ކޮވިޑް-19 އާއި ގުޅިގެން ވަޒީފާއަށް އަސަރުކޮށް އަދި ވަޒީފާ ގެއްލިފައިވާ މީހުންނަށް ދޭ، އިންކަމް ސަޕޯޓް އެލަވަންސުގެ ގޮތުގައި 292.8 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.
ކޮވިޑުގެ ސަބަބުން ކުރިމަތި ވި އިގުތިސޯދީ ކާރިސާއާ ގުޅިގެން ވަޒީފާ ގެއްލުނު މީހުންނާއި ވަޒީފާގެ ހާލަތަށް އަސަރުކޮށްފައިވާ މީހުންނަށް އެހީގެ ގޮތުގައި ދޭ "އިންކަމް ސަޕޯޓް" ރިޕޯޓުގައިވާ ގޮތުން މިދިޔަ މަހުގެ 25 ވަނަ ދުވަހާއި ހަމަޔަށް އިންކަމް ސަޕޯޓު އެލަވަންސްގެ ގޮތުގައި 292.8 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ.
އެގޮތުން 18،534 ފަރާތަކަށް އިންކަމް ސަޕޯޓް އެލަވަންސް 66،551 ފަހަރު ދޫކުރެވިއްޖެ ކަމަށް ފިނޭންސުން ވަނީ ބުނެފަ އެވެ.
އިންކަމް ސަޕޯޓު އެލަވެންސްގެ ގޮތުގައި ފައިސާ ދޫކުރަން ފެށީ މިދިޔަ އަހަރުގެ މެއި 20 ވަނަ ދުވަހުން ފެށިގެންނެވެ. މި އެހީ ދެނީ ކޮވިޑް 19 އާ ގުޅިގެން އިގުތިސޯދަށް އެހީވާން ސަރުކާރުން އިއުލާނު ކުރި 2.5 ބިލިއަން ރުފިޔާގެ ރިލީފް ޕެކޭޖުގައި ހިމަނައިގެނެވެ.
ވޯލްޑް ބޭންކުން ވަނީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް އަށް އިތުރު 21.6 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 332,6 މިލިއަން ރުފިޔާ) ދޭން ނިންމާފަ އެވެ. އެ ބޭންކުން ބުނީ އިތުރަށް ހަމަޖެއްސި މި ފައިސާގެ ތެރެއިން 12.8 މިލިއަން ޑޮލަރަކީ މިދިޔަ އަހަރުގެ ޖޫން މަހު ވޯލްޑް ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކުރި "ކޮވިޑް-19 އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް" ފުޅާ ކުރަން ދިން ފައިސާ ކަމަށެވެ.
ސަރުކާރުން ފަހުން އެކުލަވައިލި އިންކަމް ސަޕޯޓް އެލަވަންސް އުސޫލުގައި ބުނާ ގޮތުން، ވަޒީފާއިން ވަކިކޮށްފައިވާ މީހުން ނުވަތަ ސަސްޕެންޑް ކޮށްފައިވާ މީހުންނާއި ނޯޕޭގައި ތިބި މީހުންނަށް ދޭން ނިންމާފައިވަނީ 5،000 ރުފިޔާގެ އެލަވަންސެކެވެ. މުސާރައިން އުނިކޮށްފައިވާ މީހުންގެ ތެރެއިން 5،000 ރުފިޔާއަށްވުރެ ކުޑަ މުސާރައެއް ލިބޭ މީހުންނަށް 5،000 ރުފިޔާއިން މިހާރު ލިބޭ އަދަދެއް އުނިކުރުމުން ޖެހޭ އަދަދު ލިބޭނެއެވެ.
މީގެ އިތުރުން އެލަވަންސް ދިނުމުގައި ހުށަހަޅާފައިވާ ފަރާތަކީ އެހެން އާމްދަނީއެއް ލިބޭ ފަރާތެއް ނަމަ، އެފަދައިން ލިބޭ އިތުރު އާމްދަނީން މަހެއްގެ މައްޗަށް ލިބޭ އަދަދަކީ 5000 ރުފިޔާއަށްވުރެ ދަށް އަދަދެއް ނަމަ، 5،000 ރުފިޔާއިން އެ އަދަދު އުނިކުރުމުން ބާކީ އޮންނަ އަދަދާ އެއްވަރުގެ އަދަދެއް ލިބޭނެ އެވެ. ނަމަވެސް އެލަވަންސް ހޯދުމަށް ހުށަހަޅައިފައިވާ ފަރާތަކީ އެހެން އާމްދަނީއެއް ލިބޭ ފަރާތެއް ނަމަ، އެފަދައިން ލިބޭ އިތުރު އާމްދަނީން މަހެއްގެ މައްޗަށް ލިބޭ އަދަދަކީ 5000 ރުފިޔާ އަށްވުރެ ބޮޑު އަދަދެއްނަމަ އެ މީހަކަށް އެލަވެންސް ނުލިބޭނެ ކަމަށްވެސް އުސޫލު ބުނެ އެވެ.
އުސޫލު ބުނާ ގޮތުން، އަމިއްލަ މަސައްކަތްކުރާ މީހުންގެ ތެރެއިން އާމްދަނީއަށް އަސަރުކޮށްފައިވާ މީހުންނަށްވެސް 5،000 ރުފިޔާގެ އެލަވެންސް ލިބޭނެ އެވެ. އަމިއްލަ މަސައްކަތްކުރާ މީހުންގެ ތެރެއިން އެލަވެންސް ލިބޭނީ އިތުރު ވަޒީފާއެއް އަދާނުކުރާ މީހުންނަނަށެވެ. މި އެލަވެންސް ދޭނެ މީހުންގެ ތެރޭގައި އަމިއްލަ މަސައްކަތްތެރިން ރަޖިސްޓަރީކޮށްގެން ހިންގާ ވިޔަފާރިތަކެއް ނުހިމެނެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު