ސަން މީޑިއާ ގުރޫޕުގެ ސީއީއޯ އަދި ސަން އޮންލައިންގެ އެޑިޓަރު ކަމުގެ މަގާމުގައި ހުންނެވި އަހުމަދު ޒާހިރު މުހައްމަދު (ހިރިގާ) މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި ހިރިގާ އިސްތިއުފާ ހުށަހަޅުއްވާފައި ވަނީ މީގެ ދެދުވަހެއް ކުރީންނެވެ.

ފާއިތުވި 11 ވަރަކަށް އަހަރު ދުވަހު، ސަންގައި މަސައްކަތް ކުރެއްވުމަށް ފަހު، މަގާމުން އިސްތިއުފާދެއްވި ސަބަބާ ގުޅޭ ގޮތުން "ވަން" އިން ސުވާލު ދެންނެވުމުން ހިރިގާ މިއަދު ވިދާޅުވީ ސަން އިން ވަކިވެވަޑައިގަންނަވަން ނިންމެވީ އަމިއްލަ މަސައްކަތެއް ކުރެއްވުމަށް ކަމަށެވެ.

ކުރިޔަށް އޮތް ތަނުގައި ވެސް ނޫސްވެރިކަމުގެ ދާއިރާއިން ފެންނާނެ ކަމަށް ހިރިގާ ވިދާޅުވި އެވެ.

ހިރިގާ ވިދާޅުވީ މިދިޔަ 11 ވަރަކަށް އަހަރު ދުވަހު، ރާއްޖޭގެ ނޫސްވެރިކަމުގެ އެންމެ މަތީ ހަރުފަތުގައި ސަން ދެމިއޮތުމަކީ ކުރެއްވުނު ބުރަ މަސައްކަތެއް ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެ ކާމިޔާބު ހޯއްދެވުނީ ސަން އިން ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ސަބަބުން ކަމަށެވެ. އަދި މިއަދު ސަން އަކީ ރާއްޖޭގެ އެންމެ ދުވަސް ވީ އެއް އޮންލައިން ނޫސް ކަމަށާއި އެ ގޮތުން ބަލާއިރު އެންމެ ބޮޑު އާކައިވް ވެސް އޮތް ނޫސް ކަމަށެވެ.

"ސަން ގައި މަސައްކަތް މި ކުރެވުނު ދިގު މުއްދަތުގައި މި ނޫސް ރާއްޖޭގެ އެއްވަނަ ދަރަޖައިގައި ހިފެހެއްޓުމާ އެކު ކިޔުންތެރީންގެ އިތުބާރު ދެމެހެއްޓިފައި އޮތުމަކީ ހޯދުނު ބޮޑު ކާމިޔާބެއް. މިއަދު ސަން އަކީ ރާއްޖޭގެ އެންމެ މުއްސަނދި އާކައިވް. އެ އާކައިވް ނެތިގެން ނުދާނޭ ގޮތަކަށް ކަންކަން ވުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ވެސް ދެކެން." ހިރިގާ ވިދާޅުވި އެވެ.

ސަން ގެ ސީއީއޯ އަދި އެޑިޓަރު ކަމުގެ މަގާމުން ހިރިގާ އިސްތިއުފާ ދެއްވާފައިވާ އިރު، މިހާރު ނޫހުގެ އެޑިޓަރު، މޫސާ ލަތީފު ވެސް ވަނީ ދާދި ފަހުން މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. މޫސަ އެއިރު "ވަން" އަށް ވިދާޅުވީ އޭނާ މަގާމުން އިސްތިއުފާ ދެއްވީ އަމިއްލަ ނޫހެއް އުފެއްދެވުމުގެ މަސައްކަތް ކުރެއްވުމަށް ޓަކަ އެވެ. އެނގިފައިވާ ގޮތުގައި، އެ ނޫހަކީ މޫސަގެ އިތުރުން ހިރިގާވެސް ހިއްސާ ވެވަޑައިގެން ނެރުއްވަން ނިންމަވާފައިވާ ނޫހެކެވެ.