މުހިންމު މައުލޫމާތާއި ދިރިއުޅުމުގެ އެކި ކަންތައްތަކާ ގުޅޭ ތަފާތު ކޮންޓެންޓް ހިމެނޭ ދިރާގުގެ ލައިފްސްޓައިލް މޮބައިލް އެޕްލިކޭޝަން "ނައުއެމްވީ" ގައި މިފަހަރު ރޯދަ މަހާ ދިމާކޮށްވެސް އާ ފީޗާތަކެއް އިތުރުކޮށްފިއެވެ.

ދިރާގު ނައު އެމްވީގެ އެންމެ ހާއްސަ ކަމަކީ އެކި މޮބައިލް އެޕްލިކޭޝަންތައް މެދުވެރިކޮށް ކުރަން ޖެހޭ ކަންތައްތައް އެއް ފުރާޅެއްގެ ދަށުން ފަސޭހަކަމާއެކު ކޮށްލުމެވެ. އެގޮތުން ރޯދަމަހާ ދިމާކޮށްވެސް ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތައް ފޯރުކޮށްދިނުމުގެ ގޮތުން ދީނީ ކަންތައްތައް ފުރިހަމަ ކުރުމަށް ހާއްސަ ފީޗާތަކެއް ނައު އެޕަށް އިތުރުކޮށްފައިވާނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

މިހާރު ނައު އެޕް މެދުވެރިކޮށް ކީރިތި ގުރުއާނާއި އޭގެ ދިވެހި ތަރުޖަމާ ކިޔާލެވޭ ގޮތް ވަނީ ހަމަޖައްސައިފައެވެ. އަދި އިސްލާމިކް މިނިސްޓްރީން ކޮންމެ ދުވަހެއްގެ އަސްރު ނަމާދަށް ފަހު ބާއްވާ ދަރުސް ޕްރޮގްރާމާ ބޭހޭ މައުލޫމާތުތައް އެ ދުވަހެއްގެ ހެނދުނު، އެޕްލިކޭޝަނުގައި ޝާއިއު ކުރެއެވެ. އެގޮތުން އެ ދުވަހެއްގެ މައުލޫއާއި، ދަރުސް ބާއްވާ މިސްކިތާއި، ދަރުސްދެއްވާ ބޭފުޅުންގެ ނަން ހިމެނެއެވެ. އަދި ހަމައެއާއެކު، ނައު އެޕްގެ "ވީޑިއޯ" ބައިގައި އިސްލާމިކް މިނިސްޓްރީ މެދުވެރިކޮށް މުހިންމު އެކިއެކި ދީނީ މައުލޫމާތު ފޯރުކޮށްދޭ ވީޑިއޯ ކްލިޕްތައްވެސް ވަނީ ހިމަނައިފައެވެ.

މީގެ އިތުރުން، މިފަހަރުވެސް ނައުއެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ފިތުރު ޒަކާތް ދައްކާލެވޭނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ. ރޯދަ މަހަކީ އެކަކު އަނެކަކަށް އެހީތެރިވުމުގެ މައްސަރަކަށް ވީ ހިނދު ނައުއެޕް މެދުވެރުކޮށް ޒަކާތާއި އެކީ ސަދަގާތް ވެސް ދެއްކޭ ގޮތް ވަނީ ހަދައިފައެވެ. އަދި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމާއަތްތަކަށް ފަސޭހަކަމާއެކު އެހީތެރިކަން ފޯރުކޮށްދިނުމުގެ ނިޒާމެއް ވަނީ ނައު އެޕްގައި އެކުލަވާލައިފައެވެ.

ނައު އެޕްގެ "ޑޮނޭޝަންސް" ބައިން ނައު އެޕާ ގުޅިފައިވާ ޖަމިއްޔާތައް ބަލައިލެވޭނެ ކަމަށް ދިރާގުން މައުލޫމާތުދެއެވެ.

މި އެޕްގައި ރޯދަ މަހަށް ހާއްސަ އެހެނިހެން ފީޗާތަކުގެ ތެރޭގައި ނަމާދު ގަޑިތައް ބަލައި، ނޮޓިފިކޭޝަން ސެޓްކޮށް އަދި ރޯދަ ޓްރެކް ކުރުން ފަދަ ޕީޗާތައް ހިމެނެއެވެ. އަދި ހަމައެއާކު ރޯދަ ވީއްލަން ތައްޔާރުކުރާނެ މީރު ކާއެއްޗެހީގެ ރެސިޕީތަކާއި އެކިއެކި ރެސްޓޯރެންޓާއި ކެފޭތަކުގެ ރޯދަ ވީއްލުން މެނޫތައްވެސް ނައުއެޕްގައި ހިމެނެއެވެ.

ދިރާގުން މަސައްކަތް ކުރަމުން އަންނަނީ ކުރިއަށް އޮތްތަނުގައިވެސް ކަސްޓަމަރުންނަށް މުހިންމު ފީޗާތައް ނައު އެޕްގައި ހިމަނައި، އެޕް އިތުރަށް ފުރިހަމަކޮށް، ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.