ހެދިބޮޑުވަމުން އަންނަ ކުދިންގެ ހަށިގަނޑަށް އަންނަ ބަދަލުތަކާ ގުޅޭ އެންމެ ފުރިހަމަ މައުލޫމާތު ފޯރުކޮށްދެވޭނީ ސްކޫލް ކަރިކިއުލަމްގެ ތެރެއިން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ފަސްޓް ލެޑީ ފަޒުނާ އަހުމަދު ވިދާޅުވެއްޖެއެވެ.

ކޮންމެ އަހަރެއްގެ މެއި މަހުގެ 28 ވަނަ ދުވަހަކީ "މެންސްޓްރުއަލް ހެލްތު ޑޭ" ގޮތުގައި ފާހަގަކުރާ ދުވެހެވެ.

"މެންސްޓްރުއަލް ހެލްތު އެޑިއުކޭޝަން އެންޑް ސަސްޓެއިނަބަލް ޕީރިއަޑް" އާ ގުޅޭ ގޮތުން ރޭ ބޭއްވި ވެބިނާގައި މެޑަމް ވިދާޅުވީ ޕިއުބަޓީއާ ގުޅިގެން ޖިސްމާނީ ގޮތުންނާއި ބައޮލޮޖިކަލް ގޮތުން އަންހެން ކުދިންނާ ފިރިހެން ކުދިންގެ ހަށިގަނޑަށް އަންނަ ބަދަލުތަކާ ގުޅޭ ސައްހަ މައުލޫމާތު ކުދިންނަށް ފޯރުކޮށްދޭންޖެހޭ ކަމަށެވެ. އަދި މިއީ އުފަންވެނި ސިއްހަތާ ގުޅުންހުރި ކަމަކަށް ވާތީ މި ކަމުން ދިމާވެދާނެ ކަންކަމަށްޓަކައި ކުއްޖާގެ އުމުރާ ގުޅޭގޮތުން ހޭލުންތެރިކުރުވުން މުހިންމު ކަމަށްވެސް ވިދާޅުވިއެވެ.

މެންސްޓްރުއޭޝަން އަކީ އަމިއްލަ ސާފު ތާހިރުކަމާ ތިމާވެށީގެ ސާފުތާހިރުކަމާ ވެސް ގުޅިފައިވާ ކަމެއް ކަމަށާއި އެހެންކަމުން ޕީރިއަޑް ވުމުން ކަންކުރަންވީ ގޮތްވެސް ކިޔާދޭން ޖެހޭ ކަމަށްވެސް މެޑަމް ވިދާޅުވިއެވެ.

މެޑަމް ވިދާޅުވީ ކުއްޖާގެ އުމުރައި މުޖުތަމައެއްގެ މާހައުލާ ގުޅޭގޮތުން ކަންކަން ކުރުމުގައި ދަތިތައް ދިމާވާ ކަމަށާއި އެހެންކަމުން ޕިއުބަޓީގެ ވާހަކަ ދައްކަން ރަނގަޅީ ހެލްތް އެޑުކޭޝަންގެ ތެރެއިން ކަމަށް ތަޖުރިބާކާރުން ވިދާޅުވާ ކަމަށެވެ.

"ޕިއުބަޓީގެ ވާހަކަ ދައްކަން ރަނގަޅީ ހެލްތް އެޑުކޭޝަންގެ ތެރެއިން ކަމަށް ތަޖުރިބާ ކާރުން ވިދާޅުވޭ. އަދި މުޅި މުޖުތަމައަށް ފައިދާވާގޮތަށް މިކަން ކުރެވޭނީ ބެލެނިވެރިންގެ ރުހުމާ އެއްބާރުލުމާއެކު ސްކޫލް ކަރިކިއުލަމްގެ ތެރެއިން،" މެޑަމް ވިދާޅުވިއެވެ.

ޕީރިއަޑް ޓެބޫއަށް އެޑްރެސް ކުރެވޭނެ ގޮތްތަކަށްވެސް ބަލަންޖެހޭ ކަމަށާއި މިފަދަ ކަންކަމަށް ވަކާލާތުކޮށް އުސޫލުތައް ކަޑައަޅާއިރު، އެކި ކަންކަމަށް ބޭނުން ކުރާނެ އެކަށިގެންވާ ދިވެހި ބަސް ހުންނަންޖެހޭ ކަމަށްވެސް މެޑަމް ވިދާޅުވިއެވެ.

ވެބިނާ އިންތިޒާމު ކުރީ ސޮސައިޓީ ފޯ ހެލްތު އެޑިޔުކޭޝަނާއި ޒީރޯ ވޭސްޓް މޯލްޑިވްސް ގުޅިގެން ޔުނައިޓްޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑް (ޔޫއެންއެފްޕީއޭ)އިންނެވެ. މި ވެބިނާގައި ސަރުކާރުގެ ޕޮލިސީ ލެވެލްގެ ބޭފުޅުންގެ އިތުރުން ސިއްހީ ދާއިރާ ތަމްސީލް ކުރައްވާ ބޭފުޅުންނާއި މަދަނީ ޖަމިއްޔާ ޖަމާއަތްތަކުގެ ބޭފުޅުންނާއި މި ދާއިރާއިން ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރައްވާ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.