ކާޑުގެ ބާވަތްތައް ކަމަށްވާ ހަނޑޫ، ހަކުރު އަދި ފުށް ވިއްކޭނެ އެންމެ މަތީ އަގުތައް އިކޮނޮމިކް މިނިސްޓަރީން ކަނޑައަޅައި އާންމުކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު އާންމު ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުން، ގްރޭޓާ މާލޭ ސަރަހައްދުގައި އާދައިގެ ހަނޑޫ ކިލޯއެއް ވިއްކޭނެ އެންމެ މަތީ އަގަކީ ކިލޯއެއް 4.80 ލާރިއަށެވެ. އަދި އާދައިގެ ހުދު ހަކަރު ކިލޯއެއް އެންމެ ބޮޑުކޮށް ވިއްކޭނީ 4.82 ލާރިއަށެވެ. އާދައިގެ ފުށް ކިލޯއެއް ވިއްކޭނެ އެންމެ މަތީ އަގަކީ 3.80 ލާރި އެވެ.

އިކޮނޮމިކް މިނިސްޓްރީން ވަނީ ރާއްޖެ ތިން ޒޯނަކަށް ބަހާލައި ގްރޭޓާ މާލެ އޭރިޔާ ފިޔަވައި އަނެއް ތިން ޒޯނުގައި ކާޑުގެ ބާވަތްތައް ވިއްކޭނެ އަގުތަކެއް ވެސް ކަނޑައަޅައިފަ އެވެ. އެގޮތުން، ހއ، ހދ އަދި ށ. އަތޮޅު ހިމެނޭ ޒޯން އެކެއްގައި ވިއްކާ ކާޑުގެ ބާވަތްތަކަށް އިތުރު ކުރެވޭނީ 1.02 ލާރި އެވެ. އެއީ ގްރޭޓާ މާލޭ ސަރަހައްދުގައި ވިއްކަން ކަނޑައަޅާފައިވާ އެންމެ ބޮޑު އަގަށް އިތުރު ކުރެވޭނެ ވަރެވެ.

ޒޯން ދޭއްގައި ހިމެނޭ ނ، ރ، ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ އަދި ތ އަތޮޅުގައި ކިލޯއަކަށް އިތުރު ކުރެވޭނީ 0.82 ލާރި އެވެ. ޒޯން ތިނެއްގައި ހިމެނޭ ލ، ގއ، ގދ، ޏ، އަދި އައްޑޫ ސިޓީގެ ރަށްތަކުގައި ކިލޯއަކަށް އިތުރު ކުރެވޭނީ 1.21 ލާރި އެވެ.

އަގު ކޮންޓްރޯލް ކޮށްފައިވާ މުދަލުގެ ބާވަތްތައް ކަނޑައަޅާފައިވާ ރީޓެއިލް އަގަށްވުރެ ބޮޑުކޮށް ވިއްކާނަމަ އެކަން ރިޕޯޓު ކުރުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ އެދިފަ އެވެ.

މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުން، މުދަލެއް ވަކިވަކިން ވިއްކޭނެ އެންމެ މަތީ އަގު އެ މިނިސްޓްރީން ކަނޑައަޅާފައިވަނިކޮށް، ކޮންޓްރޯލް ކުރެވުނު އަގަށްވުރެ ބޮޑުކޮށް، މުދާ ވިއްކާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ އެވެ.

އެގޮތުން އަގު ކޮންޓްރޯލް ކޮށްފައިވާ މުދަލެއް، އަގުބޮޑުކޮށް ވިއްކައިފިކަން ފާހަގަކުރެވޭ ފުރަތަމަ ފަހަރު، އެ ފަރާތެއް އެއް ލައްކަ ރުފިޔާ އިން ޖޫރިމަނާ ކުރާނެ އެވެ. އަދި ތަކުރާރުކުރާ ކޮންމެ ފަހަރަކު އެ ފަރާތެއް އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް، އަދި ހަ މަސް ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ވިޔަފާރިކުރާ ތަން ބަންދުކުރުމަށް އެންގޭނެ އެވެ.