ވެންޓިލޭޓަރު މައްސަލައިގެ ކޮރަޕްޝަންގައި ހިމެނޭ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ހާޒިރުކޮށް އެ ފައިސާ ހޯދުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލަ ހުށަހަޅައި ބަހުސް ފަށައިފިއެވެ.
މި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފެވެ.
މި މައްސަލަ ހުށަހަޅުއްވަމުން ޝަރީފް ވިދާޅުވީ، 2020 ވަނަ އަހަރު 75 ވެންޓިލޭޓަރު ގަތުމަށް ދުބާއީގެ އެގްޒެކިއުޓާ ޖެނެރަލް ޓްރޭޑިން ކުންފުންޏަށް ދައުލަތުގެ މާލިއްޔާގެ ގަވާއިދާ ހިލާފަށް 31 މިލިޔަން ރުފިޔާ ދީފައިވާ ކަމަށް ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުން ފާހަގަ ވުމާއެކު އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރި ތަހުގީގުންވެސް މި މައްސަލައިގައި ސަރުކާރުން އަމަލު ކޮށްފައި ވަނީ މާލިއްޔަތުގެ ގާނޫނާއި ގަވާއިދާ ހިލާފަށް ކަން ސާބިތުވާ ކަމަށެވެ.
އެ މައްސަލަ ބަލައި ދައުވާކުރުމަށް އޭސީސީން ޕްރޮސިކިއުޓާޖެނެރަލް (ޕީޖީ) އަށް ފޮނުވުމުން، އެ މައްސަލައިގައި ޖިނާއީ ދައުވާ ސާބިތުވާން ބޭނުންވާ މިންވަރަށް ހެކި ލިބިފައި ނެތް ކަމަށާއި ތުހުމަތު ކުރެވޭ މީހުންގެ އެކައުންޓަށް ފައިސާ ވަދެފައިވާ ކަމުގެ ހެއްކެއް ނެތްކަމަށް ވިދާޅުވެ ދައުވާ ނުކުރަން ޕީޖީ ނިންމެވީ ގާނޫނީ އެއްވެސް އަސާސަކަށް ރިއާޔަތް ކުރުމެއްނެތި އެހެން ނުފޫޒުތަކެއްގެ ސަބަބުން ކަމަށް ބެލެވޭ ކަމަަށްވެސް ވިދާޅުވިއެވެ.
ކޮވިޑްގެ އެންމެ ނުރައްކާތެރި ވަގުތުގައި ބަލިމީހުންގެ އެންމެ ޒަރޫރީ ބޭނުމަށް ވެންޓިލޭޓަރުތައް ހޯދުމުގެ ނަމުގައި ރައްޔިތުންގެ ފައިސާއިން "މިހާބޮޑު ހިޔާނާތެއް ވެފައިވާއިރު އެފައިސާ ދޫކުރީ ހޯދަން ޖެހޭ ފައިނޭޝަލް ޕާފޯމަންސް ގެރެންޓީ އާއި ނުލައިކަން ލިޔެކިއުންތަކުން ސާބިތުވާއިރު މިކަމުގައި މާލީ ވުޒާރާގެ އިހުމާލުވެސް އޮތްކަމަށް ބެލެވޭތީ ވެންޓިލޭޓަރު ގަތުމުގެ ނަމުގައި ހިންގާފައިވާ ކޮރަޕްޝަންގައި ޝާމިލުވާ ފަރާތްތައް ހޯދައި ފުރިހަމަ ތަހުގީގެއް ހިންގައި ރައްޔިތުންގެ ފައިސާ ހޯދައިދިނުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަަކަށް ގޮވާލާކަމަށް،" އެ ކުއްލި މައްސަލައިގައި ވެއެވެ.
މި މައްސަލަ މަޖިލީހަށް ބަަލައިގެ އަންނަނީ ބަހުސް ފަށައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު