ދީނީ މައްސަލަތަކުގައި އިލްމުވެރިން ފާޅުކުރާ ހިޔާލާއި ގުޅިގެން ފިޔަވަޅު އަޅައިގެން ނުވާނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި ލިޔުއްވާ ބައެއް ލިޔުންތަކާމެދު ލިބިފައިވާ ޝަކުވާތަކެއް ތަހުގީގުކޮށް ނިމެންދެން ގައުމީ ޔުނިވާސިޓީގެ އެސިސްޓެންޓް ޕްރޮފެސަރުގެ މަގާމުގައި ހުންނެވި ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފު ސަސްޕެންޑު ކުރަން ނިންމުމާ ގުޅިގެން ޑރ. ދީދީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދީނީ މައްސަލަތަކުގައި އިލްމުވެރިން ފާޅުކުރައްވާ އިޖްތިހާދީ ރައުޔާ ގުޅިގެން ތައުލީމީ މުއައްސަސާތަކުން ފިޔަވަޅު އެޅުމަކީ، ޝަރުއީ އަދި ގާނޫނީ އެއްވެސް ހަމަޔަކުން ކުރެވިގެންވާނެ ކަމެއް ނޫން ކަމަށެވެ.
"ސިޔާސީ ނުފޫޒުން ތައުލީމީ މުއައްސަސާތައް މިނިވަންވާންޖެހޭ،" ޑރ. ދީދީ ވިދާޅުވި އެވެ.
ޑރ. ދީދީ އެހެން ވިދާޅުވެފައިވާއިރު، ޑރ. އިޔާޒަކީ ދީނީ ކަންކަމުގައި އާންމުން ކުރާ ސުވާލުތަކަށާއި ދީދީ އެކިއެކި މައްސަލަތަކުގައި އަމަލުކުރަންޖެހޭ ގޮތުގެ އިރުޝާދު ދެއްވަމުން އަންނަ އިލްމުވެރިއެކެވެ. ނަމަވެސް އޭނާ ފާޅުކުރައްވާ ބައެއް ހިޔާލުތަކަށް އާންމުންނާއި ސިޔާސީ ބައެއް ފަރާތްތަކުން ފާޑު ކިޔަ އެވެ.
އެގޮތުން ކޮވިޑު ކޭސްތައް އިތުރުވަމުން ދިއުމާ ގުޅިގެން މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ގައިދުރުކޮށް ޖަމާއަތް ހަދަން ޖެހޭގޮތަށް ނިންމުމުން ޑރ. އިޔާޒު ވަނީ އެކަމާ ފާޅުގައި ދެކޮޅު ހައްދަވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގަިއ އެއީ ރަސޫލާގެ ސުންނަތް މުގުރާލުމެވެ.
ޚަބަރު
ޚަބަރު
ޚަބަރު