ރާއްޖޭގެ ޓޫރިޒަމް ދުނިޔެއަށް ތައާރަފް ކުރުމަށްޓަކައި ބޮޑެތި މަސައްކަތްތަކެއް ކޮށްދީފައިވާ، އިނގިރޭސި ވިލާތަށް އުފަން ޓޯނީ ޑެ ލަރޫކް އިއްޔެ މަރުވެއްޖެ އެވެ.

ރާއްޖޭގެ ޓޫރިޒަމްގައި "މޯލްޑިވް ލޭޑީ" ގެ ނަމުން މަޝްހޫރުވެފައިވާ ޓޯނީ ޑެ ލަރޫކް ރާއްޖެ އަށް ފުރަތަމަ ޒިޔާރަތް ކުރީ، ޓޫރިޒަމް ތައާރަފު ކުރިތާ ގިނަ ދުވަސްތަކެއް ނުވެ، 1980 ގައެވެ. އޭރު ރާއްޖެއަށް ޓޫރިޒަމް ތައާރަފް ވިތާ ވެފައި ވަނީ އެންމެ އަށް އަހަރެވެ. އެހެންކަމުން ރާއްޖެ ދަންނަ މާގިނަ ބަޔަކު އޭރު ނޫޅެ އެވެ.

އޭނާ ރާއްޖެ އައުމަށްފަހު، މުޅި ދުނިޔެއަށް ރާއްޖޭގެ ޓޫރިޒަމް މާކެޓް ކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރިއެވެ.

އެގޮތުން އޭނާ ވަނީ 41 އަހަރު ވަންދެން ރާއްޖޭގެ ޓޫރިޒަމަށް ހިދުމަތް ކޮށްދީފަ އެވެ. "މޯލްޑިވް ލޭޑީ"ގެ ނަމުން އޭނާ މަޝްހޫރުވީ އެކަމާ ގުޅިގެންނެވެ.

ހާއްސަކޮށް އޭނާގެ އަމިއްލަ ގައުމު ކަމުގައިވާ އިނގިރޭސި ވިލާތުގައި ރާއްޖެ އިޝްތިހާރު ކުރަން އޭނާ ކުރި މަސައްކަތަކީވެސް ފާހަގަ ކޮށްލެވޭ މަސައްކަތްތަކެކެވެ. އެކަމަށްޓަކައި އޭނާ ވަނީ "މޯލްޑިވްސް ޓްރެވަލް"ގެ ނަމުގައި އަމިއްލަ ކުންފުންޏެއް އުފައްދައި ގިނަ މަސައްކަތްތަކެއް ވެސް ކޮށްފައެވެ.

ޓޯނީ އާބެހޭގޮތުން ބޭރުގެ ބައެއް މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވާގޮތުގައި އޭނާ ރާއްޖެ އައީ އޭނާގެ ކައިވެނީގައި ޖެހުނު މައްސަލަތަކެއްގެ ސަބަބުން އެމައްސަލަތައް ހަނދާން ނައްތާލައި ހިތްހަމަ ޖައްސައިލުމަށެވެ.

އެގޮތަށް އޭނާ ރާއްޖެ އައުމާއެކު ރާއްޖެއަށް ހިތް ޖެހުނެވެ.

ރާއްޖެއަށް ހިތްޖެހުނު ސަބަބު ބަޔާންކޮށް ޓޯނީ ބުނެފައިވަނީ ރާއްޖެ ދެކެ ލޯބި ވީ ރާއްޖޭގެ ރަށްތައް ރީތިވުމާއި، ދިވެހީންގެ ހިތްހެޔޮ މިޒާޖުން ކަމަށެވެ.

އެންމެ ފުރަތަމަ ޓޯނީ ރާއްޖެ އިޝްތިހާރު ކުރަން ފެށީ އިނގިރޭސި ވިލާތުގެ ރޭޑިއޯތަކުން ގެނެސްދިން ޕްރޮގްރާމުތަކުގަ އެވެ.

އެކަމުގެ ނަތީޖައަކަށްވީ އިނގިރޭސި ރައްޔިތުންގެ މެދުގައި ރާއްޖެ އަށް އޮތް ޝައުގުވެރިކަން އިތުރުވެ، އެ ގައުމުން ރާއްޖެ އަންނަ ޓޫރިސްޓުން އިތުރުވުމެވެ.

ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމުގެ އިތުރުން، ރާއްޖޭގެ ތައުލީމީ ދާއިރާއިން ދިވެހީން ކުރިއެރުވުމަށް ވެސް އޭނާ ވަނީ މުހިންމު މަސައްކަތްތަކެއް ކޮށްފައެވެ.

އެގޮތުން ދިވެހި ދަރިވަރުންނަށް އިނގިރޭސި ވިލާތުގެ ޔުނިވާސިޓީތަކުން ފުރުސަތުތައް ހޯދައިދިނުމުގައި އެހީވުމާއި، އޭނާގެ ޓްރެވެލް އެޖެންސީ މެދުވެރިކޮށް ރާއްޖޭގެ ސްކޫލުތަކަށް ފޮތް ހަދިޔާ ކުރުމުގެ ޕްރޮގްރާމުތައް ހިންގުން ހިމެނެއެވެ.

ޓޯނީގެ މި ހިދުމަތްތަކުގެ ސަބަބުން ޓޫރިޒަމް މިނިސްޓްރީން ވަނީ 1997 ވަނަ އަހަރު އޭނާގެ އަގުވަޒަންކޮށް ހަނދާނީ ލިޔުމެއް ދީފަ އެވެ. އޭނާ ވަނީ 1990ގެ އަހަރުތަކުގެ ތެރޭގައި އިނގިރޭސި ވިލާތުގެ ރާއްޖޭގެ އޮނަރަރީ ޓޫރިޒަމް ރެޕްރެޒެންޓޭޓިވްގެ މަގާމު ވެސް އަދާކޮށްފަ އެވެ.

ޓޯނީގެ ހިދުމަތްތަކުގެ އަގުވަޒަންކޮށް ދިވެހި ސަރުކާރުން ދޭ ހާއްސަ އިނާމު ވެސް އޭނާ އަށް ވަނީ 2005 ވަނަ އަހަރު ދީފަ އެވެ. ޓޯނީ މަރުވުމާ ގުޅިގެން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ވަނީ ހިތާމަފާޅު ކުރައްވައި ޓްވީޓް ކުރައްވައިފަ އެވެ.

އެކަމާ ގުޅިގެން ރައީސް މައުމޫން ކުރެއްވި ޓްވީޓުގައި މުޅި ދުނިޔެއަށް ރާއްޖެ ޕްރޮމޯޓް ކުރުމަށް ޓޯނީ ކުރެއްވި އަގުނުކުރެވޭ މަސައްކަތްތައް ފާހަގަކުރައްވާފައިވެ އެވެ.

"މޯލްޑިވް ލޭޑީ"ގެ ނަމުން ޓޯނީ މަޝްހޫރުވީ އޭނާގެ ދިރިއުޅުމާއި ތަޖުރިބާއާ ގުޅޭގޮތުން ނެރުނު ފޮތުގެ ސަބަބުންނެވެ. އެ ފޮތުގެ ނަމަކީ "ޓޯނީ: ދަ މޯލްޑިވް ލޭޑީ" އެވެ.