މަޝްހޫރު ދީނީ އިލްމުވެރިޔާ އަލީ ރަމީޒުގެ ޓުވިޓާ އެކައުންޓް ސަސްޕެންޑްކޮށްފިއެވެ.
ސަލަފު ޖަމިއްޔާގެ މެމްބަރެއްގެ ގޮތުގައި ހުންނެވި އަލީ ރަމީޒްގެ ޓުވިޓާ އެކައުންޓް ސަސްޕެންޑް ކޮށްފައިވަނީ މިއަދުއެވެ. ނަމަވެސް އޭނާގެ އެކައުންޓް ސަސްޕެންޑް ކޮށްފައިވަނީ ކޮން ސަބަބަކާ ގުޅިގެން ކަމެއް ސާފެއް ނުވެއެވެ.
ޓުވިޓާގައި 28،000 އަށްވުރެ ގިނަ މީހުން އޭނާ ފޮލޯ ކުރާއިރު، އޭނާގެ އެކައުންޓް ސަސްޕެންޑް ކޮށްފައިވަނީ ރޫލްސްތަކާ ހިލާފުވެފައިވުން ކަމަށް ޓުވިޓާއިން ވަނީ ބުނެފައެވެ.
އަލީ ރަމީޒް މިރޭ "ވަން" އަށް ވިދާޅުވީ، އޭނާގެ ޓުވިޓާ އެކައުންޓް ސަސްޕެންޑުވި ސީދާ ސަބަބު ސާފު ނުވާ ކަމަށެވެ. އެކަން ސާފު ކުރުމަށްޓަކައި އެޕީލްކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
ލަވަ ކިޔުން ހުއްޓާލުމަށްފަހު ދީނީ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވާ އަލީ ރަމީޒްގެ އެކައުންޓް ޓުވިޓާއިން ސަސްޕެންޑް ކޮށްފައިވަނީ، އިޒްރޭލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތަކާ ގުޅިގެން ވަރަށް ބޮޑަށް އަޑުއުފުލަމުން ދަނިކޮށެވެ.
އަލީ ރަމީޒް ވަނީ އޭނާގެ ޓުވިޓާ އެކައުންޓުގައި ގާޒާ އާއި ގުދުސްގައި އިޒްރޭލުން ދެމުންގެންދާ ހަމަލާތަކާ ގުޅިގެން، ފާޑުކިޔައި ވަރަށް ގިނަ ޓުވީޓުތައްވެސް ކުރައްވައިފައެވެ.
ޓުވިޓާގެ ރޫލްސްތަކުގައިވާ ގޮތުން ޓުވިޓާއިން އެކައުންޓެއް ސަސްޕެންޑް ކުރާނީ އަށް ސަބަބަކާ ގުޅިގެންނެވެ. އެގޮތުން މީހުންނަށް ބިރު ދެއްކުމާއި ޓެރަރިޒަމަށް ހިތްވަރުދޭ މީހުންނާއި އެކަންކަން ފަތުރާ އެކައުންޓުތައް ސަސްޕެންޑް ކުރާނެއެވެ. ކުޑަކުދިންގެ ކަރާމާތް ގެއްލޭ ފަދަ ވާހަކަ ދެއްކުމާއި މީހުންނަށް ފުރައްސާރަކޮށް ގޯނާ ކުރުމުންވެސް އެކައުންޓް ސަސްޕެންޑް ކުރާނެއެވެ.
މީގެ އިތުރުން މީހުންނާ ދޭތެރޭ ނަފުރަތު އުފައްދައި ވާހަކަދެއްކުމާއި އަމިއްލަ މީހާއަށް ގެއްލުން ދިނުމާއި އަމިއްލައަށް މަރުވާން މަސައްކަތް ކުރާ ވާހަކަ ލިޔާ ނަމަވެސް އެކައުންޓް ސަސްޕެންޑް ކުރާނެއެވެ. އަދި އާންމު މިންގަނޑުތަކާ ހިލާފު ފޮޓޯތަކާއި ވީޑިއޯތައް ހިއްސާ ކުރާ ފަރާތްތަކުގެ އެކައުންޓުތައްވެސް ސަސްޕެންޑް ކުރާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު