''ސައިކަލު ޕާކަށް ޖަހާލި އިރު ނަޝީދު އަންނަނީ. ދެން އަޅުގަނޑު މަޑުކޮށްލީ, މަޑުކޮށްލާފަ ކައިރިން ނެއްޓުން ތަނާހެން ދެން އެވީގޮތެއް ނޭނގުނު. ވަރަށް ބާރަށް އަޑުފަށްގަނޑު އިވުނު. ކުރިއަށް އަރިއަކަށް ބަލައިލި އިރު, ނަޝީދު ކާރަށް އަރުވާތަން ފެނުނު,''
ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާ އެންމެ ކައިރިން ފެނި, ތަޖުރިބާ ކުރި އާދަމް އުމަރު, 41, ހަމަލާގައި ލިބުނު ޒަހަމްތަކަށް ފަރުވާ ހޯދަމުން އަންނަ އައިޖީއެމްއެޗުގެ ޕްރައިވެޓް ރޫމުގައި އޮވެ "ވަން" އަށް ކިޔައިދިނެވެ. އޭނާއަށް އެ ކިޔައި ދެވުނީ ބޮން ގޮއްވާލުމުގެ ކުރިންނާއި ފަހުން ހަނދާނުގައި ހުރި މަންޒަރެވެ.
އެއަށްފަހު އޭނާއަށް ދުނިޔެ ބައްދާލީ ބޮމުގެ ސަބަބުން އެރި ބޯ ދުމުންނެވެ. ފެނުނީ ހާސްވެ ކޮޅުކޮޅު މައްޗަށް ހަޅޭއްލަވަމުން ދިޔަ މީހުންނެވެ. އޭނާއަށް އޭރުވެސް ހުރެވުނީ ހުއްޓުން އަރައިފައެވެ. ކަންފަތް ބައްވެ, ހުރީ ޝޮކެއްގައެވެ. އެފަދަ ބާރުގަދަ ގޮވުމެއްގެ އަޑު އޭނާއަށް ދުވަހަކުވެސް އިވިފައެއް ނުވެއެވެ.
ކަނާތު ފަޔަށް ލިބިފައި ހުރި ޒަހަމްތަކާ ގުޅިގެން ޕްލާސްޓަރު އަޅާފައި އޮތް އާދަމް ކިޔައި ދިން ގޮތުގައި, ބޮން ގޮއްވާލި ދުވަހަކީ އޭނާއަށް ބުރަ ދުވަހެކެވެ. ދިރިއުޅުމުގެ ހާލަތު ހުރި ގޮތުން 11 އަހަރު ވާންދެން އުޅުނު މާލެ ދޫކޮށް, ރަށަށް ދިއުމަށް އޭނާ ދިޔައީ ތައްޔާރުވަމުންނެވެ.
އެގޮތުން މީގެ ދެ އަހަރެއް ކުރިން ފެށިގެން އުޅެމުންދިޔަ ގ. އުލަލާގެއިން އެއްޗެހި ނެރެ, މައްޗަންގޮޅީގައި ހުރި ގެއަކަށް ބަދަލުކޮށް, ބައެއް ތަކެތި ރަށަށް ފޮނުވުމަށް އެއް ބޯޓުން އަނެއް ބޯޓަށް އެރުވުމުގައި މުޅި ދުވަސް ހޭދަކުރިއެވެ. ފަހު ކަމަކަށް އޮތީ ނުވައެއް ޖަހާއިރު ކާފިއު ހިންގުމުގެ ކުރުމުގެ ކުރިން، އުޅެމުން އަންނަ ގޭގައި އޮތް އުމުރުން ދުވަސްވީ ބަލި މަންމަ ބަދަލުވާ ގެއަށް ގެންދިއުމެވެ. މަންމަ ބަލައި ދިއުމުގެ ކުރިން އެކަން ގޭ މީހުންނަށް އަންގައި, މަންމައަށް ފަސޭހައިން އެރޭ ވަރުގެ ސައިކަލެއްގައި އުލަލާގެއަށް މިސްރާބު ޖެހިއެވެ.
ނަމަވެސް އަލިކިލޭގެފާނު މަގުން ވަދެގެން ނީލޯފަރު މަގުން އައިސް ނީލޯފަރުހިނގުމަށް ވަނުމުގެ ބަދަލުގައި އާދަމް ވިސްނީ މަޖީދީމަގުން އައިސް ނީލޯފަރު ހިނގުމުގެ ކައްމައްޗަށް ވާގޮތަކަށް ސައިކަލު ޕާކު ކުރާށެވެ. އެވަގުތު ނަޝީދުގެ ކާރުކޮޅު އެތަނުގައި ޕާކުކޮށްފައި އޮތެވެ. ނަމަވެސް އޭރު ރައީސް ނަޝީދު ގޯޅިގަނޑު ތެރެއިން ވަޑައިގަންނަވާ ތަން އަދި ނުފެންނާތީ, އަވަހަށް ސައިކަލު ޕާކުކޮށްލެވޭތޯ ބެލިއެވެ. އޭރު ކާރުކޮޅާ ފަސްވަރަކަށް ފޫޓު ކައިރީގައި ނޫކުލައިގެ ސައިކަލެއް ޕާކުކޮށްފައި ހުއްޓެވެ. އެއީ ރައީސް ނަޝީދު އަވަހާރަކޮށްލަން ވެގެން ބޮން ހަރުކޮށްފައި ހުރި ސައިކަލެވެ. އެ ސައިކަލު ޕާކު ކޮށްފައި ހުރީ ނުގަވައިދުންނެވެ. އާދަމްގެ ވެސް ފުރަތަމަ ވިސްނުމަކަށް އައީ އެ ސައިކަލާ ޖެހިގެން ޕާކު ކޮށްލާށެވެ. މަންމަ އަރުވައިގެން މަޖީދީމަގުން ދާންވެސް ފަސޭހަވާނެތީއެވެ.
"ގޯޅި ކަންމައްޗަށް އައިސް މަޑުކޮށްލި އިރު ރައީސް ނަޝީދު ބަލައި އައިސް ކާރު އޮތް. ފުރަތަމަ މަޑުކޮށްލެވުނީވެސް ގޮވި ސައިކަލު ކައިރީގަ. މަޑުކޮށްލާފަ ގޯޅިއަށް ބަލައިލި އިރު އެއް ސައިކަލު ކައިރީގައި އެބަ އިން ޖާގައެއް. ދެން ހިތަށް އެރީ އެއީ ޒޯނުން ބޭރުވީމަ ކަމަކު ނުދާނޭ ހިތާ އެހެން ތަނަކަށް ބަދަލުކުރީ," އާދަމް ބުންޏެވެ.
ސައިކަލު ޕާކުކޮށް ހަރު ޖައްސާލި އިރު, ރައީސް ނަޝީދާއި ބޮޑީގާޑުން އަންނަތަން އޭނާއަށް ފެނެއެވެ. އެހެންކަމުން އިހުތިރާމް އަދާކުރުމުގެ ގޮތުން އޭނާ ސައިކަލު ކައިރީގައި މަޑުކޮށްލިއެވެ. ނަމަވެސް ސައިކަލު ކައިރިން ނެއްޓިގެން ދެތިން ސިކުންތު ނުވެ ދެން ފެނުނީ ބޮން ގޮއްވާލި ތަނެވެ.
ބޮން ގޮއްވާލުމަށްފަހު އާދަމަށްވެސް ދުއްވައި ގަނެވުނީ ނީލޯފަރު މަގުގެ އެތެރެއަށެވެ. އޭރު އޭނާގެ ކަންފަތް ބައްވެއްޖެއެވެ. ހިނގުނީވެސް ކޮރު ޖަހަމުންނެވެ. އޭރުވެސް ފަޔަށް ބޮޑު ޒަހަމެއް ލިބި, ފައިން ލޭ ފައިބަމުން ދިޔަކަމެއް ނޭނގެއެވެ. ފައި ތެތްވެފައި, ތަދެއް ހުރިކަން އެނގެއެވެ. ވަކި ހިސާބަކުން އާދަމަށް ބިންމަތީގައި އިށީނދެވުނީ އެވެ.
"އެ ގަޑީގައި އެތަނުން އައި ކުއްޖަކު ޓީޝާޓް ބާލާފައި ފައިގައި އޮޅާލީ. ދެން އެކަމަކު އެ ކުއްޖާގެ ވެސް ދެ ކަންފަތް ބައްވެގެން ކޮޅަށް ނުހުރެވިގެން އެތަނަށް ތިރިވީ،" އާދަމް ބުންޏެވެ.
އާދަމް ބުނީ, އޭނާ ހޮސްޕިޓަލަށް ގެންދިޔައީ އޭރު ގޯޅި ތެރޭގައި ހުރި ދެ މީހަކު އޭނާ ނަގައިގަނެގެން, ނީލޯފަރުމަގުން އުތުރަށް ގޮސް, ރަތް ދެބައި މަގުގައި ހުންނަ މިސްކިތް ކައިރިން ކާރަކަށް އަރުވައިގެންނެވެ.
ހަމަލާގައި އާދަމްގެ ކަނާތު ފައިގެ ކުޑަވާ އިނގިއްޔާ ދިމާލުން ކަށިގަނޑު ވަނީ ބިންދައިގެން ގޮސްފައެވެ. އަދި ވަގުތުން އޮޕަރޭޝަން ކުރަން އެދުމުން, އާދަމް ބޭނުންވީ އައިޖީއެމްއެޗަށް ބަދަލުކޮށްދިނުމަށެވެ. އެގޮތުން އެރޭ އައިޖީއެމްއެޗަށް ބަދަލުކޮށް އޮޕަރޭޝަން ކުރިއެވެ. މިހާރު އާދަމްގެ ކަނާތު ފައިގެ ކުޑަވައި އިނގިއްޔާ ދިމާލަށް ވަނީ ދަގަނޑު އެތިކޮޅެއް ލައްވައިފައެވެ. ހޮސްޕިޓަލުން ދޫކޮށްލާނެ ދުވަހެއްވެސް އަދި ނޭނގެއެވެ.
''ފައިގަ ޖެހުނީ ކޮން އެއްޗެއް ކަމެއްވެސް ނޭނގެ. އެއްޗެއް އައިސް ޖެހުނުކަން އެނގުނު. ދެން ޑޮކްޓަރު ގާތު ބުނިން ސައިކަލެއްގަ އަޅައިގަނެފަ ނޫންބާއޭ. ޑޮކްޓަރު ބުނީ އެއްޗެއް އައިސް ޖެހިފައޭ. ކޮން އެއްޗެއް ކަމެއްވެސް ނޭނގެ. ތިން އިންޗި ކަފައިގެން ގޮސް, މަސްގަނޑުވެސް އިރައިގެން ގޮސްފައި އޮތީ. ނަމަވެސް ފަހުން ފައިން ކުޑަ ދަގަނޑު ކޮޅެއް އެއްޗެހި ފެނުނު ކަމަށް ބުނި," އެކްސްރޭ ދައްކަމުން އާދަމް ބުންޏެވެ.
އާދަމް ބުނީ، ހާދިސާގައި ޒަހަމްވި ރައީސް ނަޝީދު އަތްދަނޑިމައްޗަށް ލައިގެން ގެންގޮސް ކާރަށް އެރުވި މަންޒަރު ވަރަށް ކައިރިން ފެނުނު ކަމަށެވެ. އެ ވަގުތު އެތަނުގެ އަޑުތައް ގަދަކަމުންނާއި ކަންފަތް ވެސް އެއްކޮށް ބައްވެފައި ހުރުމުން މީހުން ކިޔާ ނުކިޔާ އެއްޗެއް ވެސް ސާފު ނުވާ ކަމަށް ބުންޏެވެ.
ހަމަލާ ހިނގި އިރު, އާދަމް ލައިގެން ހުރި ޓީޝާޓާއި ސޯޓު އަދި އަޅައިގެން ހުރި ގަޑި ވަނީ ފުލުހުންގެ ތަހުގީގުގެ ބޭނުމަށް ގެންގޮސްފައެވެ. އެކަމުގެ އިތުރު ތަފްސީލެއް އޭނާއަކަށް އަދި ނުލިބެއެވެ. އޭނާގެ ކައިރިއަށް ފުލުހުން އިއްޔެވެސް ދިޔައެވެ.
އާދަމް ބުނި ގޮތުގައި, ބޮން ގޮއްވާލި ވަގުތު މަންމަ އޭނާ ކައިރީގައި ނެތުމަކީ ނަސީބެވެ. އަދި އޭނާ މިހާރު ނިންމައިގެން ހުރީ ހާލު ރަނގަޅުވެ ހޮސްޕިޓަލުން ދޫކޮށްލުމާއެކު އަވަހަށް ރަށަށް ފުރާށެވެ. ބޮން ގޮއްވާލި ހާދިސާގެ ހަނދާންތަކާ ދުރުވެ, ރަށުގައި ދިރިއުޅުން އާރާސްތުކުރާށެވެ. މާލެ އަކީ ގިނަ ގޮތްގޮތުން ރައްކާތެރި މާހައުލެއް ކަމަށް އޭނާއަށް ގަބޫލެއްވެސް ނުކުރެވެ އެވެ.
އާދަމް އަށް ގަބޫލު ކުރެވޭ ގޮތުގައި، މިފަހަރު އޭނާއަށް ސަލާމަތް މި ވެވުނު ސަބަބަކީ ކޮންމެވެސް ސަބަބަކާ ހެދި ނަމަވެސް ބޮން ހަރުކޮށްފައި ހުރި ސައިކަލާ ދުރުގައި އޭނާގެ ސައިކަލު ޕާކު ކުރުމުގެ ވިސްނުން އައުމުގެ ސަބަބުންނެވެ. އެންމެ ފުރަތަމަ އޭނާގެ ސައިކަލު ބެހެއްޓީވެސް އެ ސައިކަލާ ޖެހިގެންނެވެ. އެކަމަކު އެވަގުތު އޭނާގެ ވިސްނުން ބަދަލުވުން ވެފައި މިވަނީ ފުރާނަ ސަލާމަތް ވުމަށް މެދުވެރިވި އިލްހާމަކަށެވެ. އެހެން ނޫން ނަމަ އޭނާ އިށީނދެލައިގެން އިން އޭނާގެ އަމިއްލަ ސައިކަލު ހުންނާނީ ގޮއްވާލި ސައިކަލާ ޖެހިގެންނެވެ. އެއިރުން އެ ދެމެދުގައި ފޫޓެއްވެސް ނުހުންނާނެ އެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް