ޖެނުއަރީ 1953 އިން ފެށިގެން، ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމުގެ ވެރިކަން ނިމުނު 17 ނޮވެމްބަރު 2018އާ ދެމެދުގައި ދައުލަތުންނާއި މުއައްސަސާތަކުން ހިންގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު އަމަލުތައް ބަލައި، ތަހުގީގުކޮށް ހަގީގަތް ހާމަކޮށް، އިންސާފު ހޯދައިދިނުމަށް އުފައްދާފައިވާ އޮމްބަޑްސްޕާސަންގެ އޮފީހަށް މައްސަލަ ހުށަހެޅުމަށް އަންނަ އާދިއްތަ ދުވަހު ހުޅުވާލުމަށް ނިންމައިފި އެވެ.
އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް އޮމްބަޑްސްޕާސަން އަބްދުއްސަލާމް އާރިފް ވިދާޅުވީ، އެ އޮފީހަށް މައްސަލަ ހުށަހެޅުމަށް ދެ މަސް ދުވަހުގެ މުހުލަތެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
މައްސަލަ ހުށަހެޅުމާއި ތަހުގީގުކުރުމާއި ސުލްހަ ކުރުމަށް އަމަލުކުރާނެ ގޮތުގެ އުސޫލުތައް އެކުލަވާލައި ފޯމުތައް ތައްޔާރުކޮށް ނިމިފައިވާ ކަމަށް އަބްދުއްސަލާމް ވިދާޅުވި އެވެ.
އޮމްބަޑްސްޕާސަން އޮފީހުގެ މަގުސަދަކަށް ވާނީ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ދިވެހި ދައުލަތުގެ މުއައްސަސާތަކުގައި ހިނގާފައިވާ ކަންތައްތައް ދެނެގަނެ އެފަދަ މައްސަލަތައް ތަހުގީގުކޮށް ހަގީގަތާ ހަމައަށް ވާސިލުވުން ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް އޮމްބަޑްސްޕާސަން ޖިހާދާ އަނީސް ވިދާޅުވި އެވެ. އަދި އެކަންކަން ހިނގާފައިވާ ފުޅާމިނާއި ގޮތްތައް ދެނެގަނެ، ޒިންމާވާން ޖެހޭ ފަރާތްތައް ޖަވާބުދާރީ ކުރުމަކީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި އެ އޮފީހުން ކުރުމަށް ހަމަޖެހިފައިވާ ވަރަށް މުހިންމު މަސައްކަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަނިޔާ ލިބިފައިވާ ފަރާތްތަކަށް ގާނޫނުގައި ބަޔާންކޮށްފައިވާ ހައްލުތައް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދީ އިންސާފު ހޯދައިދިނުމަށްޓަކައި އަޅުގަނޑުމެން ގިނަގުނަ މަސައްކަތްތައް ކުރުމަށް ވަނީ ހަމަޖެހިފައި،" ޖިހާދާ ވިދާޅުވި އެވެ.
އެގޮތުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ތަހުގީގުތަކުން ހާމަވާ ކަންތައްތަކުގެ އަލީގައި މުއައްސަސާތައް އިސްލާހު ކުރުމަށްޓަކައި ދޭންޖެހޭ ރިކޮމެންޑޭޝަންތައް ފޮނުވުން ހިމެނޭ ކަމަށް ޖިހާދާ ވިދާޅުވި އެވެ.
"އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު އަމަލުތަކުގެ ނަތީޖާއެއްގެ ގޮތުން ނުވަތަ އެފަދަ އަމަލުތަކުގެ ސަބަބުން އަނިޔާ ލިބިފައިވާ ކަމަށް ނުވަތަ ގެއްލުން ލިބިފައިވާ ފަރާތްތެއްވާ ނަމަ ގެއްލުމުގެ ބަދަލު ހޯދައިދިނުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް އަޅުގަނޑުމެން ކުރުމާއެކު އެފަދަ އަމަލުތަކުގެ ސަބަބުން ވިކްޓިމައިޒް ވެފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަން ޖެހޭ ގިނަ މަސައްކަތްތަކެއް އަޅުގަނޑުމެން ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ކުރުމަށް ވަނީ ހަމަޖައްސާފައި،" އޭނާ ވިދާޅުވި އެވެ.
އެ މަސައްކަތް ކުރުމަށް ބޭނުންވާ އުސޫލުތަކާއި އެސްއޯޕީތައް މިހާރު ތައްޔާރުކޮށް ނިމިފައިވާކަން ފާހަގަކުރައްވައި ޖިހާދާ ވިދާޅުވީ، އަނިޔާ ލިބިފައިވާ ފަރާތްތަކަށް ދޭން ޖެހޭ ސައިކޯ ސޯޝަލް ސަޕޯޓް ދައުލަތުގެ އެހެން މުއައްސަސާތަކާ ގުޅިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.
"ހެކިބަސް ދޭ ފަރާތަކީ ނުވަތަ އަނިޔާ ލިބިފައިވާ ފަރާތަކީ އަންހެނަކަށް ވެއްޖެ ނަމަ އެ ފަރާތްތަކަށް ހާއްސަ ރައްކާތެރިކަމެއް ފޯރުކޮށްދިނުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް އަޅުގަނޑުމެން ކުރާނަން،" ޖިހާދާ ވިދާޅުވި އެވެ.
އެ ފަރާތްތަކަށް ރައްކާތެރިކަމާއި ހިމާޔާތް ދިނުމަކީ ގާނޫނުން އޮމްބަޑްސްޕާސަންގެ އޮފީހަށް މަތިކޮށްފައިވާ ޒިންމާއެއް ކަމަށް ޖިހާދާ ފާހަގަކުރެއްވިއެވެ.
އޮމްބަޑްސްޕާސަންގެ އޮފީހަށް ހުށަހަޅާ މައްސަލަތަކުގައި އެންމެ އިސްކަމެއް ދޭނީ ދެ ފަރާތް ހާޒިރުކޮށްގެން ސުލްހަވެރިކަމާއެކު މައްސަލަ ނިންމައި ސުލްހަވެރި ބަދަލެއް ހޯދައިދިނުމަށް ކަމަށް ޖިހާދާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ދައްކަނީ އެކެއް ޖެނުއަރީ 1953 ވަނަ އަހަރުން ފެށިގެން 17 ނޮވެމްބަރު 2018 އާ ހަމައަށް ހިނގާފައި ހުރި ހާދިސާތަކެއް ތަހުގީގު ކުރާނެ ވާހަކަ. ދުވަސްވީ ކަންތައްތަކެއްގެ ހަގީގަތާއި ހަމައަށް އަޅުގަނޑުމެން ވާސިލުވުމަށް މަސައްކަތް ކުރާނެ ކަމުގެ ވާހަކަ،" ޖިހާދާ ވިދާޅުވި އެވެ.
މިއީ ދިވެހި ތާރީހުގައި އަލަށް ކުރާ ކަމެއްކަން ފާހަގަކޮށް ޖިހާދާ ވިދާޅުވީ، ދަތުރު ފެށީ ވަރަށް ގިނަ ގޮންޖެހުންތައް ހުންނާނެކަން ގަބޫލުކޮށްގެން ކަމަށެވެ.
އޮމްބަޑްސްޕާސަންގެ އޮފީހުން ހިންގާ ތަހުގީގުތަކުން ލިބޭ ހެކިތަކާއި ލިޔުންތައް ދިރާސާކޮށް ހާދިސާ ލިޔެ ޝާއިއުކުރުމަށް ނިންމާފައިވާ ކަމަށް އެ އޮފީހުން ވަނީ ބުނެފަ އެވެ. އަދި އެ މަސައްކަތް ކުރިއަށް ގެންދާނީ ދައުލަތުގެ އެހެން މުއައްސަސާތަކާ ވެސް ގުޅިގެން ކަމަށް އެ އޮފީހުން ވަނީ ބުނެފަ އެވެ.
"އެފަދާ ހާދިސާތަކުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް ލިބިފައިވާ އަނިޔާއާ ގުޅޭ ގޮތުން އަންނަން އޮތް ޖީލުތަކަށް ފިލާވަޅެއް ލިބޭނޭހެން ހަނދާނީ ބިނާ ހެދުމުގެ މަސައްކަތް ކުރާނަން،" ޖިހާދާ ވިދާޅުވި އެވެ.
އޮމްބަޑްސްޕާސަންގެ އޮފީހުގެ މަސައްކަތް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސް ނިންމާލުމަށް ތަފާތު އެކި އުކުޅުތައް ބޭނުން ކުރުމަށް ހަމަޖެހިފައިވާކަން ޖިހާދާ ފާހަގަކުރެއްވި އެވެ.
"އިންސާނީ ހައްގުތަކާއި އަސާސީ ހައްގުތައް ނިގުޅައިގަތްފައިވާ މައްސަލަތަކުގައި އަނިޔާ ލިބިފައިވާ ފަރާތްތަކަށް ތަސައްލީއެއް ހޯދައިދިނުމަށް އެ ފަރާތްތަކުގެ ވާހަކަތައް ޕަބްލިކްއާ ހިއްސާ ކުރެވޭނެ އިންތިޒާމު އަޅުގަނޑުމެން ހަމަޖައްސާނަން،" ޖިހާދާ ވިދާޅުވި އެވެ.
އޮމްބަޑްސްޕާސަންގެ އޮފީހުން ފަށާފައިވާ މަސައްކަތް ގާނޫނުގައި ބުނާ ދެ އަހަރުގެ ދުވަހުގެ ތެރޭގައި ނިންމައިލުމަށް ދައުލަތުގެ މުއައްސާސާތަކުން އެއްބާރުލުން ދިނުމަށް އެ އޮފީހުން ވަނީ އެދިފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު