ސްޓެލްކޯއިން ކަރަންޓާއި ފެނުގެ ހިދުމަތްދޭ ރަށްރަށަށް މިމަހުގެ ބިލުން ބޮޑު ޑިސްކައުންޓެއް ދިނުމަށް އެ ކުންފުނިން ނިންމައިފިއެވެ.
ސްޓެލްކޯއިން ބުނީ، މިމަހުގެ ފެނާއި ކަރަންޓު ބިލުން ޑިސްކައުންޓް ދެނީ ސަރުކާރުގެ ނިންމުމަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށެވެ.
އެގޮތުން އާންމު ގޭބިސީތަކުގެ ކަރަންޓު ބިލުން 40 އިންސައްތައިގެ ޑިސްކައުންޓެއް މިމަހު ލިބޭނެ ކަމަށާއި ފެން ބިލުތަކުން 30 އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
މީގެ އިތުރުން އާންމު ވިޔަފާރިތަކުގެ މިމަހުގެ ފެނާއި ކަރަންޓު ބިލުން 20 އިންސައްތައިގެ ޑިސްކައުންޓެއް ދޭނެ ކަމަށްވެސް ބުންޏެވެ.
ސްޓެލްކޯއިން ބުނީ، ކޮވިޑް 19ގެ މިވަގުތުގެ ހާލަތު ހުރި ގޮތުން އެކުންފުނީގެ ބިލިން ކައުންޓަރު ބަންދުކޮށްފައިވާ ކަމަށާއި އެހެންކަމުން ބިލު ދެއްކޭނީ އެ ކުންފުނީގެ މޯބައިލް އެޕްލިކޭޝަނާއި ވެބްސައިޓުން ކަމަށެވެ. އަދި ކަސްޓަމަރުންނަށް ފަސޭހަކުރުމުގެ ގޮތުން އެއް ބިލަށް ވުރެ ގިނަ ބިލު އެއްފަހަރާ ދެއްކޭނެ އިންތިޒާމުވެސް ހަމަޖައްސާފައިވާ ކަމަށް ބުންޏެވެ.
ސްޓެލްކޯގެ އިތުރުން އެބްޑަބްލިޔުއެސްސީއާއި ފެނަކައިންވެސް ވަނީ އެ ކުންފުނިތަކުން ކަރަންޓާއި ފެނުގެ ހިދުމަތް ފޯރުކޮށްދޭ ރަށްރަށުގެ މިމަހުގެ ބިލުން ޑިސްކައުންޓް ދޭން ނިންމައިފައެވެ.
މިމަހުގެ ފެނާއި ކަރަންޓު ބިލުން ޑިސްކައުންޓެއް ދޭން ނިންމަވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.
ޚަބަރު
ޚަބަރު
ޚަބަރު