ރާއްޖޭގައި ހައި-ސްޕީޑް ފެރީގެ ހިދުމަތް ފެށުމަށް ބޭނުންވާ ފެރީތައް ބަނުމަށް އެމްޓީސީސީން ގަލްފް ކްރާފްޓް މޯލްޑިވްސްއާ ހަވާލުކޮށްފިއެވެ.
އެކަމުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ. ގަލްފް ކްރާފްޓްގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ ޗެއާމަން މުހައްމަދު ހުސައިން އަލްޝާލީއެވެ.
އެމްޓީސީސީން ބުނީ މި އެއްބަސްވުމުގެ ދަށުން 17 ސްޕީޑް ފެރީއެއް ބަނުމުގެ މަސައްކަތް ގަލްފް ކްރާފްޓްއާ ހަވާލުކޮށްފައިވާ ކަމަށެވެ. އެ ފެރީތަކަކީ 50 މީހުންގެ ޖާގައިގެ 30 ނޮޓްގެ ބާރުމިނެއްގައި ދުވާ ފެރީތަކެއް ކަމަށާއި އެއީ އެމްޓީސީސީން މިހާރު ބޭނުންކުރާ ފެރީތަކަށްވުރެ ތިން ގުނަ އަވަސް ފެރީތަކަކަށް ވާނެ ކަމަށް ބުންޏެވެ.
އަދި މި ފެރީތައް ބަނުމުގައި އިސްކަންދޭނީ ދަތުރުވެރިންނަށް ހިތްފަސޭހަ ދަތުރެއް ކުރެވޭނެ ގޮތަށް ކަމަށް އެމްޓީސީސީން ބުންޏެވެ. އެގޮތުން ފެރީގެ ސީޓާއި ފަސެންޖަރުންގެ ކެބިން ފަރުމާ ކުރެވޭނީ މިފަދަ ދަތުރުތައް ކުރުމަށް އެންމެ އެކަށޭނެ ގޮތަށް ކަމަށާއި އަދި ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ އިންތިޒާމުތަކެއް ފެރީތަކުގައި ގާއިމްކުރެވޭނެ ކަމަށް ބުންޏެވެ.
"އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހއ. އަތޮޅާއި ހދ. އަތޮޅު އަދި ށ. އަތޮޅުގައި ހިމެނޭ ހުރިހާ ރަށެއް ފެރީ ވިއުގައަކުން ގުޅާލާނެއެވެ. އެގޮތުން އެ ތިން އަތޮޅުގެ ޖުމުލަ 41 ރަށަކަށް ހިދުމަތް ދޭނެއެވެ. އެ މަޝްރޫއުގެ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ފުރިހަމަ ކުރަންޖެހެއެވެ.
ފެރީ ނިޒާމު މަޝްރޫއުގެ ދަށުން ޓާމިނަލް އާއި ފެރީ ސްޓޮޕްތައް އެޅުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ. އެގޮތުން ހޯރަފުށީގައި ފެރީ ޓާމިނަލް އެޅުމުގެ މަސައްކަތް ފެށި، އެހެން ޓާމިނަލްތަކާއި ފެރީ ސްޓޮޕްތަކުގެ މަސައްކަތްތައް ފެށުމަށް ޓީމުތައް މިހާރު ދަނީ ތައްޔާރުވަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު