ދިރާގު ޓީވީގެ ހިދުމަތް ރ. މަޑުއްވަރީ އަށް ތައާރަފު ކޮށްފިއެވެ.

ދިރާގުގެ އެސިސްޓެންޓް މެނޭޖަރު ޕަބްލިކް ރިލޭޝަންސް، ޖައިޝާން ހަމީދު ވިދާޅުވީ ދިރާގު ޓީވީގެ އާ އޮފާ ތަކާއި އިތުރު ޗެނަލްތައް ތައާރަފުކޮށްފައިވާ ދަނޑިވަޅެއްގައި މަޑުއްވަރީގައި ދިރާގު ޓީވީގެ ހިދުމަތް ތައާރަފު ކުރެވުމުން ވަރަށް އުފާ ކުރައްވާ ކަމަށާއި މަޑުއްވަރީގައި ދިރިއުޅޭގެ ރައްޔިތުންގެ ދިރިއުޅުމަށް އިތުރު ފާގަތިކަމެއް ގެނެސްދީ ދިރާގު ޓީވީ މެދުވެރިކޮށް މުނިފޫހިފިލުވުމަށް އިތުރު ލުއިފަސޭހަތަކެއް ލިބޭގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މަޑުއްވަރީގައި ދިރާގު ޓީވީގެ ހިދުމަތް ތައާރަފުކޮށްފައި މިވަނީ ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ގެންގުޅޭ ކަސްޓަމަރުންނަށް ދިރާގު ޓީވީގެ ހިދުމަތް ހިލޭ ގުޅައިދިނުމުގެ އިތުރުން ޖޯއިބޮކްސް ނުވަތަ ޑީކޯޑަރު ހިލޭ ލިބިގެންދާ ހާއްސަ ޕޮރޮމޯޝަނެއްގެ ކުރިއަށްދާ ދުވަސް ވަރެއްގައެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ 31 މެއިގެ ނިޔަލަށް ކަމަށްވެސް ދިރާގުން ބުންޏެވެ.

މި ޕްރޮމޯޝަންގެ ދަށުން ދިރާގު ޓީވީއަށް ސަބްސްކްރައިބް ކުރާ ހުރިހާ ކަސްޓަމަރުންނަށް ހާއްސަ ލަކީ ޑްރޯއެއްގައި ބައިވެރި ވެވޭނެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ. މި މުއްދަތުގެ ތެރޭގައި ދިރާގު ޓީވީ ކަނެކްޝަނަކަށް އެޕްލައި ކޮށްގެން 20 ނަސީބުވެރި ކަސްޓަމަރުންނަށް ހަ މަސް ދުވަހަށް ދިރާގު ޓީވީ މުޅިން ހިލޭ ބަލައިލެވޭނެއެވެ.

ދިރާގު ޓީވީއަށް މިހާރު އެޕްލައި ކޮށްގެން ދިރާގުން އަލަށް ތައާރަފު ކުރި ގޯލްޑް ޕެކޭޖްގެ ހުރިހާ ޗެނަލްތައްވެސް ބަލައިލެވޭނެއެވެ. އެގޮތުން ދިރާގު ޓީވީގެ ގޯލްޑް ޕެކޭޖުން 100 އަށް ވުރެ ގިނަ ޗެނަލް، މީގެ ތެރޭގައި މުޅިން އަލަށް ތައާރަފުކުރި ސިނަމާޗީގެ ޗެނަލްތައް 450 ރުފިޔާ އަށް ބަލައިލެވޭނެ ކަމަށްވެސް ދިރާގުން ބުންޏެވެ.

ދިރާގު ޓީވީގެ ޒަރިއްޔާއިން ބެލުންތެރިންނަށް އެންމެ މަގުބޫލު ޓީވީ އަދި މުނިފޫހިފިލުވުމުގެ ކޮންޓެންޓް އެއް ޕްލެޓްފޯމެއްގެ ދަށުން ބަލައިލެވޭނެ ކަމަށާއި އެގޮތުން 100 އަށްވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތް ކަމަށް ދިރާގުން ބުނެ އެވެ. ރާއްޖޭގެ 77 ޕަސެންޓް ގޭބިސީއަށް ދިރާގު ޓީވީގެ ހިދުމަތް ފޯރު ކޮށްދެމުން އަންނަ ކަމަށް ވެސް ދިރާގުން ވަނީ ބުނެފައެވެ.