މަންދު ކޮލެޖުގެ ވެރިޔާ އިބްރާހިމް އިސްމާއިލް (އިބްރާ)، ބަންދުގައި ބަހައްޓައިގެން ސިވިލް ކޯޓަށް ހާޒިރު ކުރުމުގެ އަމުރެއް އެ ކޯޓުން ނެރެފި އެވެ.
ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދާ ސޮއިކުރައްވައި އިއްޔެ ނެރުނު އަމުރު، މިއަދު އިބްރާ ވަނީ ސޯޝަލް މީޑިއާއަށް ދޫކޮށްލައިފަ އެވެ.
އެ އަމަރުގައި ބުނެފައިވަނީ، ބަންދުގައި ބަހައްޓައިގެން އިބްރާ ކޯޓަށް ހާޒިރު ކުރަނީ، ހުކުމް ތަންފީޒު ކުރުމުގެ ގޮތުން އެ ކޯޓުގައި ކުރިއަށްދާ ޝަރީއަތުގެ އަޑުއެހުމަށް، މަންދު އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ ޑައިރެކްޓަރުގެ ހައިސިއްޔަތުން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވާ އަމުރާ ހަވާލުވެފައިނުވާތީ ކަމަށެވެ.
އެހެންކަމުން އަންނަ އާދިއްތަ ދުވަހު އޮންނަ އެ އަޑުއެހުމަށް އިބްރާ ބަންދުގައި ބަހައްޓައިގެން ހާޒިރު ކޮށްދިނުމަށް އަމުރުގައި ވަނީ ބުނެފަ އެވެ.
ކޯޓު އަމުރު ސޯޝަލް މީޑިއާއަށް ހިއްސާކުރައްވަމުން ކުރީގެ މަޖިލިސް މެންބަރުކަން ވެސް ކުރެއްވި އިބްރާ ވިދާޅުވީ، ޗިޓެއް ހިފައިގެން އޭނާ ދިރިއުޅުއްވާ ގެއަށް ނާންނަ ކަމަށާއި މިދިޔަ މަސް ދުވަހު އެހެން މައްސަލަތަކުގައި އެތައް ފަހަރަކު ކޯޓަށް ގޮސްފައިވާނެ ކަމަށެވެ. އަދި ކޯޓުން އެތައް ޗިޓެއް، މެއިލް އިންނާއި ވައިބާ މެދުވެރިކޮށް އޭނާއަށް ފޮނުވާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. މީގެ ދެރޭ ކުރިން ވެސް ޗިޓެއް އައިކަން ފާހަގަކުރެއްވި އެވެ.
"ދެން އެކަމަކު ވެސް ހެޔޮ ހަމަ ގާނޫނު އަސާސީ ވިއްކާލީ. ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ބާރުވެސް މަށަށް އެނގޭ،" މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީ ޑްރާފްޓް ކުރި ކޮމެޓީގެ މުގައްރިރުކަން ކުރެއްވި އިބްރާ ވިދާޅުވި އެވެ.
އެކަމާ ގުޅިގެން އިބްރާ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މަޒާޖީ ގޮތަކަށް ފާޑުވިދާޅުވެފަ އެވެ. ވިދާޅުވީ، އެ އޮތީ އެމްޑީޕީން އަދުލު އިންސާފު ގާއިމުކޮށްފައި ކަމަށެވެ. ރައީސް ސޯލިހު އާއި ރައީސް ނަޝީދު ޓެގް ކުރައްވައި ސާބަސް ދެއްވައި ތިޔަވަރެއް ނެތް ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު