ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އަހަރެންގެ ބޭންކު ކޮމިއުނިޓީ ފަންޑުގެ ދަށުން ގދ. ނަޑެއްލާ ގޮނާނިގިލި ކުޅީގައި އީކޯ ޕާކެއް ހަދައިފި އެވެ.

މި ޕްރޮޖެކްޓު ހިންގާފައިވަނީ ނަޑެއްލާ އައިލެންޑް ޑިވެލޮޕްމަންޓް ސޮސައިޓީ (ނިޑުސް) އިންނެވެ. މިއީ ގޮނާނިގިލި ކުޅީގެ ގުދުރަތީ ރީތިކަން އާންމުންނަށް ފަސޭހައިން ބަލާލައި ހިތްހަމަޖައްސާލާނެ މާހައުލެއް ގާއިމުކޮށްދިނުމާއެކު ކުޅީގެ ގުދުރަތީ ރީތިކަން އަންނަން އޮތް ޖީލުތަކާ ހަމައަށް ދަމަހައްޓާ އެތަނުގެ މައުލޫމާތު ޒިޔާރައް ކުރާ މީހުންނަށް ދިނުމުގެ މަގުސަދުގައި ހިންގި ޕްރޮޖެކްޓެކެވެ.

މި ޕްރޮޖެކްޓުގެ ދަށުން އެ ކުޅީގައި ވިއުވިން ޕްލެޓްފޯމަކާއި ކުޅި ހިމެނޭ ސަރަހައްދުގައި ފަސް ބެންޗާއި ފަސް ޑަސްބިން ބަހައްޓައި ފަސް ސޯލާ ބައްތި ވަނީ ހަރުކޮށްފައެވެ. އަދި އެތަން އާންމުންނަށް ބޭނުންކުރެވޭ ގޮތަށް އިއްޔެ ހުޅުވާލުމަށްފަހު އެތަން ބެލެހެއްޓުމަށް ވަނީ ރަށު ކައުންސިލާ ހަވާލުކޮށްފައެވެ.

މި ޕްރޮޖެކްޓާ ގުޅޭ ގޮތުން ނިޑުސްގެ ފަރާތުން ބުނީ، އެ މަސައްކަތް ހިލޭ ސާބަހަށް ކޮށްދީފައިވާތީ އެ ޖަމިއްޔާގެ ވޮލަންޓިއަރުންނާއި ރަށުތެރެއިން މަސައްކަތަށް އެއްބާރުލުމާއި އެހީތެރިކަން ދިން ދަރުމަވެރިންނާއި ރަށުގެ ހެޔޮއެދޭ ފަރާތްތަކަށް ޝުކުރު އަދާކޮށްފަ އެވެ.

އަދި އެ ޕްރޮޖެކްޓަށް ފަންޑު ކޮށްދިން ކަމަށްޓަކައި ބޭންކު އޮފް މޯލްޑިވްސް އަށް ނިޑުސް އާއި ނަޑެއްލާގެ ރައްޔިތުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

ދެހާސް ނަވާރަވަނަ އަހަރު ބީއެމްއެލުން ތައާރަފްކުރި ކޮމިއުނިޓީ ފަންޑުގެ ދަށުން މިހާތަނަށް ރާއްޖޭގެ 40 ރަށެއްގައި ޕްރޮޖެކްޓު ހިންގުމަށް މާލީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.