ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފާއި ފިލްމީ ތަރި އަހުމަދު ޒިޔާ ކައިވެނި ބައްލަވައިގެންފި އެވެ.
ލޯބީގެ ގޮތުން ދުވަސްތަކެއް ވަންދެން އެކުގައި އުޅުމަށްފަހު ދެ މީހުން އެންގޭޖުވީ މިދިޔަ ޖަނަވަރި މަހުގެ ތެރޭގައި އެވެ. އަދި މިއަދު ކައިވެނި ބައްލަވައިގަތީ ފެމެލީ ކޯޓުގައެވެ.
"ވަން" އާ ވާހަކަ ދައްކަވަމުން ޝިދާތާ ވިދާޅުވީ، ކޮވިޑުގެ މި ހާލަތުގެ ގޮތުން މާބޮޑު ހަފުލާއެއް ބޭއްވުމަށް ހަމަޖެހިފައި ނުވާ ކަމަށާއި ނަމަވެސް އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ދެ ފަރާތުގެ އާއިލާ މެންބަރުންނާ ބައްދަލު ކުރައްވާނެ ކަމަށެވެ.
އަދި ކޮވިޑާ ގުޅިގެން ދަތުރުފަތުރު ކުރުމަށް ބޮޑެތި ހުރަސްތަކެއް ހުރުމުން އިތުރު ތަނަކަށް ދިއުމުގެ ބަދަލުގައި ދެމަފިރިން އެކުގައި މާލޭގައި މަޑު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.
ޝިދާތާ އާއި ޒިޔާ ވެސް މީގެ ކުރިން ކައިވެންޏެއް ކޮށްފައިވެ އެވެ. އެގޮތުން ޒިޔާ ދެ ކައިވެންޏެއް ކޮށްފައިވާއިރު، އެއް ކުއްޖަކު ލިބިފައިވެއެވެ. ޝިދާތާ މީގެ ކުރިން ކޮށްފައިވަނީ އެއް ކައިވެންޏެވެ. އެ ކައިވެންޏަށް ތިން ދަރީން އެބަ ތިއްބެވެ.
ޒިޔާއާ އެންގޭޖު ވެފައިވާކަން ހާމަކުރައްވަމުން ޝިދާތާ މީގެ ކުރިން ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ "ފުރިފައިވާ ހިތަކާއެކު މިއީ ހަޔާތުގެ އާ ދަތުރެއް، އާ ފެށުމެއް" ކަމަށެވެ.
ޝިދާތާ ވިދާޅުވީ، ކުރީން ވެސް ޒިޔާ ދެނެވަޑައިގަންނަވާ ކަމަށާއި ނަމަވެސް ލޯބީގެ ގޮތުން ވާހަކަދައްކަވަން ފެއްޓެވީ ވަރަށް ފަހުން ކަމަށެވެ. ޒިޔާއަކީ އޭނާއާ ވަރަށް ގުޅޭ، ރަނގަޅު މިޒާޖެއްގެ މީހެއް ކަމަށް ގަބޫލު ކުރެއްވޭ ކަމަށް ވެސް ވިދާޅުވި އެވެ.
ޝިދާތާއަށް ވުރެން ޒިޔާ 10 މަސް ދޮއްޓެވެ. ދެ މީހުންގެ އެހެން ކައިވެނިތަކަށް ކުދީން ތިބި ނަމަވެސް އެއީ މައްސަލައެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ޝިދާތާ މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ ޖެންޑާ މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި ޝިދާތާ އިސްތިއުފާ ދެއްވީ އެ މަގާމުގައި ހުންނަވައިގެން ޒިންމާ އަދާ ނުކުރެއްވޭ ކަމަށް ބުނެ، ބައެއް ސިޔާސީ ބޭފުޅުންނާއި އާންމުން ކުރިމަތި ކުރުވި ޕްރެޝަރުތަކާ ގުޅިގެން މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ހަވަނަ ދުވަހު އެވެ.
ޚަބަރު
ޚަބަރު
ޚަބަރު