ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިން ބެލެހެއްޓުމަށް ހުޅުމާލޭގައި ހަދާފައިވާ ފިޔަވަތި އިމާރާތް މަރާމާތުކުރުމަށްފަހު މިއަދު އަލުން ހުޅުވައިފިއެވެ.

މަރާމާތަށްފަހު ފިޔަވަތި އަލުން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރް އަދި ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުން އާއިޝަތު ރަޝީދު އަދި ޒިފްލީނާ ހަސަން ބައިވެރިވެވަޑައިގެންނެވިއެވެ.

ރަސްމިއްޔާތުގައި މިނިސްޓަރު ޝާހިދު ވިދާޅުވީ އިޖުތިމާއީ-އިގުތިސާދީ ގޮތުން ނާޒުކު ހާލަތުގައި ތިބޭ ކުޑަކުދިންނަށް ހާއްސަ ސަމާލުކަމެއް ދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށާއި މި މަޝްރޫއަކީ އެ ޒިންމާގެ ތެރެއިން ސަރުކާރުން ހިންގި މަޝްރޫއެއް ކަމަށެވެ.

މި މަޝްރޫއަކީ ހިލޭ އެހީގެ ގޮތުގައި އިންޑިއާ ސަރުކާރުން ރާއްޖެއަށް ދިން 6.9 މިލިއަން ޑޮލަރު (106 މިލިއަން ރުފިޔާ)ގެ އެހީގެ ދަށުން ހިންގި މަޝްރޫއެކެވެ. މިއީ އިޖުތިމާއީ-އިގުތިސާދީ ކުރިއެރުންތަކަށް ރާއްޖޭގައި ހިންގޭ މަޝްރޫއުތަކަށް ހަރަދުކުރަށް ދީފައިވާ އެހީއެކެވެ.

މި މަޝްރޫއުގެ ދަށުން އިމާރާތުގެ ސަލާމަތީ ކަންކަން ހަރުދަނާކޮށް، އިމާރާތުގައި މިހާރު ބޭނުންކުރާ ފަރުނީޗަރުތައް ވަނީ އާކޮށްފައެވެ. އަދި ކުދިންގެ އާންމު ބޭނުންތަކަށް ބޭނުންކުރާނެ ޖާގަ ވެސް ވަނީ ތައްޔާރުކޮށްފައެވެ.