އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން، މިދިޔަ އަހަރު ކޮވިޑާއި ގުޅިގެން 2205 ފަރާތަކަށް ލޯނު ދޫކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ކޯވިޑް-19 ގެ ހާލަތާއި ގުޅިގެން މިދިޔަ އަހަރު އެސްޑީއެފްސީން ލޯނު ޕޯޓްފޯލިއޯގެ އިތުރުން ސަރުކާރުގެ އިގްތިސޯދީ ރިކަވަރީ ޕެކޭޖްގެ ދަށުން ފިނޭންސް މިނިސްޓްރީ އާއި ގުޅިގެން "ކޯވިޑް-19 ވިޔަފާރި އެހީލޯނު" ގެ ނަމުގައި އައު ލޯނެއް ވަނީ ތައާރަފު ކޮށްފަ އެވެ.

އެގޮތުން "ކޯވިޑް-19 ވިޔަފާރި އެހީލޯނު" ގެ ދަށުން ޖުމުލަ 2205 ފަރާތަކަށް 381,086,730 ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ވިޔަފާރިތަކަށް ދޫކުރި 1520 ލޯނު އަދި އަމިއްލަ މަސައްކަތްކުރާ ވިޔަފާރިތަކަށް ދޫކުރި 685 ލޯނެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި 18 މާރިޗު 2019 ގައި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން އުފައްދައި، ހިދުމަތްދޭން ފެށިފަހުން މިއަދާ ހަމައަށް ގިނަ އަދަދެއްގެ ވިޔަފާރިއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

"މިގޮތުން މި ކޯޕަރޭޝަންގެ ލޯނު ޕޯޓްފޯލިއޯގެ ތެރެއިން 2019 ވަނަ އަހަރު ޖުމުލަ 287 ފަރާތަކަށް 343,940,116 ރުފިޔާގެ ލޯނު ދޫކޮށްފައިވާއިރު 2020 ވަނަ އަހަރު ޖުމުލަ 305 ފަރާތަކަށް 420,189,707 ރުފިޔާގެ ލޯނު ވަނީ ދޫކޮށްފައި،" އެސްޑީއެފްސީން ނެރުނު ބަޔާނެއްގައި ވަނީ ބުނެފަ އެވެ.

ވޭތުވެދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި އެސްޑީއެފްސީގެ ފަރާތުން ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭ ގޮތައް ހިދުމަތް ފޯރުކޮށްދީފައި ވާއިރު ލޯނުގެ 33 އިންސައްތަ ދޫކޮށްފައިވަނީ އަންހެނުންނާއި ޒުވާނުންނަށް ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

ކޯވިޑް-19 ގެ ހާލަތުގައިވެސް ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް އެސްޑީއެފްސީން މެދު ނުކެނޑި މަސައްކަތް ކުރަމުން އަންނަކަން ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން ލޯނަށް އެދި ހުށަހެޅުން ފަސޭހަކުރުމުގެ ގޮތުން އޮންލައިން ޕޯޓަލް މެދުވެރިކޮށް ލޯނަށް އެދި ހުށަހަޅައި، ލޯނު ކުރިއަށް ގޮސްފައިވާ ހިސާބު ފަސޭހަކަމާއެކު ބެލޭނެ މަގުވަނީ ފަހިކޮށްދީފަ އެވެ.

އޭގެ އިތުރުން ލޯނާ ބެހޭ އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކަށް އެސްޑީއެފްސީ ކޯޕަރޭޝަނުގެ ކޮންޓެކްޓް ސެންޓަރ 1613 އަށް ގުޅައި މައުލޫމާތު ސާފުކުރުމުގެ ހިދުމަތް ވެސް ވަނީ ހުޅުވާލާފަ އެވެ.