ނޯވޭގެ އޭލިން ބްރައުޓް ހާލަންޑް ޖެހި ދެގޯލާއެކު ބްރޫޝިއާ ޑޯޓްމަންޑުން ސެވިއްޔާ ކަޓުވާލައި، ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ރޭ ކުޅުނު ގަދަ 16ގެ ދެވަނަ ލެގުގައި ޑޯޓުމަންޑުން ސެވިއްޔާއާ އެއްވަރު ކޮށްފައި ވަނީ 2-2 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ޑޯޓުމަންޑް ކުއާޓާއަށް ދަތުރު ކޮށްފައި ވަނީ 5-4ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ. އެ ދެޓީމު ކުޅުނު ފުރަތަމަ ލެގުގައިވެސް ހާލަންޑް ދެ ގޯލް ޖަހާފައިވާއިރު، ރޭގެ މެޗުގެ 35 ވަނަ މިނެޓުގައި ހާލަންޑް ވަނީ އޭނާގެ ފުރަތަމަ ގޯލް ޖަހާފައެވެ.

އުމުރުން 20 އަހަރުގެ ހާލަންޑް ރޭގެ މެޗުގައި ޖެހި ދެ ގޯލަކީ އޭނާ މިހާތަނަށް ޗެމްޕިއަންސް ލީގުގައި ކުޅުނު 14 މެޗުގައި ޖެހި 19 އަދި 20 ވަނަ ގޯލެވެ.

ދެވަނަ ހާފުގެ ކުރީކޮޅުގައި ސެވިއްޔާގެ ޑިފެންސް އެއްކޮށް ކަހަލަ ގޮތަކަށް ހާވާލައި، ހާލަންޑް ވަދެގެން ގޮސް، ގޯލަށް ބޯޅަ ވައްދާލި ނަމަވެސް ރެފްރީ ކަށިގަނޑު ފުމެލާފައި ވަނީ ފައުލަކަށެވެ. ވީއޭއާރް ބެލުމަށްފަހު ރެފްރީ ޕެނެލްޓީ ދީފައިވާއިރު، ހާލަންޑްގެ ފުރަތަމަ ޕެނެލްޓީ ސަވިއްޔާ ގޯލްކީޕަރު ބުއެނޯ މަތަކުރިއެވެ. ވީއޭއާރުން ދެއްކި ގޮތުގައި ޕެނެލްޓީ ޖެހިއިރު ސެވިއްޔާ ގެ ގޯލްކީޕަރު ބުއެނޯ ހުރީ ރޮނގުން ކުރިއަށް ޖެހިއެވެ. އެހެންކަމުން ދެވަނަ ޕެނެލްޓީއެއް ހާލަންޑް ޖެހިއިރު، އެ ޕެނެލްޓީވެސް ބުއެނޯ މަތަކުރި ނަމަވެސް، ރީބައުންސް ބޯޅަ ހާލަންޑް ވައްދާލީ ފަސޭހަ ކަމާއެކުގައެވެ.

ސެވިއްޔާ ބަލިވާން ދިޔަ ނަމަވެސް އެޓީމުން އުންމީދު ދެމެހެއްޓީ ޔޫސުފް އަންނަސޭރުގެ ޕެނެލްޓީގެ އިތުރުން އޭނާ ބޮލުން ޖެހި ގޯލާއެކުވެ. އެ ދެގޯލާ އެކުވެސް ޑޯޓުމަންޑުން ވަނީ ފަހުވަގުތު ޑިފެންސްކޮށް، އިތުރު ވަގުތަށް ދިޔަ ނުދީ ހިފަހައްޓާފައެވެ.

ރޭގެ ކުރިން ޑޯޓުމަންޑުން އެންމެފަހުން ކުއާޓާއަށް ދަތުރު ކޮށްފައި ވަނީ 2016-17 ވަނަ އަހަރުގެ ސީޒަންގައެވެ.