އެއްބަސްވުމާ ހިލާފަށް މަންދު ކޮލެޖް ކުރިން ހިންގި އިމާރާތުން އެ ފަރާތްތައް ނެރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގައި 15،012،500 (15 މިލިއަން) ރުފިޔާ ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

ކުރީގެ އެމްއީއޭސް ސްކޫލު ހުރި ބިމުން، ޝަރީއަތުގެ އަމުރެއް ނެތި މަންދު ކޮލެޖު ބޭރުކޮށްލުމުން ބަދަލުގެ ގޮތުގައި 18,012,500 (18 މިލިއަން) ރުފިޔާ ހޯދުމަށް އެ ކޮލެޖުން ވަނީ ދައުވާކޮށްފައެވެ.

ނަމަވެސް ދެ ފަރާތުން ވާހަކަދެއްކުމަށް ފަހު ވަނީ އެ އަދުދު 15 މިލިއަނަށް ކުޑަކޮށްފައެވެ.

އެހެންކަމުން މިދިޔަ ހޯމަ ދުވަހު ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، ދެފަރާތުގެ ދެމެދުގައި އެއްބަސްވިގޮތަށް 15،012،500 ރުފިޔާ އެއް މަސް ދުވަސްތެރޭގައި އެ ކޯޓަށް ދެއްކުމަށެވެ.

މަންދު ކޮލެޖުގެ އެހެން ބައެއް މައްސަލަތަކެއް ވެސް ކޯޓުތަކުގައި އަންނަނީ ހިނގަމުންނެވެ. އެގޮތުން، އެމްއީއެސް ހިންގަން މަންދު ކޮލެޖާ ހަވާލު ކުރި އެއްބަސްވުން ބާތިލުކުރީ އެއްބަސްވުމާ ހިލާފަށް ކަމަށް ބުނެ ސިވިލް ކޯޓުގައި ދައުވާ ކުރުމުން ބަދަލު ނަގައިދެވެން ނެތް ކަމަށް އެ ކޯޓުން ކުރި ހުކުމް، ހައި ކޯޓުން ބާތިލުކުރީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން މިއަހަރުގެ ކުރީކޮޅު ވަނީ ހުކުމްކޮށްފިއެވެ.