ރާއްޖޭގައި އެންމެ ފުރަތަމަ އުފެއްދި ކަރުދާސް ނޫޓު ކުރައްސަވައި ކުރެހުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވާ އިސްމާއިލް ނުވަތަ މަޝްހޫރު ނަމުން ނަމަ ސަރުދާރު ދޮންމަނިކު (ސަރުދާރު ދޮންބެ) އަވަހާރަވެއްޖެ އެވެ.

ސަރުދާރު ދޮންބެ އަކީ ރާއްޖޭގައި އުފެދުނު މޮޅެތި ކުރެހުންތެރިންގެ ތެރޭގައި ހިމެނޭ އެންމެ މޮޅު އެއް ކުރެހުންތެރިޔާ އެވެ.

ރައީސް އަމީނުގެ ވެރިކަމުގައި ކަރުދާސް ނޫޓު އުފެއްދި އިރު އޭގައި ދައުލަތުގެ ނިޝާން ކުރައްސެވުމުގައި ހިއްސާވެ ވަޑައިގެން ސަރުދާރު ދޮންބެ އަވަހާރަވީ ރޭ ފަތިހުގެ ވަގުތެއްގަ އެވެ. އަވަހާރަވި އިރު އުމުރަކީ 93 އަހަރެވެ.

ސަރުދާރުން ދޮންބެ އަކީ ތަފާތު އެކި އެއްޗެހީގައި ކުރައްސަވައި އުޅުއްވި ބޭފުޅެކެވެ. މުސްކުޅިވެ ގައި ބާރު ދެރަވި އިރުވެސް ގޭގައި އިންނަވައިގެން ކުރައްސަވަ އެވެ. އެގޮތުން ބޮއްޔާއި، މަހުގެ ކައްޓާއި، މަހުގެ ހަމުން އެއްޗެހި ހެއްދެވުންވެސް ހިމެނެ އެވެ. އަދި ސްޓެންސިލްގައި ކުރައްސަވައިގެން ނޫސްމަޖައްލާ ނެރުނު ދިގު މުއްދަތުގެ ތެރޭގައި ކުރައްސަވާފައިވާ ގިނަ އަދަދެއްގެ ކުރެހުންތައްވެސް ހިމެނެ އެވެ.

މިދިޔަ އަހަރު ކޮވިޑު ބަލި ޖެހުނު ނަމަވެސް އެބަލިން ފަސޭހަ ވި އުމުރުން އެންމެ ދުވަސްވީ ދިވެއްސަކަށް ސަރުދާރު ދޮންބެ ހިމެނިވަޑައިގަތެވެ.

ވަރަށް ގިނަ މައުރުޒުތަކުގައި ބައިވެރިވެވަޑައިގެން ގިނަ އަހަރުތަކަކު ރަންވަނަ ތަކެއް ހޯއްދެވި ސަރުދާރު ދޮންބެ އަކީ ފީނުމަށް ވެސް ވަރަށް ބޮޑަށް ޝައުގުވެރިވެވަޑައިގެންނެވި ބޭފުޅެކެވެ.