ފޮރިން މިނިސްޓަރު އަދި އދ. ގެ އާއްމު މަޖިލީހުގެ އިންތިހާބީ ރައީސް އަބްދުﷲ ޝާހިދު، އާއްމު މަޖިލީހުގެ ރައީސްގެ ހާއްސަ މަންދޫބަކަށް ދިވެހިރާއްޖެއިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސެއިން ހަމަޖައްސަވައިފިއެވެ.
މީގެ އިތުރުން އާއްމު މަޖިލީހުގެ ރައީސްގެ ޗެފް ޑި ކެބިނެޓްގެ މަގާމަށް އެމްބެސެޑަރު ނަގަރާޖް ނައިޑޫ ކުމާރްވެސް ވަނީ ހަމަޖައްސަވައިފައެވެ.
މިދިޔަ ހޯމަ ދުވަހު އާއްމު މަޖިލީހުގެ ރިޔާސަތުގެ އިންތިހާބު ކާމިޔާބުކުރެއްވުމަށްފަހު އދ. ގެ އާއްމު މަޖިލީހުގައި ތަގުރީރުކުރައްވަމުން މިނިސްޓަރު ޝާހިދު ވަނީ އެމަނިކުފާނުގެ ޓީމަކީ މިންތީގެ ހަމަހަމަކަން ގާއިމުކުރެވިފައިވާ އަދި ހުރިހާ ޖިއޮގްރަފިކަލް ސަރަހައްދުތައް ތަމްސީލުކުރެވޭ، އެކި ގައުމުތަކުގެ މައްޗަށް ބަހާލެވޭ ޓީމަކަށް ހައްދަވާނެ ކަމަށް ވިދާޅުވެފައެވެ. މީގެ ތެރޭގައި ތަރައްގީވެފައިވާ އަދި ތަރައްގީވަމުން އަންނަ ގައުމުތައްވެސް ހިމެނޭނެ ކަމަށް ވިދާޅުވިއެވެ.
ޝާހިދު ވަނީ މިހާރު ހިނގަމުންދާ އދ. ގެ އާއްމު މަޖިލީހުގެ 75 ވަނަ ދައުރުގެ ރައީސް ވޮލްކަން ބޮޒްކިރްއާ އިއްޔެ އދ. ގެ މައި މަރުކަޒުގައި ބައްދަލުކުރައްވައިފައެވެ. މި ބައްދަލުވުމުގައި، އިންތިހާބުގައި ލިބިވަޑައިގެންނެވި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވައި އަދި ކުރިއަށް ހުރި މަސައްކަތްތަކާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި ބޮޒްކިރްގެ ތަޖުރިބާ ހިއްސާކުރެއްވިކަމަށްޓަކައި ވަނީ ޝުކުރު އަދާކުރައްވައިފައެވެ.
އދ. ގެ އާއްމު މަޖިލީހުގެ ރައީސަކު އިންތިހާބުކުރުމަށް މިދިޔަ ހޯމަ ދުވަހު ބޭއްވި އިންތިހާބު މިނިސްޓަރު ޝާހިދު ކާމިޔާބުކުރެއްވީ 143 ވޯޓުންނެވެ. އަދި މިނިސްޓަރު ޝާހިދާ ވާދަކުރެއްވި އަފްޣާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ރަލްމައި ރަސޫލަށް ލިބިވަޑައިގެންނެވީ 48 ވޯޓެވެ. ޝާހިދު ވެވަޑައިގެންނެވީ އެ މަގާމަށް އިންތިހާބުވި ފުރަތަމަ ދިވެއްސަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު