ގއ. ކޮނޑޭ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް މުހައްމަދު އިބްރާހިމްގެ ސުލޫކީ މައްސަލަ ސާބިތުނުވާ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

މުހައްމަދު އިބްރާހިމާ ގުޅޭގޮތުން ޖޭއެސްސީން ބަލާފައިވަނީ ކަނޑައެޅިފައިވާ އުސޫލުތަކާ ހިލާފަށް އޭނާއާ ހަވާލުކޮށްފައިވާ ކޯޓުތަކަށް ދަތުރުކުރުމާއި ކޯޓަށް ހުށަހެޅޭ މައްސަލަތައް ނިންމުމުގައި މުހައްމަދު އިބްރާހީމް އަދާކުރަން ޖެހޭ ޒިންމާއަށް އިހުމާލު ވެފައިވާ މައްސަލައެވެ. އަދި ކޯޓުގެ މުވައްޒަފުންނާއި ކޯޓަށް ހުށަހެޅޭ މަައްސަލަތަކުގެ ވާހަކަ މުހައްމަދު އިބްރާހިމް ކޯޓުން ބޭރުގައި ދައްކާ ކަމަށް ބުނެވެސް މައްސަލައެއް ވަނީ ހުށަހަޅައިފައެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ މުހައްމަދު އިބްރާހިމާ ގުޅޭގޮތުން އެ ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަ ތަހުގީގުކުރެވި، މައްސަލަ ސާބިތުނުވާ ކަމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތަށް ކޮމިޝަނުން ނިންމާފައިވަނީ މިދިޔަ އާދިއްތަ ދުވަހު ބޭއްވި އެ ކޮމިޝަންގެ 45 ވަނަ ބައްދަލުވުމުގައެވެ.