ރިޓަޔާ ކުރުމަށްފަހު، އަލުން އެނބުރި އައިސް ކުރިއަށް އޮތް ޔޫރޯ މުބާރާތް ކުޅުމަށް ތައްޔާރުވަމުންދިޔަ ޒްލަޓާން އިބްރަހިމޮވިޗްގެ ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން މުބާރާތް ނުކުޅޭނެކަން ޔަގީން ވެއްޖެއެވެ.
އުމުރުން 39 އަހަރުގެ ފޯވަޑް ޒްލަޓާންގެ ކަކުލަށް އަނިޔާވެފައި ވަނީ އޭސީ މިލާނުން ޔުވެންޓަސްއާ ދެކޮޅަށް މޭ މަހުގެ ނުވަ ވަނަ ދުވަހު ކުޅުނު މެޗުގައެވެ. އޭސީން މޮޅުވި މެޗުގެ 66 ވަނަ މިނެޓުގައި ޒްލަޓާން ދަނޑުން ބާލާފައިވާއިރު، ޑޮކްޓަރުން ބުނެފައި ވަނީ ޒްލަޓާންގެ ފަޔަށް ލިބިފައިވާ އަނިޔާ އެންމެ އަވަހަށްވެސް ރަނގަޅުވާނީ ތިން ހަފުތާ ފަހުން ކަމަށެވެ. އަދި ޔޫރޯއަށް ފިޓު ވެވޭ ވަރަށް ތެރަޕީތަކަށް އެކަށީގެންވާ ވަގުތު ނުދެވޭނެ ކަމަށްވެސް ޑޮކްޓަރުން ވަނީ ބުނެފައެވެ.
އަންނަ ޖޫން މަހުގެ 11 ވަނަ ދުވަހު ޔޫރޯ ފެށުމަށް ތައްޔާރުވެފައިވާއިރު، އެ މުބާރާތަށް ޒްލަޓާން ފިޓު ވި ނަމަވެސް، އޭނާގެ އުމުރުގެ ގޮތުން ތެރަޕީތަކަށް ވަގުތު ނުދީ "ރިސްކް"ގައި މުބާރާތް ނުކުޅޭނެ ކަމަށް ވަނީ ނިންމާފައެވެ.
ސްވިޑެން އަށް ރެކޯޑު އަދަދަކަށް ގޯލް ޖަހައިދީފައިވާ އޭސީ މިލާންގެ ފޯވަޑް ޒްލަޓާން ރިޓަޔާ ކުރިކަން ކުރިން އިއުލާނު ކުރީ 2016 ވަނަ އަހަރުގެ ޔޫރޯ މުބާރާތަށް ފަހުގައެވެ. ރަނގަޅު ފޯމެއްގައި ޒްލަޓާން ކުޅެމުން ދިޔުމާއެކު ރިޓަޔާކުރަން ނިންމި ނިންމުން ބަދަލުކުރަން ތައްޔާރަށް ހުރި ކަމަށް ޒްލަޓާން ވަނީ 2020 ވަނަ އަހަރު ބުނެފައެވެ. ޒްލަޓާން އެފަދަ ގޮތަކަށް ވާހަކަ ދެއްކުމާއެކު ސްވިޑެންގެ ކޯޗު ޖޭން އެންޑަސަން ވަނީ މިލާނަށް ގޮސް، އޭނާއާ ބައްދަލުކޮށް ރިޓަޔާމަންޓުން އަނބުރާ ގެނެސްފައެވެ.
ގައުމީ ޓީމަށް ކުޅުނު 116 މެޗުން 62 ގޯލް ޒްލަޓާން ޖަހައިދީފައިވާއިރު، މިފަހަރުގެ ސްކޮޑަށް ޒްލަޓާން ފުރަތަމަ ނަގާފައި ވަނީ އެގައުމުން 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ޖޯޖިއާ އާއި ކޮސޯވާއާ ދެކޮޅަށް ކުޅޭ މެޗުގެ ސްކޮޑަށެވެ.
ޒްލަޓާން ގައުމީ ޓީމުގެ ޖާޒީގައި ފުރަތަމަ ފެނިފައި ވަނީ އުމުރުން 19 އަހަރުގައެވެ. ފާރޯ އައިލެންޑްސްއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުގައިވެސް ޒްލަޓާން ވަނީ ގޯލް ޖަހާފައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު