ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، އަންނަ އާދިއްތަ ދުވަހު ހުޅުވާލަން ނިންމައިފިއެވެ.
ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަކީ މިއަހަރު އަލަށް ތައާރުފު ކުރާ އިނާމެކެވެ. އެ އިނާމަކީ ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގާބިލުކަމާއި އިހުލާސްތެރިކަމާއެކު ކޮށްފައިވާ ހިދުމަތްތަކަށާއި އެ މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްދީފައިވާ ހިދުމަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ގައުމީ ފެންވަރުގައި ދިވެހި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އެންމެ ޝަރަފުވެރި އިނާމެވެ.
ރައީސް އޮފީހުން މިއަދު ބުނީ ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ 12 ވަނަ ދުވަހަށް ހުޅުވާލާނެ ކަމަށެވެ.
ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ދިނުމުގެ މައިގަނޑު މަގުސަދަކީ ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކު ދައުލަތަށް ހިދުމަތްކޮށްފައިވާ ނުވަތަ މިހާރުވެސް ހިދުމަތުގައި ދެމި ތިބި މުވައްޒަފުންގެ ތެރެއިން، އެ އިދާރާއެއްގެ މައިގަނޑު ލަނޑުދަނޑިތައް ހާސިލުކުރުމުގައި މުހިންމު ދައުރެއް އަދާކޮށް، ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ފާހަގަކޮށްލެވޭ ހިދުމަތްތަކެއް ކޮށްފައިވާ މުވައްޒަފުންނާއި އެ އިދާރާއެއްގެ ކުރިއެރުމަށް ހާއްސަ މަސައްކަތެއް ކޮށްފައިވާ މުވައްޒަފުންގެ ހިދުމަތުގެ އަގުވަޒަން ކުރެއްވުމަށް ދެވޭ އިނާމެކެވެ.
ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ އައްޑަނައަކާއި ޝަރަފުގެ ބެޖަކާއި ހަނދާނީ ފިލައެކެވެ. ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ދެއްވާނީ ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރުގެ ކުންފުންޏެއްގައި ނުވަތަ ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮތް ކުންފުންޏެއްގައި ހިދުމަތް ކުރި ނުވަތަ ހިދުމަތް ކުރާ މުވައްޒަފެއްގެ ނަން، އެ މުއައްސަސާއަކުން ނުވަތަ އެ ކުންފުންޏަކުން ނުވަތަ އެހެން ފަރާތަކުން ނުވަތަ އެ މުވައްޒަފު އަމިއްލައަށް އިނާމަށް ނަން ހުށަހެޅުމުންނެވެ.
އަދި މުއައްސަސާއަކުން ނުވަތަ ކުންފުންޏަކުން އެ އިނާމަށް މީހެއްގެ ނަން ހުށަހަޅާނަމަ އެ މީހަކީ އެ މުއައްސަސާއެއްގައި ނުވަތަ އެ ކުންފުންޏެއްގައި ހިދުމަތް ކުރި ނުވަތަ ހިދުމަތް ކުރަމުން ގެންދާ މީހަކަށް ވާންވާނެއެވެ.
އިނާމު ދެއްވުމުގައި ކޮމިޓީން ބަލާނެ އަސާސީ ޝަރުތުތަކުގެ ތެރޭގައި، އިނާމަށް ހުށަހެޅިފައިވާ މީހަކީ، އެމީހެއްގެ މައްޗަށް ޖިނާއީ މައްސަލައެއް ސާބިތު ވެފައިވާ މީހެއް ކަމުގައި ނުވުމާއި އިނާމަށް ހުށަހެޅިފައިވާ މީހާގެ މައްޗަށް ޝަރުއީ ގޮތުން ކޮށްފައިވާ ހުކުމަކާ ގުޅިގެން ސާބިތު ދަރަންޏަކަށް ފައިސާ ދައްކަން ޖެހިގެން އެ ފައިސާ ގަވާއިދުން ދައްކަމުން ގެންދާ މީހަކަށްވުން ހިމެނެއެވެ.
އިނާމަށް ހުށަހެޅިފައިވާ މީހަކީ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ނުވަތަ ދައުލަތުގެ އެހެން އެއްވެސް އިދާރާއަކަށް ދައްކަންޖެހޭ ފައިސާއެއް އޮތްނަމަ އެ ފައިސާއެއް ގަވާއިދުން ދައްކަމުންގެންދާ މީހެއް ކަމުގައި ވާންޖެހޭނެ ކަމަށް ކޮމިޓީން ވަނީ ބުނެފައެވެ.
އަދި އިނާމަށް ހުށަހެޅިފައިވާ މީހާގެ މައްޗަށް ކޮރަޕްޝަންގެ އެއްވެސް މައްސަލައެއް ހުށަހެޅިގެން އެ މައްސަލައެއް ބަލަމުންދާ ނުވަތަ ކޮރަޕްޝަންގެ އެއްވެސް ދައުވާއެއް އުފުލިފައިވާ މީހެއް ކަމުގައި ވެގެނެއް ނުވާނެއެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 22 ވަނަ މާއްދާގައި "ޖިނާއީ ބޮޑު ކުށެއް" ގެ ގޮތުގައި ބަޔާންކޮށްފައިވާ އެއްވެސް ކުށެއްގެ ތުހުމަތެއް ކުރެވިގެން އެމީހާގެ މައްޗަށް ތަހުގީގެއް ހިންގަމުންދާ މީހެއްކަމުގައި ނުވުމާއި އަދާ ކުރި ނުވަތަ އަދާ ކުރާ ވަޒީފާގެ ސުލޫކީ މިންގަނޑު (ކޯޑް އޮފް ކޮންޑަކްޓް) އާ ހިލާފުވެފައިވާ މީހެއް ކަމުގައި ނުވުން ވެސް ހިމެނެއެވެ.
ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ދެއްވާނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު