މާކަނޑުން މިޔަރުގެ މަސްވެރިކަން ކުރުމަށް ހުޅުވާލުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރަމުން ނުދާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.

ރާއްޖޭގެ ކަނޑުތަކުގައި މިޔަރުގެ އާބާދީ ގިނަވެ މަސްވެރިންނަށް ބޮޑެތި އުނދަގޫތަކެއް ދިމާވަމުން ދިއުމާއި މޫދަށް އެރޭ ފަތުރުވެރިންނަށް މިޔަރުގެ ނުރައްކާ ކުރިމަތިވަމުންދާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ އިގުތިސޯދީ ކޮމިޓީގައި ވާހަކަދައްކަވަމުން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވަނީ މާކަނޑުން މިޔަރުގެ މަސްވެރިކަން ކުރުމަށް ހުޅުވާލުމަށް މަޝްވަރާ ކުރައްވަމުން ގެންދާ ކަމަށް ވިދާޅުވެފައެވެ.

މިނިސްޓަރު ދެއްކެވި ވާހަކަތައް ސާފުކޮށްދިނުމަށް މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ މިނިސްޓްރީން މިޔަރު މަސްވެރިކަމަށް ހުއްދަ ދޫކުރަން އެއްވެސް ލެވަލްއެއްގައި މަޝްވަރާކޮށްފައި ނުވާ ކަމަށާއި މިޔަރު މަސްވެރިކަން ހުއްދަ ނުކުރާނެ ކަމަށެވެ.

މިނިސްޓްރީން ބުނީ، މިޔަރުގެ ސަބަބުން ކަންނެލީގެ މަސްވެރިކަމަށް ކުރަމުންދާ އަސަރުތަކާ ގުޅޭ ގޮތުން މަޝްވަރާތައް ކުރެވުނު ކަމަށާއި އަދި ކަންނެލީގެ މަސްވެރިކަން ކުރަމުންދާ އިރު، މިޔަރު ބޭނިދާނެ ހާލަތްތަކާ ގުޅޭ ގޮތުން އެ މިނިސްޓްރީގައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

މިޔަރު މަސްވެރިކަން ރާއްޖޭގައި މަނާކުރިތާ 10 އަހަރު ވެފައިވާކަން ފާހަގަކޮށް މިނިސްޓްރީގެ ބަޔާނުގައި ބުނީ، މިޔަރުގެ އާބާދީ ގިނަވެ މަސްވެރިންނަށް ބޮޑެތި އުންދަގޫތަކެއް ދިމާވަމުންދާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން މިޔަރުގެ އާބާދީ އިތުރުވެފައިވޭތޯ ބެލުމަށް މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓާ ގުޅިގެން ސާވޭތަކާއި ދިރާސާތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް ބުންޏެވެ.

އެ ދިރާސާތަކުން ރާއްޖޭގައި މިޔަރުގެ އާބާދީ ބޮޑުތަނުން އިތުރުވެފައިވާ ކަމަކަށް ނުދައްކާ ކަމަށާއި އަދި ކުރިން މިޔަރުގެ މަސްވެރިކަން ކުރުމުން އޭގެ އާބާދީއަށް ކުރި އަސަރުން އަދިވެސް އަރައިގަނެފައިނުވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ ކުރިއަށްވުރެ ގިނައިން މިޔަރު ފެންނަ ކަމަށް ބެލެވޭ އެއް ސަބަބަކީ މިޔަރުތަކަށް ކާންދިނުން އިތުރުވުމާއި ރިސޯޓްތަކުން މޫދަށް އަޅާ ކުނީގެ ސަބަބުން ކަމަށެވެ. އަދި އެކަމުގެ ސަބަބުން މިޔަރުގެ ޝިކާރަކުރުމުގެ އާދައަށް ބަދަލު އައިސްފައިވާ ކަމަށް ބުންޏެވެ.