ސިސިލްފަރުގެ ނަމުގައި ހައްޖަށާއި އުމްރާއަށް ގެންދިއުމަށް މީހުން އަތުން ފައިސާ ނަގައި އެ ފައިސާ ސިސިލްފަރު ހައްޖު އުމުރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑާ ހަވާލު ކޮށްފައިނުވާ މައްސަލައިގައި އެފައިސާ ނަގައި ދިނުމަށް އެދި އެކުންފުނީގެ އޭރުގެ ހިއްސާދާރެއް ކަމަށްވާ މ. އެކްސަލް، މުސްތަފާ މުހައްމަދު ދީދީގެ މައްޗަށް ސިސިލްފަރުން ކުރި ދައުވާގައި އޭނާގެ އަތުން އެފައިސާ ނަގައިދެވެން ނެތް ކަަމަށް ސިވިލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ތާއީދު ކޮށްފިއެވެ.

މިއީ މީގެ 10 އަަހަރު ކުރިން ހިޖުރީގޮތުން 1432 ވަނަ އަހަރު ސިސިލްފަރު ޖަމާއަތުގެ ހަވާލުގައި ހައްޖާއި އުމުރާއަށް ދާން ފައިސާދެއްކި ކަމަށް ބުނާ ބައެއް މީހުން ފައިސާ ނުދައްކާކަމަށް ބުނެފައިވާ މައްސަލައެކެވެ. އޭރު މުސްތަފާ އަކީ އެ ގްރޫޕުގެ ހިއްސާ ދާރެކެވެ.

މި މައްސަލައިގައި ސިސިލްފަރުގެ ފަރާތުން ސިވިލް ކޯޓުގައި މުސްސަފާގެ މައްޗަށް ދައުވާ ކޮށްފައި ވަނީ ސިސިލްފަރުން ހައްޖު އަދި އުމުރާ އަށް މީހުން ފޮނުވާތާ އެތައް އަހަރެއް ވެފައި ވަނިކޮށް އެ ގްރޫޕްގެ އޮފިޝަލުންގެ ތެރޭގައި ހިމެނޭ މުސްތަފާ، 1432 ވަނަ އަހަރު ހައްޖަށް ދިއުމަށް ފައިސާ ދެއްކި މީހުންގެ ތެރެއިން 32 މީހުންގެ އަތުން މީހަކަށް 65،000 ރުފިޔާގެ ރޭޓުން 2،080،000 ރުފިޔާ ނަގާފައިވާ ކަމަށާއި، ހަމަ އެ އަހަރު އުމްރާއަށްދިޔަ މީހުންގެ ތެރެއިން 48 މީހުންނަށް، މީހަކަށް 30،000 ރުފިޔާގެ ރޭޓުން 1،440،000 ރުފިޔާ ނަގާފައިވާކަމަށެވެ.

ނަމަވެސް ކުންފުނީގެ އޮފީހަށް ނުދައްކައި މުސްތަފާ އެފައިސާ ބޭނުންކޮށްފައިވާކަން އެނގުމުން އެ ފައިސާ އޮފީހަށް ދައްކަން އެންގުމުން ފައިސާ ދޭނެކަމަށްބުނެ ނުދީ ލަސްކުރަމުންދާތީ އެ ގްރޫޕަށް މުސްތަފާ ދައްކަންޖެގޭ ޖުމްލަ 3.5 މިލިޔަން ރުފިޔާ މުސްތަފާގެ އަތުން ހޯދައި ދިނުމަށް ސިސިލްފަރުން ކުރި ދައުވާގައިވެ އެވެ.

އެ މައްސަލަ ބަލައި ސިވިލްކޯޓުން ކުރި ހުކުމްގައި ވަނީ ހައްޖާއި އުމްރާއަށް ދިއުމަށް މުސްތަފާއަށް ފައިސާ ދެއްކި މީހުންކަމަށް ބުނެ ސިސިލްފަރުން ހުށަހަޅާފައިވާ މީހުންގެ ތެރެއިން އެއްވެސް މީހަކު އެއަހަރު ހައްޖާއި އުމުރާ އަށް ދިއުމަށްޓަކައި މުސްތަފާއަށް އެއަދަދަށް ފައިސާ ދައްކާފައިވާކަން ޝަރީއަތަށް ސާބިތުވާފަދަ ކިތާބީ އަދި ޝަފަހީ ހެއްކެއް ދެއްކިފައި ނުވާ ކަމަށެވެ.

ހަމައެހެންމެ އެ އަހަރު ހައްޖާއި އުމުރާއަށް ދިއުމަށްޓަކައި ސިސިލްފަރު ގުރޫޕަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން މުސްތަފާ ދައްކާފައިވަނީ ކިހާމިންވަރެއްގެ ފައިސާއެއްކަމާއި، އަދި މުސްތަފާ ދައްކާފައިވާ ފައިސާގެ ތެރެއިން ސިސިލްފަރު ގުރޫޕަށް ނުލިބިވަނީ ކިހާ މިންވަރެއްގެ ފައިސާއެއްކަން ޝަރީއަތަށް ސާބިތުވާފަދަ ކާފީ ހެއްކެއް ސިސިލްފަރުގެ ފަރާތުން ހުށަހަޅާފައި ނުވާތީ މުސްތަފާގެ އަތުން ހޯދުމަށް އެދިފައިވާ ފައިސާ ޝަރީއަތުން ނަގައިދެވެން ނެތް ކަމަށް ސިވިލް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.

މި މައްސަލަ ސިސިލްފަރު ހައްޖު އުމްރާ ގްރޫޕުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަަލަ ބަލައި ހައިކޯޓުން އިއްޔެ ކުރި ހުކުމްގައި ވަނީ، ސިވިލް ކޯޓުގެ ހުކުމަށް ބަދަލު ގެންނަންޖެހޭ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތް ކަމަށެވެ. އެ ހުކުމް ކުރީ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަޣްލަބިއްޔަތުންނެވެ.