އިސްލާމްދީނުގައި ހިތާނު ކުރުން ޝަރުއު ކުރައްވާފައިވަނީ ހަމައެކަނި ފިރިހެން ކުދިންނަށް ކަަމަށާއި އަންހެން ކުދިން ހިތާނު ކުރުމެއް ނެތް ކަމަށް ދީނީ އިލްމުވެރިޔާ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

މައުމޫން މިގޮތަށް ވިދާޅުވެފައި މިވަނީ އަންހެނުން ހިތާނުކުރުމަަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ތާއީދު ކުރައްވާ ކަމަށް ތުހުމަތުކޮށް، މަޖިލީހަށް މައްސަލައެއް ހުށަހަޅައި، އެކަން ހޫނުވެފައިވާ ދަނޑިވަޅެއްގަ އެވެ.

މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްލާމްދީނުގައި ހިތާނު ކުރުން ޝަރުއު ކުރައްވާފައި ވަނީ ހަމައެކަނި ފިރިހެން ކުދިންނަށް އެކަނި ކަމަށާއި އަންހެން ކުދިން ހިތާނު ކުރުން ނޯންނަ ކަމަށެވެ. އަދި ހިތާނު ކުރުމުގެ ނަމުގައި އަންހެން ކުދިންގެ ޖިންސީ ގުނަވަނަށް ގެއްލުން ދިނުމަކީ ނާތަހުޒީބު އަމަލެއް ކަމަށްވެސް ވިދާޅުވިއެވެ.

"މިދެންނެވީ އަޅުގަނޑުގެ އަމިއްލަ ރައުޔެއް ނޫން. މިސުރުގެ ފަތުވާ އިދާރާއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އަންހެނުން ހިތާންކުރުމަކީ ދީނުގައި ކަނޑައެޅިގެން ހަރާމްކުރައްވާފައި ކަމެއްކަމުގައި،" މައުމޫން ވިދާޅުވިއެވެ.

މައުމޫން ވަނީ މީގެ ކުރިންވެސް އަންހެން ކުދިން ހިތާނު ކުރުމާ ދެކޮޅަށް ވާހަކަ ދައްކަވައިފައެވެ.

އަންހެނުން ހިތާނުކުރުމަަށް ތާއީދުކުރައްވާ ޑރ. އިޔާޒު ޓުވީޓު ކުރެއްވި ކަމަށް ބުނެ މައްސަލަ ބަލައި ދިނުމަށް އެދި ގަލޮޅު ދެކުނު ދާއިގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވަނީ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ހުށަހަޅައިފައެވެ.

ރާއްޖޭގައި އަންހެނުން ހިތާނުކުރުމަކީ ގާނޫނީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް މަސައްކަތް ފަށާފައިވާ ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވަނީ މިދިޔަ އަހަރު ވިދާޅުވެފައެވެ.

އަންހެންކުދިން ހިތާނުކުރުން ރާއްޖޭގައި ހުއްޓާލާފައިވަނީ 1970ގެ އަހަރުތަކުގެ ތެރޭގައެވެ. އޭގެ ކުރިން ރާއްޖޭގައި އެކަން ފުޅާ ދާއިރާއެއްގައި ކުރިއެވެ.

ނަމަވެސް މިދިޔަ އަހަރުގެ ކުރީކޮޅު އަންހެން ކުދިން ހިތާނުކުރުމާ ގުޅޭގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އިސްލާމިކް މިނިސްޓްރީގެ ލަފައަކަށް އެދިފައެވެ. އެޗްޕީއޭ އިން ލަފައަކަށް އެދުމުން އިސްލާމީ އެންމެ މަތީ މަޖިލީހުގެ ރައުޔެއް ހޯދަން އިސްލާމިކް މިނިސްޓްރީން ވަނީ ހުށަހަޅައިފައެވެ.

އަންހެން ކުދިން ހިތާނުކުރުމާ ގުޅޭގޮތުން އެޗްޕީއޭ އިން އިސްލާމިކް މިނިސްޓްރީގެ ލަފައަކަށް އެދުމަށް ފޮނުވި ސިޓީ ހެލްތު މިނިސްޓްރީން ފަހުން ވަނީ ބާތިލުކޮށްފައެވެ.

ރާއްޖޭގެ ކޮންމެ 10 އަންހެނަކުން އެކަކު ހިތާނުކޮށްފައިވާ ކަމަށް ޔުނައިޓެޑް ނޭޝަންސް ޗިލްޑްރެންސް ފަންޑް (ޔުނިސެފް) އިން މިދިޔަ އަހަރު އާންމު ކުރި ދިރާސާއެއްގައިވެއެވެ.

އެގޮތުން އުމުރުން 15-49 އަހަރާ ދެމެދުގެ އަންހެނުންގެ ތެރެއިން 13 ޕަސެންޓް މީހުން ވަނީ ހިތާނުކޮށްފައެވެ. އަދި އުމުރުން 45-49 އަހަރާ ދެމެދުގެ 38 ޕަސެންޓް އަންހެނުން ހިތާނުކޮށްފައިވާ އިރު، 15-19 އަހަރާ ދެމެދުގެ އަންހެން ކުދިން ހިތާނުކޮށްފައިވަނީ އެންމެ ޕަސެންޓެކެވެ.

އެ ދިރާސާއިން ދައްކާ ގޮތުގައި ހިތާނުކުރުމަކީ ކުރިން ރާއްޖޭގައި އާއްމު ކަމެކެވެ. އަދި ހިތާނުކޮށްފައިވާ ގިނަ މީހުން އެކަން ކޮށްފައިވަނީ އުމުރުން ފަސް އަހަރު ނުފުރެނީސް ކަމަށާއި ބައެއް އަންހެން ކުދިން އުމުރުން 5-9 އަހަރާ ދެމެދު ހިތާނުކޮށްފައިވާ ކަމަށެވެ.

އަންހެނުން ހިތާނުކުރުމަކީ ހުއްޓަންޖެހޭ ކަމެއް ކަމަށް 15-49 އަހަރާ ދެމެދުގެ އަންހެނުންގެ ތެރެއިން 66 ޕަސެންޓް މީހުން ގަބޫލުކުރެއެވެ. އަދި އަށް ޕަސެންޓް މީހުން އެއީ ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ދެކޭއިރު އެއީ ދީނީ ގޮތުން ކުރަން ޖެހޭނެ ކަމެއްގެ ގޮތުގައި 10 ޕަސެންޓް މީހުން ގަބޫލު ކުރާ ކަމަށް އެ ދިރާސާގައިވެއެވެ.