ބަލާ ކޮމެޓީން އެ މައްސަލަ ބަލުމަށްފަހު އިޔާޒް ވަކިކުރަން ވަނީ ނިންމައިފައެވެ.

އެކަމާ ގުޅިގެން އިމްރާން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިޔާޒަކީ ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ހަރުދަނާ ކުރުމަށް ދީނީ އިލްމުވެރިއެއްގެ ހައިސިއްޔަތުން ނުގަނު ގިނަ ހިދުމަތް ކުރައްވާ ބޭފުޅެއް ކަމަށެވެ.

"އިޔާޒްގެ ބައެއް ފިގުހީ ރައުޔުއާ އަޅުގަނޑަށް އެއްބަސް ނުވެވުނަސް، އެމަނިކުފާނާ މެދު އެމްއެންޔޫއިން އެޅި ފިޔަވަޅަކި އިންސާފުވެރި ފިޔަވަޅެއް ކަމަށް ނުދެކެން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ދީނީ ހިލާފުތަކާ މެދު އިލްމީ މުއައްސަސާތަކުގައި މިނިވަންކަމާ އެކު އިލްމީ ގޮތުން ރީތި އަހުލާގަކީ ބަހުސްކޮށް ހައްލު ހޯދެންވާނެ ކަމަށެވެ. އަދި ރާއްޖެގެ އެންމެ ބޮޑު ޔުނިވާސިޓީން އެ ދޮރު ބަންދުކޮށް، ހަރުކަށިކަން އިސްކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ އިޔާޒް ވަކިކުރަން އެމްއެންޔޫއިން ނިންމި ނިންމުން އަލުން މުރާޖައާ ކުރުމަށް ގޮވާލައިފައެވެ.

އެމްއެންޔޫގެ ވައިސް ޗާންސެލާ ޑރ. މުހައްމަދު ޝަރީފް މިއަދު "ވަން" އަށް ވިދާޅުވީ އިޔާޒްގެ މައްސަލަ ކޮމިޓީން ބެލުމަށްފަހު މިއަދު އޭނާ އެ ޔުނިވާސިޓީން ވަކި ކުރަން ނިންމާފައިވާ ކަމަށެވެ. އަދި އޭނާ ވަކިކުރަން ނިންމާފައިވަނީ ކުރިންވެސް ހިންގާފައިވާ ކަންކަމަށް ރިއާޔަށް ކުރުމަށްފަހު ކަމަށް ވިދާޅުވިއެވެ.

އެގޮތުން މީހުންގެ މެދުގައި ނަފުރަތު އުފެދޭ ގޮތަށް ލިޔުންތައް ލިޔެފައި ހުރުމާއި ހަރުކަށި ފިކުރަށް ހިތްވަރު ލިބޭ ގޮތަށް ލިޔުންތައް ލިޔުމާއި އަދި އަންހެން ކުދިން ހިތާނު ކުރުމަށް ހިތްވަރުދޭ ގޮތަށްވެސް ސޯޝަލް މީޑިއާގައި ލިޔުންތައް ލިޔެފައި ހުރުމުން ކަމަށެވެ. އަދި މިއީ އާންމުންގެ ވަރަށް ބޮޑެތި ކަންބޮޑުވުންތަކަކަށްވާތީ، އޭނާ ވަކި ކުރަން ނިންމީ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މީގެ ކުރިން އިޔާޒަށް ތިން ފަހަރެއްގެ މަތީން އަނގަބަހުންނާއި ސިޓީން ނަސޭހަތްދީފައިވާ ކަމަށެވެ. އަދި އެފަދަ ކަމެއް ތަކުރާރު ކޮށްފިނަމަ ވަޒީފާއިން ވަކި ކުރާނެ ކަމަށް މީގެ ކުރިން ނަސޭހަތްތެރިވެފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އަންހެނުން ހިތާނު ކުރުމާ ގުޅުވައި ކުރެއްވެވި ޓްވިޓަކާ ގުޅިގެން ގިނަ ބަޔަކު ނަފުރަތު އުފައްދަމުން ގެންދާ ކަމަށާއި އަންހެނުން ހިތާނު ކުރުމަކީ އެއްވެސް އިރެއްގައި އޭނާ ވަކާލާތުކުރެއްވި އަދި ވަކާލާތުކުރައްވާނެ ކަމެއް ނޫން ކަމަށް ބުނެ މައާފަށް އެދި އިޔާޒް ވަނީ މިދިޔަ ހޯމަ ދުވަހު ބަޔާނެއް ނެރިފައެވެ.

އިޔާޒް ވިދާޅުވީ އަންހެނުން ހިތާނު ކުރުމުގެ މައްސަލައިގައި އޭނާ ޓުވީޓު ކުރެއްވީ އެ ކަމަކީ އިސްލާމީ ޝަރީއަތުގައި އެއްވެސް މިންވަރަކަށް ނެތް މައްސަލައެއްގެ ގޮތުގައި އާންމުންނަށް ވިސްނޭގޮތަށް ބައެއް ފަރާތްތަކުން ދޮގު މައުލޫމާތު ފަތުރަމުންދާތީ ކަމަށެވެ. އަދި އިސްލާމީ އިލްމަށް ނިސްބަތްވާ މީހެއްގެ ހައިސިއްޔަތުން، އިލްމީ އަމާނާތަށް ރައްކާތެރިވުމުގެ ގޮތުން އިސްލާމްދީނުގައި މިކަމުގެ އަސްލެއް އޮތް ކަމަކީ ދެކޮޅު ނުހެދޭނެ މިންވަރަށް ހުއްޖަތް ހުރި މައްސަލައަކަށް ވާތީ އެކަން ބަޔާންކޮށްދިނުމަށް ކަމަށްވެސް ވިދާޅުވިއެވެ.