ނުހައްގު މުއްސަދިކަމަކީ ކުށެއް ކަމަށް ގާނޫނުލްއުގޫބާތުގައި ހިމަނައި، އެ ކުށުގެ އަދަބަކީ 15 އަހަރު ދުވަހުގެ ޖަލު ހުކުމެއް ކަމަށް ކަނޑައަޅައި، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނު އުވާލަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މަޖިލީހުން މިގޮތަށް ފާސްކުރީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު މަޖިލީހަށް ހުށަހެޅުއްވި، ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލުގައި ހިމަނައިގެންނެވެ. އެ ބިލު މަޖިލީހުން ފާސްކުރީ މިއަދުގެ ޖަލްސާގައި ތިއްބެވި 53 މެންބަރުންގެ ތެރެއިން 50 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނަކީ 2000 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބިލެކެވެ. އެއީ ރިޝްވަތު ދިނުމާއި ރިޝްވަތު ހިފުން ހުއްޓުވުމާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި އެގޮތަށް ފައިދާ ހޯދައިދިނުން ހުއްޓުވުމާއި އެކަންތައްތައް މަނާކުރުމުގެ ގާނޫނެވެ. އެ ގާނޫނުގައި އެކަމާބެހޭ ކުށްތައް ވަނީ ކަނޑައަޅައިފައެވެ.

ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ގާނޫނު އުވާލަން މަޖިލީހުން ފާސްކޮށްފައި މިވަނީ، ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލުގައި ހިމަނައިގެންނެވެ.

އެ ބިލުގައި ބުނެފައިވަނީ ކޮރަޕްޝަންގެ އަމަލުތައް ހިންގުން އިތުރުވަމުން ދިއުމާއި އެފަދަ އަމަލުތައް ހިނގަމުންދާ ގޮތް ބަދަލުވެ، ޒަމާނީ ވަމުންދާ ދަނޑިވަޅެއްގައި، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގައި ކޮރަޕްޝަންގެ ގޮތުގައި ކަނޑައަޅާފައިވާ ކުށްކުށަކީ ޒަމާނާ ނުބައްދަލު ކުށްތަކެއް ކަމަށެވެ.

އެހެންކަމުން ރާއްޖޭން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ ކޮރަޕްޝަނާ ގުޅޭ މުއާހަދާއަށްވެސް ރިއާޔަތް ކުރުމާއެކު ކޮރަޕްޝަންގެ ކުށްތައް މިހާރަށް ފެތޭ ގޮތަށް ބަދަލުކޮށް، ގާނޫނުލްއުގޫބާތުގައި އެ ކުށްތައް ހިމެނުމަށްފަހު ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނު އުވާލަން ނިންމީ ކަމަށް ވެސް ބުނެފައިވެއެވެ. އަދި ރިޝްވަތާ ގުޅޭ އާ ކުށްތަކެއް ގާނޫނުލްއުގޫބާތުގެ ގާނޫނަށް އިތުރުކުރަން ވަނީ ހިމަނައިފައެވެ.

އޭގެ ތެރޭގައި ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށާއި ނުފޫޒުން ވިޔަފާރު ކުރުމުގެ ކުށާއި ދައުލަތުގެ މުދަލާއި ފައިސާއަށް ހިޔާނަތްތެރިވުމުގެ ކުށާއި ބޭރު ދައުލަތެއްގެ ނުވަތަ ބައިނަލްއަގުވާމީ ޖަމިއްޔާއެއްގެ މުވައްޒަފަކަށް ރިޝަވަތު ދިނުމުގެ ކުށް ހިމެނެއެވެ. އޭގެ އިތުރުން ރިޝްވަތު ދިނުމާއި ރިޝްވަތު ހިފުމުގެ ކުށުގެ އަމަލު އިސްލާހު ކުރަންވެސް ބިލުގައި ވަނީ ހިމަނައިފައެވެ.

މި ބިލު މާދަމާ އޮންނަ ރައްިޔތުންގެ މަޖިލީހަށް ހުށަހަޅަން އެޖެންޑާ ކޮށްފައިވަނީ އެ ބިލު މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން އިސްލާހު ކުރުމަށްފަހުގައެވެ. އެ ބިލުގައިވާ ގޮތުން ބިލު ގާނޫނަކަށް އަމަލުކުރަން ފެށުމާއެކު ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނު އުވުނީއެވެ.