ދ. މާއެނބޫދޫގެ ބޮޑު ސަރަހައްދަކަށް އުދައަރައި ބައެއް ގެތަކަށް ލޮނު ވަދެއްޖެއެވެ.

މާއެނބޫދޫ ކައުންސިލްގެ ރައީސް ޔޫސުފް ސައީދު "ވަން" އަށް ވިދާޅުވީ، އެ ރަށަށް އިއްޔެ އިން ފެށިގެން އުދަ އަރަމުން ގޮސްފައިވާ ކަމަށާއި އަދި މިއަދު މެންދުރު ވަރަށް ބޮޑަށް އުދަ އަރާފައިވާ ކަމަށެވެ.

"ރަށުގެ ހުޅަނގު ފަރާތުން ގާތްގަނޑަކަށް 300 ނޫނީ ހަތަރު ސަތޭކަ ފޫޓަށް މިއަދު ވަނީ އުދަ އަރާފައި،" ސައީދު ވިދާޅުވިއެވެ.

އުދަ އަރާނެ ކަމަށް ކުރިންވެސް ލަފާކުރެވިފައި އޮތުމުން ކައުންސިލުންނާއި ރަށުގެ ރައްޔިތުން ނިކުމެ އެކަމުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް ވެލި ބަސްތާ ޖެހިކަން ސައީދު ފާހަގަކުރެއްވިއެވެ. ނަމަވެސް މިއަދު އުދަ އެރިލެއް ބޮޑުކަމުން ބައެއް ގެތަކަށް ވެސް ލޮނު ވަދެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކައުންސިލުންނާއި ރަށުގެ ރައްޔިތުން، އެމްއެންޑީއެފްއާ ގުޅިގެން ޕަމްޕު ޖަހައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަ ކަން ސައީދު ފާހަގަކުރެއްވިއެވެ.

"އަސްލު ހުޅަނގު ފަރާތުން ބިންގަނޑު ތަންކޮޅެއް ތިރިވާނެ. އެއީ ދެން ބަނދަރު ހެދި ފަހުން އާންމުގޮތެއްގައި ވާރޭ ވެހުނަސް ރަށު ތެރޭ ހެދޭ ފެންގަނޑު މިދަނީ ހުޅަނގު ފަރާތުން ލައިގެން. އެހެންވެ އެ ދިމާލުން ވެލިގަނޑު ތަންކޮޅެއް ތިރީގައި އޮންނާތީ މިހެން މި އުދަ އަރަނީ،" ސައީދު ވިދާޅުވިއެވެ.

އެކަމުގެ ސަބަބުން މުސްތަގުބަލުގައި ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިދާނެކަމީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަމަށް ދާއިމީ ހައްލެއް ހޯދުމަށް ރަށުގައި ތިބި އެކަމުގެ މާހިރުންނާއި ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކާއެކު އާ ކައުންސިލުން މަސައްކަތް ކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އުދަ އެރުމުގެ ސަބަބުން ބައެއް ގެތަކަށް ލޮނު ވަން ނަމަވެސް ލިބުނު ގެއްލުމުގެ ތަފްސީލު އަދި ބުނަން ނޭނގޭ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.