ދެކުނުގެ މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވެ، ފްރީޒިން ކެޕޭސިޓީއަށް ވުރެނ އިތުރަށް މަސް ލިބެމުންދާތީ، މަސްކިރުވުމަށް ދަތިތަކެއް ދިމާވެފައިވާ ކަމަށް މިފްކޯ އިން ބުނެފިއެވެ.
މިފްކޯ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ މިދުވަސްވަރު ދެކުނުގެ މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވެ، ރާއްޖޭގެ ހުރިހާ ހިސާބެއްގެ ދޯނިފަހަރު އެއްފަހަރާ ދެކުނުގެ ސެންޓަރުތަކާއި ބޯޓު ފަހަރަށް މަސްކިރުވުމަށް އަންނަމުންދާ ކަމަށެވެ. އެކަމުގެ ސަބަބުން މިފްކޯގެ ފްރީޒިން ކެޕޭސިޓީއަށް ވުރެ އިތުރަށް މަސް ލިބެމުންދާ ކަމަށާއި އެހެންކަމުން މަސްކިރުވުމަށް ދަތިތަކެއް ދިމާވެފައިވާ ކަމަށެވެ.
މިފްކޯ އިން ބުނީ ދޯނި ފަހަރު ކިޔުގައި ހޭދަކުރާ ވަގުތު މަދުކުރުމުގެ ގޮތުންނާއި ރަނގަޅު ކޮލިޓީގައި މަސް ގަންނަން ބޭނުންވާތީ، ބުރާސްފަތި ދުވަހު ކިޔުއަށް އަރާފައިވާ ދޯނި ފަހަރުގެ މަސް، ހުކުރު ދުވަހުވެސް ކިރަމުން އަންނަ ކަމަށެވެ.
"އާންމުގޮތެއްގައި ހުކުރު ދުވަހަކީ މަސް ނުކިރާ، މިފްކޯގެ ބަންދު ދުވަހެއް ކަމުގައި ވީނަމަވެސް ހާލަތަށް ބަލައި މަސް ކިރުމުގެ މަސައްކަތް މިއަންނަނީ ކުރަމުން،" މިފްކޯ އިން ބުންޏެވެ.
މިފްކޯއިން ބުނީ ކޯލްޑް ސްޓޯރުތައް ފުރެމުން އަންނާތީ ޖާގަ ހެދުމުގެ ގޮތުން މެދުކެނޑުމެއް ނެތި ކެރިއާ ބޯޓުތައް ގެނެސް ލޯޑުކޮށް، އެކްސްޕޯޓް ކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށެވެ.
މިފްކޯއިން ބުނީ އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ގެންދަނީ މަސްވެރިންނަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް އަވަސް ހިދުމަތްތަކެއް ދިނުމަށް ކަމަށާއި މަސްވެރިންގެ ކަންބޮޑުވުންތައް ބަލައިގަނެ، ދެވޭ ހިދުމަތަކީ މަސްވެރިންނަށް ފަސޭހަ ހިދުމަތަކަށް ހެދުމަށް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު