ނޯތު މެސަޑޯނިއާގެ ކޯޗު އީގޯ އަންޖެލޮވްސްކީ 2015 ވަނަ އަހަރު އިޓަލީގެ ގެނޯއާއަށް ކުރި ފްލައިޓް ދަތުރަކީ ނޯތު މެސަޑޯނިއާގެ ފުޓުބޯޅަ ތާރީހުގައި އެންމެ މުހިއްމު ދަތުރަށް ވާނެ ކަމަށް އޭނާވެސް ހީއެއް ނުކުރެއެވެ. އިޓަލީގެ ގެނޯއާއަށް ކޯޗު އީގޯ ދިޔައީ އެންމެ ކަމެއްގައެވެ. ގައުމުގެ ފުޓުބޯޅަ ލެޖެންޑް ގޯރަން ޕަންޑޭވްއާއެކު ވާހަކަ ދައްކައިލުމަށެވެ. އިންޓަނޭޝަނަލް ފުޓުބޯޅައިން އޭރު ރިޓަޔާކޮށްފައި ހުރި ޕަންޑޭވް ކައިރިން ކޯޗު އެދުނީ ޕަންޑޭވް އެނބުރި ގައުމީ ޓީމަށް ދާށެވެ.
ރިޓަޔާމަންޓް ކުރުކޮށްލައި ޕަންޑޭވް އެނބުރި ގައުމީ ޓީމާ ގުޅުނީ ކޯޗާއެކު އާ އުންމީދެއްގަ އެވެ. އާ ޕްރޮޖެކްޓެއްގަ އެވެ. ޔޫގޯސްލާވިއާ ގައުމެއްގެ ގޮތުގައި އޮތް އޮތުން ނިމި 30 އަހަރު ވެގެންދިޔައިރު ޕަންޑޭވްއާއެކު އެގައުމުގެ ފުޓުބޯޅައިގެ އެންމެ ބޮޑު ދުވަސް ގެންނަން ކޯޗު އުންމީދު ކުރިއެވެ. އެއީ ފުރަތަމަ ފަހަރަށް ބޮޑު މުބާރާތެއްގައި ކުޅުމެވެ. ޔޫރޯގެ ކޮލިފިކޭޝަން ސިސްޓަމަށް ގެނައި ބަދަލުގެ ބޭނުން ހިފައި، ނޯތު މެސަޑޯނިއާގެ ފުޓުބޯޅަ ތާރީހު ލިޔެލުމަށެވެ.
2010 ވަނަ އަހަރު ޖޯސޭ މޮރީނިއޯގެ އިންޓަ މިލާން ޓީމުގައި މުހިއްމު ރޯލެއް އަދާކޮށް، ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ޕަންޑޭވްއާއެކު ކޯޗު އެކަން ކޮށްފިވެސް މެއެވެ. އެގައުމަށް ރެކޯޑު އަދަދަކަށް ގޯލް ޖަހައިދީފައިވާ ޕަންޑޭވްއާއެކު ގައުމު ތާރީހުގައި ފުރަތަމަ ޔޫރޯއަށް ގޮސް، ޕަންޑޭވް ޔޫރޯގައި ގޯލްވެސް ޖަހައިފިއެވެ.
ޕަންޑޭވް ޔޫރޯގެ ގްރޫޕް ސްޓޭޖުގައި ދެއްކި ކުޅުން އެކަންޏެއް ނޫނެވެ. ނޯތު މެސަޑޯނިއާއިން މިއަހަރު ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗެއްގައި ދުނިޔޭގެ ޗެމްޕިއަންކަން ހަތަރު ފަހަރަށް ހޯދާފައިވާ ޖަރުމަނު ބަލިކުރިއެވެ. އެ މެޗު 2-1 އިން ކާމިޔާބުކުރުމުގެ މޭސްތެރިއަކީވެސް ޕަންޑޭވްއެވެ. މޮޅުވި ގޯލް ޖަހައިދިނީވެސް ޕަންޑޭވްއެވެ. އުމުރުން 37 އަހަރު ޔޫރޯއަށް ގޮސް، އޭނާގެ އުންމީދު ހާސިލްކޮށްފިއެވެ. ޔޫރޯގެ ގްރޫޕް ސްޓޭޖު ނިމިގެން ދިޔައީ ޕަންޑޭވްގެ ރިޓަޔާމަންޓާ އެކުގައެވެ.
ނޯތު މެސަޑޯނިއާއިން ނެދަލޭންޑްސްއާ ދެކޮޅަށް ކުޅުނު މެޗާއެކު ގްރޫޕް ސްޓޭޖުން ކަޓައިގެން ދިޔަ ނަމަވެސް ޓީމުން ނިންމާލީ ހިތްހަމަ ޖެހުމާއެކުގައެވެ. ޕަންޑޭވް އެގައުމުގެ ގެންގޮސްދިން ހިސާބަކީ ފެށުމެކެވެ. ގައުމުގެ ފުޓުބޯޅަ ޕަންޑޭވް ހަވާލުކުރީ އާ ޖީލަކަށް ނަމަވެސް ޕަންޑޭވްގެ ދަރަޖައަށް އަންނާނެ ގަދަރުހުރި ކުޅުންތެރިޔަކު އަދި ފެންނަންވެސް ނެތެވެ.
ކްލަބު ކެރިއަރުގައި 21 އަހަރު ހޭދަކޮށް އަދިވެސް ކުރިއަށް ދަމުން އަންނަ ޕަންޑޭވް، އެންމެފަހުން ކުޅުނު ހަ ސީޒަންގައިވެސް ކުޅެފައި ވަނީ އިޓަލީގެ ގެނޯއާއަށެވެ. ނޯތު މެސަޑޯނިއާގެ ފޯކްލޯގައި ޕަންޑޭވްގެ ފުޓުބޯޅަ ވާހަކައަށް ދެނީ "ހީރޯ" އެއް، ނޫނީ ގައުމުގެ "ފުޓުބޯޅަ ރަސްކަލެއްގެ" ދަރަޖައެވެ. އެ ވާހަކަތައް ނިމުމެއް ނެތި ދައްކާނެވެސް މެއެވެ.
"ޕަންޑޭވްއަކީ ގައުމުގެ ފުޓުބޯޅައިގައި ރަސްގެފާނެއް. އަހަންނަށް ކިޔައިދޭކަށްވެސް ނޭނގެ ޕަންޑޭވްގެ މިޒާޖުގެ ރަނގަޅުކަމުގެ ވާހަކައެއް. އެންމެނަށް އެހީވާނެ. ލެޖެންޑެއްގެ ކިބައިން ފެންނަން ޖެހޭ ހުރިހާ ސިފައެއް ހުރި މީހެއް ޕަންޑޭވްއަކީ. ނޯތު މެސަޑޯނިއާ ފުޓުބޯޅައިގެ އެންމެ މުހިއްމު ތަރި،" ޕަންޑޭވްއާއެކު ގައުމީ ޓީމަށް ކުޅެމުންދިޔަ ސެންޓްރަލް ޑިފެންޑަރު ކިރޭ ރިސްޓެވްސްކީ ކިޔައިދީފައިވެއެވެ.
ޓީމުގެ ހުރިހާ އެންމެންނަށް ވަކިވަކިންވެސް އަބަދުހެން ވާހަކަ ދައްކާ މެދުވެރިއަކީ ކެޕްޓަން ޕަންޑޭވްއެވެ. އަބަދުހެން އެންމެންނާ ގުޅުން ބާއްވައި ގައުމީ ޓީމުގައި ގައުމީ ރޫހު އަށަގަންނުވާ ޖަޑިބަކީ ހަމަ ޕަންޑޭވްއެވެ. ދެވަނައެއް ނާންނާނެ ކަމަށް ރިސްޓެވްސްކީ ބުނެފައިވެއެވެ.
ޕަންޑޭވް އަކީ ހަމައެކަނި ދަނޑުމަތީގެ "ކެރެކްޓާއެއް" ނޫނެވެ. ހޯމްޓައުން ސުޓްރޫމިކާގައި ޕަންޑޭވްގެ އަމިއްލަ ޓީމެއް އަންނަނީ ބިނާކުރަމުންނެވެ. އެކަޑެމީޖާ ޕަންޑޭވްގެ ނަމަގައި އުފެއްދި ޓީމު 2017 ވަނަ އަހަރު ނޯތު މެސަޑޯނިއާގެ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވެފައިވާއިރު، އެއީ މުޅި ގައުމުގައިވެސް ހިންގޭ އެންމެ ވަރުގަދަ އެއް ފުޓުބޯޅަ ޕްރޮޖެކްޓެވެ. ޒުވާން ކުދިން ތަމްރީނު ކުރުމުން ފެށިގެން ގައުމީ ޓީމާ ހަމައަށް ދެމެހެއްޓެނިވި ހުނަރު ފޯރުކޮށްދިނުމަކީ ޕަންޑޭވް ގައުމަށް ކުރަމުން އަންނަ ހިދުމަތެވެ.
"ޔޫރޯއަކީ އެންމެ ބޮޑު ފުރުސަތު. ޒުވާން ކުޅުންތެރިން ތިބިކަން ދުނިޔެއަށް ސާބިތުކޮށްދިނުމަށް ފެންބޮވައިގަނެފައިވާ ޓީމަކަށް ޔޫރޯއިން ލިބިގެން ދިޔައީ ޕްލެޓްފޯމެއް. ލީގު ވަރުގަދަ ނޫންކަންވެސް އެނގޭ. އެކަމަކު ޕޮޓެންޝިއަލް ހުރި ކުޅުންތެރިން ޔަގީނުންވެސް އެބަތިބި. އެ ކުޅުންތެރިންނަށް މިހާރުވެސް ބޮޑެތި ލީގުތަކުން ޖާގަ ލިބޭ. ޒުވާން ޖެނެރޭޝަން އެފަދަ ގޮތަކަށް ކުރިއަރަމުން އަންނަ ކަމީ އުފާކުރަން ޖެހޭ ކަމެއް،" ޓީމުގެ އެންމެ ސީނިއާ އެއް ކުޅުންތެރިޔާ ރިސްޓެވްސްކީ ބުނެފައިވެއެވެ.
ޕަންޑޭވްގެ އެނބުރި އައުމާއި، ނޯތު މެސަޑޯނިއާގެ ބޮޑު މުބާރާތުގެ ކްރެޑިޓް އެންމެ ބޮޑަށް ހައްގުވަނީ ކޯޗު އީގޯއަށެވެ. ޔޫއެފާ ނޭޝަންސް ލީގާއެކު އައި ކޮލިފިކޭޝަންގެ ބަދަލު ބޭނުން ހިފައި އެތައް ރައްޔިތުންނަކަށް އުފާވެރިކަން ގެނެސްދިން ކޯޗަކީ އެއީއެވެ. ރަނގަޅު ކޮލިފިކޭޝަން މެޗުތަކަކާއެކު އުންމީދު އާކޮށް، ނޯތު މެސަޑޯނިއޯ ގޮވައިގެން ފުރަތަމަ ޔޫރޯއަށް އާދެވުމާއެކު، އެ އުފާވެރިކަމުން އީގޯ ރޮއްވާލިއެވެ. ކުޅުންތެރިންނާއެކު އޭނާ އުފާ ފާޅުކުރި މަންޒަރުން އެކަން ސާފުވެސް ވިއެވެ.
އެއީ ހަމައެކަނި ޓީމުގެ ކާމިޔާބީއެއް ނޫނެވެ. އެގަމުގެ ރައްޔިތުން ވަނީ ޔޫރޯގެ ކޮލިފިކޭޝަންގެ އުފާފާޅުކުރުންތަކަށް މަގުތަކަށް ނުކުމު، މަގުތައް ފުރާލައިފައެވެ. އެއީ އެގައުމަށް ޔުރޯ މުހިއްމުވި މިންވަރެވެ. އެއީ ފުޓުބޯޅައަށް އެގައުމުގައި އޮތް ލޯތްބެވެ.
"މިއީ ޔޫރަޕްގެ ކުރިއަރާފައިވާ އެހެން ގައުމުތަކަށްވުރެ ދިރިއުޅުމުގެ ފެންވަރު ދަށް ގައުމެއް. 30 ވަރަކަށް އަހަރުވީ މިނިވަންކަން ލިބުނުތާވެސް. އެކަމަކު މިފަދަ ބޮޑު މުބާރާތަކީ ހުވަފެނުންވެސް ފެންނާނެ މުބާރާތެއް ނޫން. ޕަންޑޭވްއާއެކު ޔޫރޯއަށް ގޮސް، ޖަރުމަނު ބަލިކުރުން ފަދަ ކަންކަމަކީ އުފާވެރިކަން ކޮޅުންލި މޮމެންޓްސްތައް،" އެގައުމުގައި ފުޓުބޯޅަ މުހިއްމު މިންވަރާ ގުޅިގެން މަކްފުޑްބަލްގެ ޗީފް އެޑިޓަރު ނިކޮލާ ޖުރޯވްސްކީ 2019 ވަނަ އަހަރުގެ ކާމިޔާބީއާއި ނޯތު މެސަޑޯނިއާގެ ފުޓުބޯޅައަށް ބުނެފައިވެއެވެ.
ގައުމުގެ ފުޓުބޯޅަ ހީރޯ ޕަންޑޭވް މަޑު ޖެހިލިނަމަވެސް ދަނޑު ބޭރުން އޭނާ ކުރާ މަސައްކަތް ބޮޑެވެ. މިހާރު ވޯލްޑް ކަޕް ކޮލިފިކޭޝަން ގްރޫޕްގެ ދެވަނައިގައި ނޯތު މެސަޑޯނިއާ އޮތްއިރު، ވޯލްޑް ކަޕަށް ކޮލިފައިވުންވެސް އޮތީ ދުރަކު ނޫނެވެ. އެއީ ކަޓައިގެންދިޔަ ޔޫރޯގެ ބިންގަލެވެ. ޕަންޑޭވް ނެތްތަން އަބަދުވެސް ގައުމީ ފުޓުބޯޅައިން ދައްކާނެއެވެ. އެހެންނަމަވެސް އޭނާ ދަނޑުމަތީގައި ނެތްނަމަވެސް އޭނާއަކީ ދާއިމަށް އެގައުމުގެ "ފުޓުބޯޅަ ރަސްގެފާނު"އެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު