ޑީއާރްޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ޑްރީމް ޕްރޮޖެކްޓުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމައި މާދަމާ ހުޅުވަން ތައްޔާރުވެއްޖެ އެވެ.
ޖާބިރުގެ ޑްރީމް ޕްރޮޖެކްޓަކީ ދިވެހިންނަށާއި ޓުއަރިސްޓުންނަށް ދެވޭ ގޮތަށް ތައްޔާރު ކުރި "ހެޕީ ކުލަބް"ގެ މަސައްކަތެވެ. ތިން ފިޔަވެއްސަކަށް ބަހާލައިގެން ތަރައްގީ ކުރުމަށް ނިންމާފައިވާ ހެޕީ ކުލަބުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް އެއްކޮށް ނިމި މާދަމާ ހުޅުވާނެ ކަމަށް ޖާބިރު ވަނީ ވިދާޅުވެފަ އެވެ.
ޖާބިރުގެ ހެޕީ ކުލަބް ތަރައްގީ ކޮށްފައިވަނީ ވ. ބޮޑު މޮހޮރާގަ އެވެ.
ބޮޑު މޮހޮރާގައި ހުންނަވައި ސޯޝަލް މީޑިއާ އަށް ދޫކޮށްލެއްވި ވީޑިއޯއެއްގައި ޖާބިރު މިއަދު ވިދާޅުވީ ހެޕީ ކުލަބަކީ ތަހުޒީބުކޮށް މީހުންނަށް ޗުއްޓީ ހޭދަ ކުރެވޭ ގޮތަށް އެ ފެންވަރުގައި ތަރައްގީ ކޮށްފައިވާ ތަނެއް ކަމަށެވެ. އަދި މި ފަދަ ބޮޑު ޕެންޑެމިކެއް ތެރޭގައި ދިވެހި ރާއްޖޭގެ ރައްޔިތުންނަށް އެއްވެސް ފީއެއް ނެގުމަކާނުލައި ހެޕީ ކުލަބަށް ދެވޭނެ ކަމަށް ވިދާޅުވި އެވެ.
"މިފަދަ ބޮޑު ޕެންޑެމިކެއް ދާއިރު ދިވެހި ރާއްޖޭގެ ރައްޔިތުން ދަތުރުގޮސްލައި މަޖާކޮށްލާނެ ރަށެއްވެސް ނެތް. އެހެން ކަމުން ބޮޑު މޮހޮރާ ޑިވެލޮޕްމަންޓު ޕްރައިވެޓް ލިމިޓެޑުން ހުރިހާ ދިވެހި ރައްޔިތުންނަށް އާދެވޭ ގޮތަށް އެއްވެސް ފީއެއް ނެގުމަކާ ނުލައި އާދެވޭ ގޮތަށް ހުރިހާ ހިދުމަތެއް ހުންނަ ގޮތަށް އެކެއް ޖުލައި އިން ފެށިގެން ބޮޑު މޮހޮރާ ހުޅުވިފަ އޮންނަ ވާހަކަ ދަންނަވާލަން. ޖާބިރުގެ ހެޕީ ކުލަބުން ހުރިހާ ދިވެހި ރައްޔިތުންނަށް މަރުހަބާ ކިޔާނެ." އޭނާ ވިދާޅުވި އެވެ.
މާދަމާ ހުޅުވިގެންދާ ހެޕީ ކުލަބަށް ދާން ބޭނުންވާ ފަރާތްތައް އެތަނަށް ދިއުމަށް ހަމަޖެހިފައިވާ އުސޫލުތައް އެތަނުގެ މެނޭޖްމަންޓުން ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށްވެސް ޖާބިރު ވިދާޅުވި އެވެ.
މީގެ ކުރިން ޖާބިރު ސޯޝަލް މީޑިއާ އަށް ދޫކޮށްލެއްވި ވީޑިއޯއެއްގައި ވިދާޅުވީ ބޮޑު މޮހޮރާ އަކީ ގުދުރަތީ ގޮތުން ރީތި ކަމެއް ލިބިފައިވާ ރަށެއް ކަމަށާއި އެރަށުގެ ފަރުތަކާއި ޗާލު ބީޗުތައް ބަލައިލަން ވީހާވެސް ގިނަ ބަޔަކު ދިއުމަށް ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ބޮޑު މޮހޮރާގެ ފަޅަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު އެއް ފަޅު ކަމަށާއި ޗުއްޓީ ހޭދަ ކޮށްލުމަށާއި ދަތުރު ދިއުމަށް އެންމެ އެކަށޭނެ އެއް ރަށް ކަމަށްވެސް ވިދާޅުވި އެވެ.
މީގެ އިތުރުން ބޮޑު މޮހޮރާގެ ފޭސް ދޭއް އަދި ތިނެއްގެ މަސައްކަތް ކުރިއަށް އޮތް އަހަރެއްހާ ދުވަސްތެރޭގައި ނިމޭނެ ކަމަށްވެސް ޖާބިރު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. އަދި ބޮޑު މޮހޮރާގެ ފުރަތަމަ ފޭސްގައި 100 އެނދުގެ ރިސޯޓެއް ހިމެނޭނެ ކަމަށް ވިދާޅުވި އެވެ. އޭގެ ތެރޭގައި މޫދު ކޮޓަރިވެސް ހިމެނޭނެ ކަމަށް ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު