ޗެމްޕިއަންސް ލީގު ސެމީ ފައިނަލުން ރެއާލް މެޑްރިޑު ކަޓައިގެން ދާން ޖެހިފައި އޮއްވައި ޗެލްސީ ކުޅުންތެރިންނާއެކު އުފާކޮށް، މަޖާކުރެވުނު ކަމަށްޓަކައި މައާފަށް އެދޭ ކަމަށް އެޑެން ހަޒާޑް ބުނެފިއެވެ.

ޗެލްސީ އަތުން ބަލިވެ ރެއާލް ޗެމްޕިއަންސް ލީގުން ކަޓާފައިވާއިރު، ކުރިން ޗެލްސީއަށް ކުޅެ ކާމިޔާބުތަކެއް ހޯދާފައިވާ ހަޒާޑް ވަނީ މެޗަށްފަހު ޗެލްސީ ކުޅުންތެރިންނާއެކު ކޮންމެވެސް ވަރަކަށް އުފާފާޅު ކޮށްފައެވެ. އެކަމާ ގުޅިގެން ހަޒާޑް ބުނެފައި ވަނީ އެއްވެސް ހާލެއްގައި ޗެލްސީ ކުޅުންތެރިންނާ ސަމާސާ ކުރީ ރެއާލް ސަޕޯޓަރުންނަށް ޓަކައި ހިތާމަ ނުކުރާތީ ނޫން ކަމަށާއި، ސަޕޯޓަރުންގެ އިހުސާސްތަކަށް ނުބަލައި ކުރެވުނު އެކަންތަކުގެ ސަބަބުން ނިހާޔަތަށް މައާފަށް އެދޭ ކަމަށެވެ.

ހަޒާޑް 2019 ވަނަ އަހަރު ޗެލްސީ ދޫކޮށްލުމުގެ ކުރިން ޗެލްސީގައި ހަތް އަހަރު ހޭދަކޮށް، ކާމިޔާބީތަކެއް ހޯދާފައިވެއެވެ. އުމުރުން 30 އަހަރުގެ ހަޒާޑް ރެއާލް ދޫކޮށް ޗެލްސީއަށް ބަދަލުވިފަހުން އޭނާއަށް އެކަށީގެންވާ ކުޅުމެއް ދެއްކިފައި ނުވާއިރު، އޭގެ ސަބަބުން އޭނާއަށް ވަނީ ރެއާލް ސަޕޯޓަރުންގެ ނުރުހުން ވެސް އަމާޒުވެފައެވެ. އަނިޔާއާއި ފިޓްނަސް މައްސަލަތައް ހަޒާޑަށް އިންތިހާއަށް ބޮޑުވެފައިވާއިރު، މި ސީޒަންގައިވެސް އަދި އެކަށީގެންވާ ވަރަށް ކުޅެވިފައެއް ނުވެއެވެ.

މިހާތަނަށް ހަޒާޑް ރެއާލްއަށް ކުޅުނު 40 މެޗުން ހަތަރު ގޯލް ޖެހިފައިވާއިރު، ހަޒާޑް އަދިވެސް ބުނަމުން އަންނަނީ އޭނާގެ އުންމީދަކީ ރެއާލްއާއެކު ހުވެފެންތައް ހަގީގަތަކަށް ހަދައި، ކާމިޔާބީތައް ހޯދައިދިނުން ކަމަށެވެ.