މިއަހަރުގެ މިހާތަނަށް މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް 211 ޕްރައިވެޓް ޖެޓު ޖައްސާފައިވާ ކަމަށް އެ ތަން ބަލަހައްޓަމުން އަންނަ މޯލްޑިވިއަން އިން ބުނެފި އެވެ.

މޯލްޑިވިއަން އިން މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވީ، މާފަރަކީ އިންޓަނޭޝަނަލް އެއާޕޯޓެއް ނަމަވެސް އެތަނަށް ޖައްސަނީ ޕްރައިވެޓް ޖެޓްތައް އެކަނި ކަމަށެވެ.

"މިވަގުތު މާފަރު އެއާޕޯޓަށް މި ޖައްސަނީ ޕްރައިވެޓް ޖެޓް. މިއަހަރު ވެސް މިއަދާއި ހަމައަށް ގާތްގަޑަކަށް 211 ޖެޓު ޖައްސައިފި. އަދި އެޖެޓުތަކަށް އަޅުގަނޑުމެން މިދަނީ ހިދުމަތް ދެމުން،" މިހާދު ވިދާޅުވި އެވެ.

މާފަރު އެއާޕޯޓަށް ގިނަ އަދަދެއްގެ ޕްރައިވެޓް ޖެޓުތައް ޖައްސަނީ އެ އެއާޕޯޓް ކައިރީގައި ރާއްޖޭގެ އެންމެ މަތީ ފަންތީގެ ތިން ރިސޯޓު އޮތުމުންކަން މިހާދު ފާހަގަކުރެއްވި އެވެ. އަދި އެ ޖެޓުތަކަކީ އެ ރިސޯޓުތަކުގެ ވެރީންނާއި އެ ރިސޯޓުތަކަށް ޗުއްޓީ ހޭދަކުރަން އަންނަ ފަތުރުވުރިން ގޮވައިގެން އަންނަ ޖެޓުތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާފަރު އެއާޕޯޓަކީ އިންޓަނޭޝަނަލް އެއާޕޯޓެއް ނަމަވެސް ބޮޑެތި ފްލައިޓްތައް އެ ތަނަށް ޖެއްސުމަށް ތަން އިތުރަށް ތަރައްގީ ކުރަން ޖެހެއެވެ. އެގޮތުން މާފަރު އެއާޕޯޓުގެ ރަންވޭ ދިގު ކުރުމުގެ މަަސައްކަތް މިއަހަރުގެ ޖުލައި މަހު ފެށޭނެ ކަން މިހާދު ފާހަގަކުރެއްވި އެވެ. މިއަހަރުގެ ނިޔަލަށް އެ މަސައްކަތް ނިމުމުން ވައިޑް ބޮޑީ އެއާކްރާފްޓް އެތަނަށް ޖެއްސޭނެ ކަމަށް މިހާދު ވިދާޅުވި އެވެ.

"އެ މަސައްކަތް ނިމުމުން ވައިޑް ބޮޑީ އެއާކްރާފްޓްގައި އިސްޓާން ޔޫރަޕުން ވެސް ދަތުރުތައް ފެށުމަށް ވަނީ ޕްލޭން ކޮށްފައި،" މިހާދު ވިދާޅުވި އެވެ.