ސަޕޯޓިން ޑޮކިއުމެންޓުތައް ނެތުމުން ކުރީގެ ނާއިބު ރައީސް އަބުދުﷲ ޖިހާދު ބޭސްފަރުވާއަށް ފުރަން ހުއްދަ ނުދޭން ކްރިިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.

ޖިހާދު ބޭސްފަރުވާއަށް ސްރީލަންކާއަށް ވަޑައިގެންނެވުމާ މެދު ގޮތެއް ކަނޑައެޅުމަށް މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި، ސްރީލަންކާއަށް މީހުން ދަތުރުކުރުމުގައި އަމަލު ކުރާ އުސޫލު ދައުލަތުގެ ފަރާތުން ކޯޓަށް އޮޅުންފިލުއްވައި ދެއްވުމަށް ކުރިމިނަލް ކޯޓުގެ ގާޒީ އެދިވަޑައިގެންނެވިއެވެ.

އެކަން އޮޅުންފިލުއްވައިދެއްވަމުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އައިޝަތު މުހައްމަދު ވިދާޅުވީ، މި ހާލަތުގައި ސްރީލަންކާއަށް ދަތުރުކުރުމުގައި އޮންނަނީ، ކޮވިޑް ވެކްސިންގެ ދެ ޑޯޒް ޖަހާ ފަރާތްތަކަށް ހަތް ދުވަހު ކަރަންޓީނުވުމަށް، އަދި ދެ ޑޯޒް ހަމަނުކުރާ ފަރާތްތައް 14 ދުވަހުގެ މުއްދަތަށް ކަރަންޓީން ވާންޖެހޭގޮތަށް ކަމަށެވެ.

އެކަމާ ގުޅިގެން ޖިހާދުގެ ގާނޫނީ ވަކީލު އަދި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ވިދާޅުވީ ފޮރިން މިނިސްޓްރީގެ ހާއްސަ އުސޫލުގެ ދަށުން އެއްދުވަހުގެ މުއްދަތަށް ކަރަންޓީނު ވާންޖެހޭގޮތެއް އޮންނަ ކަމަށާއި ޖިހާދު ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ވަޑައިގަތުމަށް އެދިވަޑައިގެންފައިވަނީ ފޮރިން މިނިސްޓްރީގެ ހާއްސަ އުސޫލުގެ ދަށުން ކަމަށެވެ.

ގާޒީ ވިދާޅުވީ، ޑޮކިއުމެންޓުތަކަށް ބަލާއިރު، ޖިހާދަކީ ބޭސްފަރުވާ ކުރަންޖެހޭ ފަރާތެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް ފުރަން ބޭނުންވާ ކަމުގެ ސިޓީއެއް، ނުވަތަ ރިޒަވޭޝަނެއް ފަދަ ސަޕޯޓިން ޑޮކިއުމެންޓެއް ޖިހާދުގެ ފަރާތުން ހުށަހަޅުއްވާފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ.

ޖިހާދު ފުރަން އެދިވަޑައިގެންފައިވަނީ މިމަހުގެ ތިނަކުން 14 އަށް ކަމަށާއި ފުރަން އެދިވަޑައިގެންފައިވާ ތާރީހުވެސް ފަހަނައަޅައި ގޮސްފައިވުމާއި، އެކަމަށް ބޭނުންވާ ސަޕޯޓިން ޑޮކިއުމެންޓުތައް ހުށަހަޅުއްވާފައިނުވާތީ އާއި އެކަމަށް އެދި ހުށަހަޅުއްވާފައިވާ ފޯމާއި އެކަމާ ބެހޭގޮތުން ދެފަރާތުން ދެއްކެވި ވާހަކަތަކަށް ބަލައި ޖިހާދު ފުރުމަށް ހުއްދަ ނުދެއްވަން ނިންމެވީ ކަމަށް ގާޒީ ވިދާޅުވިއެވެ.

ނަމަވެސް ގާޒީ ވިދާޅުވީ، ޖިހާދު އިތުރަށް ފުރަން ބޭނުންފުޅުވާނަމަ، އެކަމަށް އެދޭ ސިޓީއާއެކު، ރިޒަވޭޝަން ޓިކެޓާއި ސަޕޯޓިން ޑޮކިއުމެންޓުތައް ކޯޓަށް ހުށަހެޅުމުން އެކަންތައް ބަލައި ހުއްދަދޭން ފެންނަ ނަމަ ޖިހާދު ފުރަން ހުއްދަ ދެއްވާނެ ކަމަށެވެ.