ޖަމިއްޔަތުއްސަލަފުގެ އިލްމުވެރިންގެ މަޖްލީހުގެ މެމްބަރު އަދި ޖަމްއިއްޔާގެ ދީނީދައުވާ ކޯޑިނޭޓަރު އައްޝައިހް މުޖުތަބާ ހަމީދު ފުލުސް އޮފީހަށް މިއަދު ހާޒިރު ކުރީ ބިރުދެއްކުމަށް ކަމަށް ސަލަފު ޖަމިއްޔާއިން ބުނެފި އެވެ.

ޝައިހް މުޖުތަބާ މިއަދު މެންދުރުފަހުގެ ވަގުތެއްގައި ފުލުސް އޮފީހަށް ހާޒިރު ކުރީ، މިމަހުގެ އެއްވަނަ ދުވަހު އޭނާ ކުރި ޓުވީޓަކާއި ގުޅިގެންނެވެ.

"މަޖިލީހުގެ މެމްބަރުންނޭވެ! ތިޔަބޭފުޅުންގެ ކުރިމައްޗަށް ހުށަހެޅޭ ބިލަކީ އިސްލާމްދީނާއި އެދީނުގެ ހަމަތަކަށް ގޮންޖެހުން ކުރިމަތިކުރުވާ ފަދަ ބިލެއް ނަމަ އެފަދަ ބިލަކަށް ވޯޓުދީ ތާއިދު ކުރުމަކީ ތިޔަބޭފުޅުންގެ އިސްލާމްކަން ގެއްލިގެން ހިނގައިދާނެ ކަމެއްކަން ހަނދާން ކުރައްވާށެވެ" ނަފްރަތުގެ ބިލާ ދެކޮޅު ކެމްޕޭނުގެ ކޯޑިނޭޓަރުކަންވެސް ކުރައްވާ މުޖުތަބާ އެ ދުވަހު ކުރެއްވި ޓުވީޓުގައިވެ އެވެ.

އެ ޓުވީޓާ ގުޅިގެން އޭނާ މިއަދު ފުލުސް އޮފީހަށް ހާޒިރު ކުރުމުން، އެކަން ކުށްވެރިކޮށް ސަލަފުން ނެރުނު ނޫސްބަޔާނުގައި ބުނީ، އެ ޓްވީޓަކީ ދީނީ އިލްމުވެރިއެއްގެ ހައިސިއްޔަތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދެއްވާފައިވާ އާއްމު ނަސޭހަތެއް ކަމަށެވެ.

"ދީނީ އިލްމުވެރިން ދައްކަވާ ވާހަކަފުޅުތަކާމެދު ނުތަނަވަސްކަމެއް އުފެދިއްޖެނަމަ، އެމީހަކާ އެންމެ ފުރަތަމަ ސުވާލުކުރަންޖެހޭ ފަރާތަކީ އިސްލާމިކް މިނިސްޓްރީ ކަމަށްވެފައި، އެމިނިސްޓްރީގެ އެއްވެސް އިޝާރާތެއް ނެތި، ފުލުސްއޮފީހަށް ހާޒިރުކޮށް، މިކަމާ ސުވާލުކޮށް ބަޔާން ނެގުމަކީ ކަނޑައެޅިގެން ބިރުދެއްކުމުގެ އަމަލެއްކަމުގައި މެނުވީ މިޖަމްއިއްޔާއިން ނުދެކެމެވެ." ސަލަފުގެ ބަޔާނުގައި ބުންޏެވެ،

ސަލަފުގެ ބަޔާނުގައި ބުނީ، ﷲ ނޫންފަރާތަކަށް ބިރުވެތިނުވާނެ ކަމަށާއި އިސްލާމްދީނަށް ގޮންޖެހުން ކުރިމަތިވެދާނެ ކޮންމެކަމަކާ ކުރިމަތިލުމުގައި އެކަލާނގެ ވާގިފުޅާއެކު ސާބިތުވެތިބޭނެ ކަމެވެ.

"އައްޝައިހް މުޖްތަބާ ހަމީދު ދެއްވާފައިވާ ނަސޭހަތަކީ އިލްމީގޮތުން ރަނގަޅު ނަސޭހަތެއްކަމުގައި ވީހިނދު، އާއްމުކޮށް އިލްމުވެރިޔަކު ދެއްވާ ހެޔޮ ނަސޭހަތަކީ މިގައުމުގައި ކުށްވެރިވެދާފަދަ ބަސްފުޅަކަށް ވާނަމަ، މިހާރު މިއޮތް ނަފުރަތުގެ ބިލު ފާސްވެއްޖެނަމަ، މުޅި އިސްލާމީ ދައުވަތަށް ގޮންޖެހުން ކުރިމަތިވެ، އިސްލާމްދީންވެސް ދިވެހިރާއްޖެއިން ފުހެވިގެން ހިނގައިދާނެކަމީ މިހާރު ދިވެހިރައްޔިތުންނަށް ޔަގީންވާންޖެހޭނޭ ކަމެއްކަންވެސް މިފުރުސަތުގައި ހާމަކޮށް ހަބަރުދާރުކުރަމެވެ." ސަލަފުގެ ބަޔާނުގައިވެ އެވެ.

ޖަމިއްޔަތުއްސަލަފުގެ އިތުރުން ގިނަ ދީނީ އިލްމުވެރިން އަންނަނީ ނަފުރަތުގެ ބިލު ފާސްނުކުރުމަށް ގޮވާލަމުންނެވެ.