ހަކުރާގޭގައި އެލުވި ނަމަވެސް ހައްގު ބަސް ވިދާޅުވާނެ ކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި މިދިޔަ ހޯމަ ދުވަހު ޖަވާބުދާރީވަމުން އޭނާ ވެސް ވަނީ އެފަދައިން ވިދާޅުވެފައެވެ. އެ ދުވަހުގެ މަޖިލިސް ޖަލްސާގައި މަލީހު ވިދާޅުވީ ހަކުރާގޭގެ ފެންޑާގައި އެކޮޅުކޮޅުން އެލުވި ނަމަވެސް މާއްދާ 27ގެ ބޭނުން ހިފާނެ ކަމަށެވެ.

ކޮވިޑުގެ އަދަދުތައް އިތުރުވަމުން ދިއުމާ ގުޅިގެން މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ނަމާދުކުރާ އިރު ގައިދުރުކޮށް ޖަމާއަތް ހަދަން ޖެހޭގޮތަށް ނިންމުމުން އިޔާޒް ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެކަމާ ގުޅޭގޮތުން މީގެކުރިން އިޔާޒް ވިދާޅުވީ މިސްކިތުގައި ގައިދުރުކުރުމަކީ ރަސޫލާގެ ސުންނަތް މުގުރާލުން ކަމަށެވެ.

އެކަމާ ދެކޮޅަށް އިޔާޒް ވާހަކަދެއްކެވުމުން އޭނާއަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އެގޮތުން އިޔާޒް އެފަދައިން ވިދާޅުވަމުންދާ އިރު، ސައުދީ އަރަބިއްޔާ ފަދަ އިސްލާމީ ގައުމުތަކުގައި ގައިދުރުކޮށްގެން ނަމާދުކުރަނީ ކީއްވެގެންތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

ފާޑުކިޔުންތަކާ ގުޅިގެން އިޔާޒުގެ ދިފާއުގައި ދީނީ އިލްމުވެރިޔާ އަލީ ޒައިދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ލާދީނީ މީހުން ދައްކާ ބިރަކަށް ފަހަތަށް ޖެހުމެއް ނެތް ކަމަށާއި މިއީ އިމްތިހާނުގެ ވަގުތު ކަމަށެވެ. އަދި އެމްޑީޕީގެ ވަކަރުގޭ މީހުން ދައްކާ ބިރަކުން ފަހަތަކަށް ނުޖެއްސޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

ޒައިދު ދެއްވި ހިތްވަރަށް ޝުކުރު އަދާކުރުމަށް އިޔާޒު ކުރެއްވި ޓުވީޓުގައި ވިދާޅުވީ މަލީހު ވިދާޅުވި ފަދައިން ހަކުރާގޭގައި އެކޮޅުކޮޅުން އެލުވިޔަސް ހައްގު ބަސް ބުނާނެ ކަމަށެވެ.