އދ. ހަންޏާމީދޫ ފެނުގެ ނިޒާމު ގާއިމުކުރުމަށް އެމްޑަބްލިޔުއެސްސީން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން، މިހާރު ކުރިއަށްދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތުގެ މަސައްކަތްތަކާއި، ފެނުގެ މައި ނެޓްވޯކުގެ ހޮޅި ވަޅުލުމުގެ މަސައްކަތްތައް ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެމްޑަބްލިޔުއެސްސީން ބުނީ، މި މަޝްރޫއުގެ ދަށުން ހަންޏާމީދޫގައި 5.1 ކިލޯމީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމުކުރުމާއި އާރުއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި، ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި ތިން ތާންގީ ބެހެއްޓުމުގެ މަސައްކަތްކުރާނެ ކަމަށެވެ.
މީގެ އިތުރުން ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވޭނެއެވެ. މިއާއެކު، ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނު މި މަޝްރޫއުގެ ދަށުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
ހަންޏާމީދޫ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއަކީ ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. އެ މަޝްރޫއު 22 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެމްޑަބްލިޔުއެސްސީއާ ހަވާލުކުރީ 21.6 މިލިއަން ރުފިޔާގެ އަގަކަށެވެ.
މި މަޝްރޫއުގެ މަސައްކަތް ނިމުމުން ހަންޏާމީދޫގެ ރައްޔިތުންނަށް ރައްކާތެރި ސާފު ބޯފެނުގެ ނިޒާމެއް ލިބިގެންދާނެ ކަމަށްވެސް އެކުންފުނިން ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު