މަންދު ކޮލެޖަށް ބަދަލުގެ ގޮތުގައި ދިނުމަށް ދައުލަތުން އެއްބަސްވި 15 މިލިއަން ރުފިޔާ އެ ކޮލެޖު ހިންގާ ކުންފުންޏަށް ދިނުމުގެ ގޮތުން ކޯޓަށް ފޮނުވާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
އެއްބަސްވުމާ ހިލާފަށް މަންދު ކޮލެޖް ކުރިން ހިންގި އިމާރާތުން އެ ފަރާތް ނެރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 15،012،500 (15 މިލިއަން) ރުފިޔާ ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީގެ މައްޗަށް ސިވިލް ކޯޓުން ވަނީ މިއަހަރުގެ އޭޕްރީލް 19 ވަނަ ދުވަހު ހުކުމްކޮށްފަ އެވެ.
އެ ހުކުމް ސިވިލް ކޯޓުން ކުރީ، ކުރީގެ އެމްއީއޭސް ސްކޫލު ހުރި ބިމުން، 2015 ވަނަ އަހަރު ޝަރީއަތުގެ އަމުރެއް ނެތި މަންދު ކޮލެޖު ބޭރުކޮށްލުމުން ބަދަލުގެ ގޮތުގައި 18,012,500 (18 މިލިއަން) ރުފިޔާ ހޯދުމަށް އެ ކޮލެޖުން ދައުވާކުރުމުންނެވެ. ނަމަވެސް ދެ ފަރާތުން ވާހަކަދެއްކުމަށް ފަހު ވަނީ އެ އަދުދު 15 މިލިއަނަށް ކުޑަކޮށްފަ އެވެ.
ސިވިލް ކޯޓުން އެއިރު ކުރި ހުކުމުގައި ބުނެފައިވަނީ، ދެފަރާތުގެ ދެމެދުގައި އެއްބަސްވިގޮތަށް 15،012،500 ރުފިޔާ އެއް މަސް ދުވަސްތެރޭގައި އެ ކޯޓަށް ދެއްކުމަށެވެ.
ފިނޭންސް މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު "ވަން" އަށް މިރޭ ވިދާޅުވީ ސިވިލް ކޯޓުގެ ހުކުމާ އެއްގޮތަށް މުއްދަތުގެ ތެރޭގައި ކޯޓަށް ފައިސާ ދައްކާފައިވާ ކަމަށެވެ. އަދި އެފައިސާގެ ވަކި މިންވަރެއް މަންދުގެ އެކައުންޓަށް މިދިޔަ ހަފުތާގައި ފިނޭންސްގެ ފަރާތުން ޖަމާކޮށްފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު