އަންހެނުން ހިތާނުކުރުމާ ގުޅޭ ގޮތުން ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ އެސިސްޓެންޓް ޕްރޮފެސަރު ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ދައްކަވާ ވާހަކަތަކާ ގުޅިގެން އޭނާގެ މައްސަލަ ބަލަން އެ ޔުނިވާސިޓީން ނިންމައިފިއެވެ.
މީގެ ކުރިންވެސް ވަނީ ސޯޝަލް މީޑިއާގައި އޭނާ އާއްމުކުރައްވާ ތަފާތު ލިޔުންތަކުން އެމްއެންޔޫގެ އަބުރާއި ކަރާމަތަށް ހުތުރުވާ ގޮތަށް އަމަލު ކުރާ ކަމަށް ބުނެ، އޭނާގެ މައްސަލަ ބަލައިފައެވެ. އެމައްސަލައިގައި އޭނާ ވަނީ 14 ދުވަހަށް ސަސްޕެންޑްވެސް ކޮށްފައެވެ.
އެފަހަރު ސަސްޕެންޝަން އުވާލީ އެފަދަ ކަމެއް އިޔާޒު ތަކުރާރުކޮށްފިނަމަ ވަޒީފާއިން ވަކި ކުރާނެ ކަމުގެ ފަހުގެ އިންޒާރުދިނުމަށްފަހުއެވެ.
އެމްއެންޔޫގެ ވައިސް ޗާންސެލާ ޑރ. މުހައްމަދު ޝަރީފް މިރޭ "ވަން" އަށް ވިދާޅުވީ އަންހެނުން ހިތާނުކުރުމާ ގުޅޭ ގޮތުން އިޔާޒް ސޯޝަލް މީޑިއާގައި ދައްކަވާ ވާހަކަތަކާ ގުޅިގެން އެ ޔުނިވާސިޓީއަށް ގިނަ އަދަދެއްގެ ބަޔަކު ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ.
އެގޮތުން އިޔާޒްގެ މައްސަލަ އެ ޔުނިވާސިޓީގެ މައްސަލަ ބަލާ ކޮމެޓީން މިދިޔަ ބުރާސްފަތި ދުވަހު އެ މައްސަލަ ބަލަން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޑރ. ޝަރީފް ވިދާޅުވީ އަންނަ މަހުގެ އެއް ވަނަ ދުވަހުގެ ކުރިން މައްސަލަ ބަލައި ނިންމާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ކޮމިޓީން މިހާރު މައްސަލަ ބަލަމުންދާއިރު، ޑރ. އިޔާޒަށް ވަނީ އެންމެ ފަހުގެ އިންޒާރުދެވިފައި ކަމަށެވެ. އަދި މި މައްސަލަ ބެލުމަށްފަހު އެކަން ސާބިތުވެއްޖެނަމަ ދެން އޮންނާނީ އޭނާ ވަކި ކުރުން ކަމަށްވެސް ވިދާޅުވިއެވެ.
"މިހާރު ކޮމިޓީން މައްސަލަ ބަލަމުން އެގެންދަނީ. އެންމެ ފަހުގެ އިންޒާރު ދެވިފަ ވަނީ މީގެ ކުރިން. ކޮމިޓީން މި މައްސަލަ އޭނާގެ މައްޗަށް ސާބިތުވާކަމަށް ނިންމައިފިނަމަ އަޅުގަނޑުމެން ޖެހޭނީ އޭނާ ވަކިކުރަން،" ޝަރީފް ވިދާޅުވިއެވެ.
އަންހެނުން ހިތާނުކުރުމާ ގުޅޭ ގޮތުން އިޔާޒް ދައްކަވާ ވާހަކަތައް ހޫނުވެ، އޭނާއަށް ފިޔަވަޅު އަޅައި އެމްއެންޔޫއިން ވަކި ކުރުމަށް ގިނަ ފަރާތްތަކެއް އަންނަނީ ގޮވާލަމުންނެވެ. އެގޮތުން އިޔާޒުގެ މައްސަލަ ބަލައި ވަކިކުރުމަށް ހެރިޓޭޖު މިނިސްޓަރު ޔުމްނާ މައުމޫން ވެސް ވަނީ ގޮވާލައްވާފައެވެ.
އަންހެނުން ހިތާނުކުރުމަަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ތާއީދު ކުރައްވާ ކަމަށް ތުހުމަތުކޮށް، އެ މައްސަލަ ބަލައި ދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ވަނީ ހުށަހަޅައިފަ އެވެ.
އަންހެން ކުދިން ހިތާނު ކުރުމުގެ ވާހަކަތައް އަނެއްކާވެސް ދެކެވެމުންދާއިރު، އިސްލާމްދީނުގައި އަންހެން ކުދިން ހިތާނު ކުރުމެއް ނެތް ކަމަށް ދީނީ އިލްމުވެރިޔާ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްވެސް ވަނީ ވިދާޅުވެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު