ގިނަ އަދަދެއްގެ މިޔަރު މަހާއެކު މިޔަރު މަސްވެރިކަން ކުރަމުން އައި ދޯންޏެއް ފުލުހުން އަތުލައިގަނެފި އެވެ.
ފުލުހުން ބުނީ، އދ. މަންދޫ ކައިރީގައި ބަޔަކު މިޔަރު މަސްވެރިކަން ކުރާ ކަމުގެ ރިޕޯޓް ލިބުނީ މިއަދު 11:30 ހާއިރު ކަމަށެވެ. އަދި އެ އަތޮޅުގައި މަސައްކަތް ކުރާ ފުލުހުން އެ ދޯނި އަތުލައިގަނެފައިވަނީ މާވަރު ފަޅު ކައިރިން ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
ހަތަރު މީހުންނާއެކު އަތުލައިގަތް ދޯނި ބަލައި ފާސްކުރިއިރު އޭގައި މިޔަރާއި މިޔަރު އުރަހައިގެ އިތުރުން ލޮނު އަޅާފައިވާ މިޔަރު މަސް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ރާއްޖޭން ބޭރުކުރަން އުޅުނު މިޔަރު އުރަހަތަކެއް މި އަހަރުގެ ކުރީ ކޮޅުގައި ކަސްޓަމަސް އިން ވަނީ ހިފަހައްޓައިފިއެވެ.
ރާއްޖޭގައި 2010 ވަނަ އަހަރުން ފެށިގެން މިޔަރުގެ މަސްވެރިކަން ކުރުން މަނާކުރި އެވެ. އޭގެ ފަހުން މިޔަރު ބޭނުމަކީ ވެސް ކުށެކެވެ. އަދި މިޔަރު މަސް ނުވަތަ އުރަހަވެސް އެކްސްޕޯޓު ކުރުމަކީ ގާނޫނީ ގޮތުން ބޮޑު ކުށެކެވެ.
އޭޝިއާގެ ގައުމުތަކުގައި މިޔަރު އުރަހަކީ ވަރަށް އަގުބޮޑުކޮށް ވިކޭ އެއްޗެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު