ރ. އަތޮޅުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން ޝަމީމް ވިދާޅުވީ، އަތޮޅުތެރޭގައި ޕީޖީގެ އަށް އޮފީހެއް މިހާރުވެސް އެބަހުރި ކަމަށެވެ. ނަމަވެސް އަތޮޅުތެރޭގައި ހުރި ރީޖަނަލް އޮފީސްތައް އިތުރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ، ރ އަތޮޅަކީ ޖިނާއީ ކުށްތައް ގިނަ އަތޮޅެއް ކަމަށެވެ. ހާއްސަކޮށް ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް އެ އަތޮޅުގައި ގިނަކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން ރ އަތޮޅުގައި ޕީޖީގެ އޮފީހެއް ކުރިއަށް އޮތް ދެތިން މަސްތެރޭގައި ގާއިމް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

"ރ. އަތޮޅުގައި އަދި އަޅުގަނޑުމެންގެ އޮފީހެއް ނުހުރޭ. ރ އަތޮޅުގައި ޖިނާއީ މައްސަލަތައް ވަރަށް ގިނަ. ހާއްސަކޮށް މަސްތުވާތަކެތީގެ މައްސަލަތައް. ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން ވެސް ރ އަތޮޅުގައި ހަމަ އަބަދުވެސް އެހެން އަތޮޅުތަކަށް ވުރެ ކުޑަތަންކޮޅެއް އިތުރުކޮށް މިއުޅެނީ" ޕީޖީ ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ، އޭރުން އެ އަތޮޅުން ހުށަހެޅޭ މައްސަލަތައް އެ އަތޮޅުގައި ހުންނަ ޕްރޮސެކިއުޓަރު މެދުވެރިކޮށް ފަސޭހަ ކަމާއެކު ކޯޓަށް ހުށަހެޅި، ޝަރީއަތުގެ މަރުހަލާ އަވަސްވެގެންދާނެ ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ޕީޖީ ވަނީ ފުވައްމުލައް ސިޓީގައިވެސް ޕްރޮސިކިއުޓަރެއް ބަހައްޓައި މައްސަލަތައް ބެލުމުގެ އިންތިޒާމު މިއަހަރު ހަމަޖައްސާނެ ކަމަށް ވިދާޅުވެފައެވެ. ފުވައްމުލައް ސިޓީގެ މައްސަލަތައް މިހާރު ބަލަނީ އައްޑޫގައި ހުންނަ ޕީޖީ އޮފީހުންނެވެ.