ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ތިން ރަށެއްގައި ތިން ޕްރޮޖެކްޓެއް ހިންގަން އެރަށްތަކުގެ ރަށުގެ ކައުންސިލްތަކާ ހަވާލުކޮށްފި އެވެ.

އެ ތިން މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވަނީ ހއ. ކެލާ އާއި ހދ. ވައިކަރަދޫ އަދި ބ. ފުޅަދޫގަ އެވެ. ޒޫމް މެދުވެރިކޮށް ބޭއްވި ރަސްމިއްޔާތެއްގައި އެލްޖީއޭގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު ފާތިމަތު އަފްޝަން ލަތީފެވެ. އަދި ކައުންސިލުތަކުގެ ފަރާތުން ސޮއިކުރެއްވީ އެ ކައުންސިލުތަކުގެ ރައީސުންނެވެ.

މިއަދު ސޮއިކޮށްފައިވަނީ 2.8 މިލިއަން ރުފިޔާއަށް ކެލާގައި މަސް މާރުކޭޓެއް އެޅުމަށާއި 2.5 މިލިއަން ރުފިޔާއަށް ވައިކަރަދޫގައި މަސް މާރުކޭޓެއް އެޅުމުގެ އިތުރުން ފުޅަދޫގެ ކައުންސިލް އިދާރާ އެޅުމަށެވެ. އެ ޕްރޮޖެކްޓުގެ އަގަކީ 3.5 މިލިއަން ރުފިޔާ އެވެ.

ވައިކަރަދޫ މަސްމާރުކޭޓު ޑިސެމްބަރު 4، 2019 ވަނަ ދުވަހު ވަނީ ބަޔަކާ ހަވާލުކުރި ނަމަވެސް ކޮންޓުރެކްޓަރު ކައުންސިލަށް، އެންގުމަކާ ނުލައި އެއްވެސް މަގުބޫލު އުޒުރެއް ނެތި ސައިޓުގައި މަސައްކަތް ނުކުރާތާ 28 ދުވަސްވުމާއި އަދި މުއްދަތަށް މަސައްކަތް ނިންމާފައިނުވާތީ ޖޫރިމަނާގެ ގޮތުގައި 15 ޕަސެންޓަށްވުރެ އިތުރުވެފައިވާތީ، އެގްރިމެންޓު ވަނީ މާލިއްޔަތު ގަވާއިދުގައިވާ ގޮތުގެ މަތީން ބާތިލުކޮށްފަ އެވެ.

ނަމަވެސް އެތަނުގެ 24 ޕަސެންޓް މަސައްކަތް ވަނީ ނިމިފައެވެ. މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ކައުންސިލުން އެހެން ފަރާތަކާ ހަވާލުކޮށްގެން ނުނިމި ހުރި މަސައްކަތް ނިންމާލެވޭނެ ކަމަށް އެލްޖީއޭ އިން ބުނެ އެވެ.

އެލްޖީއޭ އިން 2019 ވަނަ އަހަރު ފަށައި މިއަދާ ހަމައަށް ނުނިމި އޮތް ހަތަރު ޕްރޮޖެކްޓެއް އެބައޮތެވެ. އެއީ ހަތަރު ރަށެއްގެ ކައުންސިލް އިދާރާގެ މަސައްކަތެވެ. އެ ހަތަރު ރަށަކީ ޅ. ނައިފަރާއި ކ. ހުރާ އާއި ގއ. ކޮނޑޭ އަދި ލ. އިސްދޫގެ ކައުންސިލް އިދާރާގެ މަސައްކަތެވެ. މިދިޔަ އަހަރު ފަށައި ނުނިމި ވަނީ އެންމެ ޕްރޮޖެކްޓެކެވެ. އެއީ ދ. ކުޑަހުވަދޫ ކައުންސިލް އިދާރާގެ މަސައްކަތެވެ. މިއަހަރު އަލަށް 24 ޕްރޮޖެކްޓެއް ފެށުމަށް ވަނީ ނިންމައިފަ އެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 69 ވަނަ މާއްދާގައިވާ ގޮތުން ގައުމީ އިދާރާތަކުން ރަށެއްގައި ނުވަތަ އަތޮޅެއްގައި ހިންގުމަށް ކަނޑައަޅައި ޕީއެސްއައިޕީ މަޝްރޫއުގެ ތެރެއިން، އެ މަޝްރޫއުއެއްގެ އަގު ފަސް މިލިއަން ރުފިޔާއަށްވުރެ ދަށްނަމަ އެ މަޝްރޫއުތައް ހިންގަންވާނީ، އެ ރަށެއްގެ ނުވަތަ އަތޮޅެއްގެ ކައުންސިލް މެދުވެރިކޮށެވެ.