ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ކާރަށް އަރާވަޑައިގަންނަވަނިކޮށް އެއްޗެއް ގޮއްވާލައިފިއެވެ.

މަޖިލީހުގެ މީޑިއާ ޑިރެކްޓަރު "ވަން" އަށް ވިދާޅުވީ އެ ހަމަލާއަށް ފަހު ރައީސް ނަޝީދު މިހާރު ހުންނެވީ އޭޑީކޭ ހޮސްޕިޓަލުގައި ކަމަށެވެ.

ކެނެރީގޭ ސަރަހައްދުގައި ހުރި މީހަކު "ވަން" އަށް މައުލޫމާތުދެމުން ބުނީ އެ ސަރަހައްދުން އެއްޗެއް ގޮވުމާއެކު ބާރު އަޑުގަނޑެއް އިވިފައިވާ ކަމަށެވެ.

ރައީސް ނަޝީދު ދިރިއުޅުއްވާ ގ. ކެނެރީގޭ ކައިރިން ދިން އެ ހަމަލާގައި ސައިކަލެއް ވަނީ ގޮވާފައިވާ އިރު، ރައީސް ނަޝީދުގެ އިތުރުން އެމަނިކުފާނުގެ ތިން ބޮޑީގާޑުންނަށް ވެސް ވަނީ އަނިޔާވެފައެވެ. ނަމަވެސް ރައީސް ނަޝީދާއި ބޮޑީގާޑަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ. އަދި އެ ސަރަހައްދުގައި ހުރި ބިދޭސީއަކަށް ވެސް ވަނީ އަނިޔާވެފައެވެ.

"ވަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ނަޝީދުގެ ލޮލަށް އަނިޔާވެގެން ފަރުވާ ހޯއްދަވަމުން އަންނަނީ އޭޑީކޭގެ އޮޕަރޭޝަން ތިއޭޓަރުގައެވެ.

އޭޑީކޭ ސަރަހައްދުގައި ހަރަކާތްތެރިވާ "ވަން"ގެ ނޫސްވެރިޔާ ބުނީ އެ ސަރަހައްދުގައި ސެކިއުރިޓީ ވަރުގަދަކޮށްފައިވާ ކަމަށާއި ހޮސްޕިޓަލަށް ވަނުން ވެސް މަނާކޮށްފައިވާ ކަމަށެވެ. އަދި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދާއި އެމްއެންޑީއެފްގެ އިސްވެރިން އޭޑީކޭއަށް ވަޑައިގެންނެވި ވަގުތު، ރައީސް ނަޝީދުގެ ސަޕޯޓަރުން އެބޭފުޅުންގެ އިސްތިއުފާއަށް ގޮވައި އަޑުގަދަކޮށްފައިވެއެވެ.

އޭޑީކޭ ސަރަހައްދުގެ އިތުރުން ކެނެރީގޭ ސަރަހައްދު ވެސް މިހާރު ވަނީ ބަންދުކޮށްފައެވެ. އެ ސަރަހައްދުގައި ފުލުހުންނާއި ސިފައިން ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.